ކުޅުދުއްފުށިން ޕޮސިޓިވް ކޭސްތައް ފެންނަ ގޮތް ތަފާތު، މޮނިޓަރިން އުވާލެވޭނެ ދުވަހެއް ނޭނގެ!

ހދ. ކުޅުދުއްފުށީ ސިޓީ ގައި ހުންނަ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދެއްކި މީހަކު ކޯވިޑަށް ޕޮސިޓިވްވެ އެ ސިޓި މޮނިޓަރިންގެ ހާލަތަށް ގެނައީ މިމަހުގެ 11 ވަނަ ދުވަހު އެވެ. މިއ...

19 May 2021 | 08:07

ހދ. ކުޅުދުއްފުށީ ސިޓީ ގައި ހުންނަ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދެއްކި މީހަކު ކޯވިޑަށް ޕޮސިޓިވްވެ އެ ސިޓި މޮނިޓަރިންގެ ހާލަތަށް ގެނައީ މިމަހުގެ 11 ވަނަ ދުވަހު އެވެ.

މިއީ ކުޅުދުއްފުށި މިމަހުގެ ތެރޭގައި މޮނިޓަރިންގެ ހާލަތަށް ގެނައި ދެ ވަނަ ފަހަރެވެ. މިމަހުގެ ދެ ވަނަ ދުވަހު ފްލޫ ކްލިނިަކށް ދެއްކި ދެ މީހަކު ޕޮސިޓިވްވުމުން އެ ސިޓި މޮނިޓަރިންގެ ހާލަތަށް ގެނައުމަށް ފަހު އެ ފަހަރު އާންމު ހާލަތަށް ގެނައީ މިމަހުގެ އަށް ވަނަ ދުވަހު އިތުރު މީހަކު ޕޮސިޓިވް ނުވުމުންނެވެ.

ކުޅުދުއްފުށީގައި މިފަހަރުގެ ޕޮސިޓިވް ކޭސްއާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހަދަމުންދާއިރު ޕޮސިޓިވް ކޭސްތައް ފެންނަނީ އާދަޔާ ހިލާފު އަދި އުނދަގޫ ގޮތަކަށެވެ. އެގޮތުން ދެ ދުވަހު ޕޮސިޓިވް ކޭސްއެއް ނުފެނި ހުރުމަށް ފަހު އަނެއް ދުވަހަކު ނަގާ ރެންޑަމް ސާމްޕަލެއް ޕޮސިޓިވްވާތަން ދަނީ ފެންނަމުންނެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން މިފަހަރު މޮނިޓަރިންގެ ހާލަތަށް ގެނައި ފަހުން ޕޮސިޓިވްވެފައިވަނީ އެންމެ 11 މީހުންނެވެ. އިއްޔެ އެ ސިޓީން ކޮންޓެކްޓުންނާއި ރެންޑަމްކޮށް 79 ސާމްޕަލެއް ނަގާފައިވާއިރު ހުރިހާ ސާމްޕަލެއް ވަނީ ނެގެޓިވްވެފައި އެވެ.

މިދިޔަ ހަފްތާއެެއްހާ ދުވަހުގެ ތަފާސް ހިސާބަށް ބަލާއިރު 17 ވަނަ ދުވަހު ނެގި 10 ސާމްޕަލްގެ ތެރެއިން ޕޮސިޓިވްވީ ދެ ސާމްޕަލެވެ. 16 ވަނަ ދުވަހު 60 ސާމްޕަލް ޓެސްޓު ކުރި އިރު ހުރިހާ ސާމްޕަލެއް ނެގެޓިވްވި އެވެ.

މިމަހުގެ 15 ވީ ހޮނިހިރު ދުވަހު ނެގި 40 ސާމްޕަލުން ދެ ސާމްޕަލް ޕޮސިޓިވްވެފައިވެ އެވެ. އެކަމަކު އޭގެ ކުރީ ދުވަހު ޓެސްޓު ކުރި 53 ސާމްޕަލާއި މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ޓެސްޓު ކުރި 50 ސާމްޕަލް ވަނީ ނެގެޓިވްވެފައި އެވެ.

ކޮންމެ ދުވަހަކު ގިނަ އަދަދެއްގެ ސާމްޕަލް އެ ސިޓިން ކޯވިޑަށް ޓެސްޓު ކުރަމުން ދާއިރު މަދު ސާމްޕަލެއް ޕޮސިޓިވް ވިޔަސް ކޭސްތައް ފެންނަމުން ދަނީ މޮނިޓަރިންގެ ހާލަތު އުވާލެވޭ ގޮތަކަށް ނޫންނެވެ. މޮނިޓަރިންގެ ހާލަތަށް ގެންނަ ރަށްރަށް އާންމު ހާލަތަށް ގެނެސް ރަށް ހުޅުވާލަނީ ރަށުތެރެއިން ނަގާ ރެންޑަމް ސާމްޕަލް ތައް ފަސް ވަރަކަށް ދުވަސް ވަންދެން ނެގެޓިވް ވާނަމަ އެވެ.

އެކަމަކު ކުޅުދުއްފުއްޓަށް ދިމާވެފައިވަނީ ތަފާތު ގޮތެކެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ މިގޮތަށް ކޭސްތައް ފެންނަ ނަމަ އެ ސިޓީ އާންމު ހާލަތަށް ގެންނަން ދުވަސް ނަގާނެ ކަމަށެވެ.

ކުޅުދުއްފުށީ ސިޓީ އާއި އެކު ކޯވިޑް ފެތުރޭތީ އަތޮޅު ތެރޭގެ 60 ރަށެއް އޮތީ މޮނިޓަރިންގެ ހާލަތުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް