ފަލަސްތީނަށް ތާއީދުކޮށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ކުރި ޓްވީޓު ޑިލީޓް ކުރުމާއި އަލުން ޓުވީޓު ކުރި ކުރި ގެނައި ބަދަލުން ގިނަ ބައެއްގެ ފާޑުކިޔުން އެ ކުންފުންޏަށް އަމާޒުވަމުން އެބަދެ އެވެ.
އެމްއޭސީއެލްއިން ފުރަތަމަ ފަލަސްތީނަށް ތާއީދު ކޮށް ކުރި ޓުވީޓުގައި އިނީ ދިވެހިން ފަލަސްތީން ރައްޔިތުންނާއި އެކު ވާކަމަށް ބުނެފައި އެވެ. އަދި ތިރީގައި "ފްރީ ފަލަސްތީން" ޖަހާފައިވެ އެވެ. އެކަމަކު އެ ކުންފުނީގެ ރަސްމީ ޓުވިޓާ އެކައުންޓުން ވަނީ އޭގެ އިރުގަނޑެއް ފަހުން އެ ޓުވީޓު ޑިލީޓް ކޮށްލާފައި އެވެ.
ފުރަތަމަ ޕޯސްޓް ޑިލީޓް ކުރުމުގެ ސަބަބުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ އެކަން އެ ކުންފުނިން ކުރީ، ސީއީއޯ ގޯޑަން އެންޑްރޫ ސްޓްވާޓް ވިދާޅުވެގެން ކަމަށް ބުނެ ތުހުމަތު ކޮށްފަ އެވެ. ސަރުކާރުން ފަލަސްތީނަށް ތާއީދުކުރާ ކަމަށް ބުނެފައިވާއިރު، ސަރުކާރުގެ ކުންފުންޏަކުން އެފަދަ ޕޯސްޓެއް ޑިލީޓު ކޮށްގެން ނުވާނެ ކަމަށް އެތައް ބަޔަކު ދެކެ އެވެ.
ފަހުން އެމްއޭސީއެލްއިން ކުރި ޓުވީޓަށް ގެނެސްފައިވަނީ އެންމެ ބަދަލެކެވެ. އެއީ "ފްރީ ފަލަސްތީން" ޖަހާފައިވާ ތަން ކަނޑާލުމެވެ.
https://twitter.com/MACLmedia/status/1394701125916389377
ސޯޝަލް މީޑިއާގައި އަމާޒުވަމުން ދިޔަ ފާޑުކިޔުންތަކާއި ގުޅޭގޮތުން އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަންގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފު މީޑިއާގައި ވިދާޅުވެފައިވަނީ ޓްވީޓު ނެގީ އެމްއޭސީއެލް ފަދަ ކުންފުންޏަކުން ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރާއިރު، ބަލަންޖެހޭ ކުރަންޖެހޭ ކަންތައްތަކެއް ހުރުމުން ކަމަށެވެ. ޓްވީޓު ޑިލީޓް ކުރުމުގައި އިނގިރޭސިވިލާތަށް ނިސްބަތްވާ އެ ކުންފުނީގެ ސީއީއޯގެ އެއްވެސް އަތެއް ނެތް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް