އުމަރު ނަސީރުގެ ކައިވެންޏަށް25 އަހަރު ފުރުމާ ގުޅިގގެން މީސްމީޑިޔާގައި ކުރި ޕޯސްޓެއްގައި އުމަރު ވަނީ ހުރިހާ ޝުކުރަކާ ސަނާއެއް އޭނާގެ "ހޯމް މިނިސްޓަރަށް" ފޮނުވާފައެވެ.
އުމަރު އޭނާގެ އަންހެނުން އައިޝަތު ޝާޒްލީ އާއެކު ނަގާފައިވާ ނަލަނަލަ ފޮޓޯއެއް ހިއްސާކުރަމުން ބުނީ އުމަރުގެ މަންމަ، އުމަރަށް ވުރެ އޭނާގެ އަންހެނުން ދެކެ ލޯބި ވާ ކަމަށެވެ. އަދި އުމަރުގެ ދަރިންނާއި ދަނބި ދަރިންވެސް އުމަަރަށްވުރެ ބޮޑަށް އުމަރުގެ އަންހެނުން ދެކެ ލޯބިވާކަމަށް އުމަރު ބުނެފައި ވެއެވެ.
ކައިވެނީގެ 'އެނިވަރސަރީ' އާ ގުޅޭގޮތުން 'ދުވަސް' އަށް މައުލޫމާތު ދެމުން އުމަރު ބުނެފައި ވަނީ، އަލަތު ކައިވެނީގެ މަތީގައި މިގޮތަށް އަހަރުތަކެއް ވޭތުކުރުމަކީ ވަރަށް ބޮޑު 'އެޗީވްމަންޓް' އެއް ކަމަށެވެ.
އުމަރަށް ގުޅާލުމުން ހިނިގަނޑެއް ޖަހާލުމަށްފަހު ބުނީ 'ކޭކެއް ފަޅާ ހުރިހާކަމެއް ނިމިއްޖެ' ކަމަށެވެ. ގޭގައި ކުޑަކޮށް އެކަމުގެ އުފާ ފާޅުކޮށް ކޭކެއް ފަޅާލިކަމަށް އުމަރު ބުންޏެވެ.
އުމަރު ފާހަގަކުރެއްވި ގޮތުގައި ޒަވާޖީ ހަޔާތުގެ ކަންކަން ލުއިލުއިކޮށް 25 އަހަރު ބޭއްވުމަކީ ކާމިޔާބީއެއް ކަމަށެވެ.
އުމަރު ވަނީ އޭނާގެ އަންހެނުންނަކީ ގޭގެ ވެރިމީހާ އަދި އޭނާގެ 'ހޯމް މިނިސްޓަރ' ކަމަށް ބުނެފައެވެ.
" ގޭގެ ފައިސާ އާއި، އިދާރީ ކަންކަމާ އަދި ދުވަހުން ދުވަހަށް ކުރަންޖެހޭ ހުރިހާ ކަމެއްގެ ވެރިޔަކީ އޭނާ " އުމަރުގެ ހޯމް މިނިސްޓަރ ސިފަކޮށްދެމުން ބުނެފައި ވަނީ މިހެންނެވެ.
" އަހަރުމެންގެ ކައިވެންޏަށް 25 އަހަރު ފުރޭ މި އުފާވެރި ދުވަހުގެ ހެޔޮއެދުން ތައް ލޯބިވާ އަންހެނުންނަށް ފޮނުވަމެވެ." އުމަރުގެ މެސެޖް ނިންމާލަމުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް