ކޯވިޑް ޖެހިގެން މިއަދު ނިޔާވި މީހުންގެ ޖުމުލަ އަދަދު 6އަށް!

ކޯވިޑް-19 ޖެހިގެން މިއަދު ރާއްޖެ އިން އިތުރު ތިން މީހަކު ނިޔާވެ، މި ބަލީގައި މިއަދު ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު ހައަކަށް އަރައިފިއެވެ. މިއާއެކު ރާއްޖެއިން މަރުވި މީހުންގެ ޖުމުލަ އަދަދު 111ށް އަ...

19 May 2021 | 05:33

ކޯވިޑް-19 ޖެހިގެން މިއަދު ރާއްޖެ އިން އިތުރު ތިން މީހަކު ނިޔާވެ، މި ބަލީގައި މިއަދު ރާއްޖެ އިން ނިޔާވި މީހުންގެ އަދަދު ހައަކަށް އަރައިފިއެވެ. މިއާއެކު ރާއްޖެއިން މަރުވި މީހުންގެ ޖުމުލަ އަދަދު 111ށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ އެއް ގަޑިއިރަށްވުރެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކޮވިޑަަށް ފަރުވާހޯދަމުންދިޔަ ފަސް މީހުން ނިޔާވެފައިވާކަން ހާމަކޮށްފައެވެ. އެގޮތުން ރާއްޖޭގެ ކޮވިޑްގެ 106 ވަނަ މަރުގެ ގޮތުގައި އެޗްޕީއޭ އިން ރިޕޯޓްކޮށްފައި ވަނީ ލ. ގަމު ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 87 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ނިޔާވެފައި ވަނީ އަންގާރަ ދުވަހުގެރޭ ދަންވަރު 01:45 ގައެވެ. 107 ވަނަ މަރު ވެސް ރިޕޯޓްކޮށްފައި ވަނީ ލ. ގަމު ކޮވިޑް ފެސިލިޓީންނެވެ. އެއީ އުމުރުން 69 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ ނިޔާވެފައި ވަނީ އަންގާރަ ދުވަހުގެރޭ ދަންވަރު 03:01 ގައެވެ.

ކޯވިޑް-19ގެ 108 ވަނަ މަރުގެ ގޮތުގައި އެޗްޕީއޭ އިން ރިޕޯޓްކޮށްފައި ވަނީ 73 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ނިޔާވެފައި ވަނީ އައިޖީއެމްއެޗްގެ އެމަޖެންސީއަށް ގެނެސް ފަރުވާދެމުން ދަނިކޮށް ބުދަ ދުވަހުގެ ހެނދުނު 07:25 ގައެވެ.

މީގެ އިތުރުން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ ތިން މީހަކު ނިޔާވެފައިވާ ކަމަށް އެޗްޕީއެއް ވަނީ ރިޕޯޓްކޮށްފައެވެ. އެއީ 109 ވަނަ މަރުގެ ގޮތުގައި ރިޕޯޓްކޮށްފައިވާ އުމުރުން 51 އަހަރުގެ އިންޑިއާގެ ފިރިހެނަކާއި 110 ވަނަ މަރުގެ ގޮތުގައި ރިޕޯޓްކޮށްފައިވާ 63 އަހަރުގެ ދިވެހި އަންހެނެކެވެ. އިންޑިއާގެ ފިރިހެން މީހާ ނިޔާވެފައި ވަނީ ބުދަ ދުވަހުގެ ހެނދުނު 08:44 ގައެވެ. އަދި ދިވެހި އަންހެން މީހާ ނިޔާވެފައި ވަނީ ބުދަ ދުވަހުގެ ހެނދުނު 08:30 ގައެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހަކު ބުދަ ދުވަހުގެ ހެނދުނު 09:48 ގައި ނިޔާވެފައިވާކަމަށް އެޗްޕީއޭ އިން ރިޕޯޓްކޮށްފައި ވަނީ 111 ވަނަ މަރުގެ ގޮތުގައެވެ.

ރާއްޖެއިން ކޯވިޑް-19ށް ފަރުވާހޯދަމުންދިޔަ މީހުންގެ ތެރެއިން 111 މީހުން ނިޔާވެފައިވާކަމަށް ރިޕޯޓްކޮށްފައިވާއިރު، މި މެއި މަހު އެކަނި ވެސް 37 މީހުން ވަނީ ނިޔާވެފައެވެ. އަދި މިއަހަރުގެ މިހާތަނަށް 50ށް ވުރެ ގިނަ މަރު މިވަނީ ރިޕޯޓްކޮށްފައެވެ.

ފާއިތުވި 24 ގަޑިއިރު، ރާއްޖެ އިން އިތުރު 1465 މީހުން ކޯވިޑް-19 އަށް ފައްސިވެފައި ވެއެވެ. މިއީ 3703 މީހުން ކޮވިޑަށް ޓެސްޓް ކޮށްގެން ފައްސިވި މީހުންނެވެ. މީގެތެރޭގައި ހިމެނެނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ފައްސިވި 517 މީހުންނެވެ. އެހެންކަމުން 948 މީހުންނަކީ ކުރިން ކޮވިޑަށް ޓެސްޓް ކުރަން ސުންކު ނަގައި ނަތީޖާ ނުލިބި ތިބި މީހުންނެވެ.

މިއަދު ފައްސިވިކަން އިއުލާންކުރި މީހުންގެ ތެރެއިން 1213 މީހުން ފައްސިވީ މާލެ އިންނެވެ. 244 މީހުން ފައްސިވީ ފައްސިވީ މީހުން ދިރިއުޅޭ ރަށްތަކުންނެވެ. އަށް މީހަކު ރިސޯޓްތަކުން ފައްސިވިއެވެ.

މިއަދު ރާއްޖެ އިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު އިއްޔެ ފައްސިވި މީހުންނަށްވުރެ އިތުރުވި ނަމަވެސް މިއަދު ޓެސްޓް ކުރި މީހުންގެ އަދަދު މަދެވެ. އިއްޔެ 4480 މީހަކު ކޮވިޑަށް ޓެސްޓް ކުރިއެވެ. އިއްޔެ ފައްސިވީ 1465 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް