ކާފިއު ހިންގަން ފަށާތާ 15 މިނެޓްތެރޭ މާލެ ހަމަހިމޭންވާކަމަށާއި، އެހެންނަމަވެސް ރޭގަނޑަށް ބާރުބޮޑުވެ ރެޔަކު 21،000 މީހުންނާއި ސުވާލު ކުރާކަމަށް ފުލުހުން ބުނެފިއެވެ.
ރޭ އޮތް ޓީވީ ޕްރޮގުރާމެއްގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ފަސީހް ވަނީ އެޗްޕީއޭގެ މިންގަނޑުތައް ހިންގުމުގައި އެންމެންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބެމުންދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ވިޔަފާރިވެރިންވެސް ކާފިއުގަޑީގައި ބޭރަށް ނިކުތުމަށް ފުލުހުންގެ ޕޯޓަލްއިން ނަގަންޖެހޭ ހުރިހާ ހުއްދައެއް ޤަވައިދުން ނަގަމުންދާކަމަށް ވިދާޅުވިއެވެ. އަދި ބޭރަށް ދާން އާންމުން ނިކުންނަނަމަވެސް ބޭރަށް ނަގަންޖެހޭ ވަގުތީ ހުއްދަ ނުވަތަ އޮފީސްތަކުން ދޭންޖެހޭ މަނާގަޑީގައި ބޭރަށް ނިކުމެ އުޅުމުގެ ހުއްދަ ނަގާކަމަށް ވިދާޅުވިއެވެ.
ކޮންމެ ދުވަހެއްގެވެސް ހަވީރު 4ން ފަތިހު 4ށް ޖުމުލަ 12 ގަޑިއިރުގެ ކާފިއުއެއް މާލޭގައި ހިންގާއިރު، ކާފިއު ހިންގަން ފަށާތާ 15 ވަރަކަށް މިނެޓްގެ ތެރޭގައި އާންމުން މަގުމަތިން ހުސްވެ މުޅި މާލެ "ހަމަހިމޭން"ވާކަމަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ފަސީހް ވިދާޅުވިއެވެ. އަހުމަދު ފަސީހް ވަނީ ކާފިއު ހިންގާ ވަގުތު 21،000 (އެކާވީސް ހާސް) މީހުންނާއި ބައްދަލުވެ ޗެކްކުރާކަމަށް ވިދާޅުވިއެވެ. އެޗްޕީއޭގެ ގައިޑްލައިނަށް އާންމުން ފުރިހަމައަށް ތަބާވާކަން ސާބިތުކޮށްދެއްވުމަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ފަސީހް ވަނީ ފިޔަވަޅުއަޅާމީހުންގެ އަދަދު ނިސްބަތުން މަދުވުމުން މިކަން ހާމަވާކަމަށް ވިދާޅުވިއެވެ.
މާލެ ސަރަހައްދުގެ އިތުރުން މޮނިޓަރިންގެ ޙާލަތުގައި މިހާރު އޮތް ކޮންމެ ރަށެއްގައިވެސް ކޯވިޑް-19ގެ ފިޔަވަޅުތައް ތަންފީޒުކުރުމުގައި ފުލުހުން ހަރަކާތްތެރިވަމުންދާއިރު، މި އޮޕަރޭޝަންގައި ސިފައިން ބައިވެރިވުމުން އޮޕަރޭޝަންއަށް ބޮޑު ބާރަކާއި ދިރުމެއް ލިބިގެން ގޮސްފިކަމަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ފަސީހް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް