އެންމެ އަވަހަށް އެހެން ޤައުމުތަކަށް ކޮރޯނާ ވައިރަސްގެ ވެކްސިން ފޯރުކޮށް ދެވޭނެ ކަމަށް ލަފާ ކުރެވެނީ މި އަހަރުގެ ފަހު ކޮޅުގައި ކަމަށް އިންޑިއާގައި ކޯވިޑު-19 ގެ ވެކްސިން އުފައްދާ ކުންފުނި ކަމަށްވާ ދަ ސީރަމް އިންސްޓިޓިއުޓު އޮފް އިންޑިއާއިން ބުނެފިއެވެ.
އެ ކުންފުނިން ބުނީ ވެކްސިން ފޯރުކޮށް ދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ އިންޑިއާށް ކަމަށެވެ. އިންޑިއާއަށް ވެކްސިން ފޯރު ކޮށްދިނުން ލަސް ވެއްޖެެނަމަ، ކޮރޯނާ ވައިރަސްއިން ދިފާއު ވުމަށް މުޅި ދުނިޔޭން ކުރަމުން އަންނަ މަސައްކަތަށް ހުރަސްތަކެއް އެޅިގެން ދާނެ ކަމަށް ބެލެވެއެވެ.
ދަ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ(އެސްއައިއައި)އަކީ ދުނިޔޭގައި އެންމެ ގިނައިން ކޯވިޑު-19 ގެ ވެކްސިން އުފައްދާ އަދި ވެކްސިން އެހެން ޤައުމުތަކަށް އެކްސްޕޯޓު ކޮށްދޭ ކުންފުންޏެވެ. އެސްއައިއައި އިން ބުނީ ކޮރޯނާ ވައިރަސްގެ ވެކްސިންގެ ހުރިހާ އެކްސްޕޯޓެއް މިހާރު ފަސްކޮށްފައިވާ ކަމަށެވެ. އަދި މި ގޮތަށް ނިންމީ، މި ސަރަހައްދުގައި ކޮވިޑުގެ ކޭސްތައް އިތުރު ވަމުން ދިއުމާއި ގުޅިގެން ކަމަށެވެ.
މި ހާލަތުގައި، ކޮވިޑު ފެތުރިގެން ދިއުމުގެ ސަބަބުން އިންޑިއާއަށްވެސް ބޮޑެތި ގެއްލުންތަކާއި ކުރިމަތި ލާން ޖެހިފައެވެ. އދ އިން ހިންގާ ކޯ-ވެކްސް ސްކީމަށްވެސް ވެކްސިން ފޯރުކޮށް ދެނީ މި ކުންފުނިންނެވެ. މި ސްކީމަކީ، ފަޤީރު ޤައުމުތަކަށް ހިލޭ ވެކްސިން ފޯރު ކޮށް ދިނުމަށް ތައްޔާރު ކޮށްފައިވާ ސްކީމެކެވެ.
އަންގާރަ ދުވަހު އެސްއެސްއައިގެ ރަސްމީ އެކައުންޓުން ކުރި ޓްވީޓެއްގައި އެ ކުންފުނިން ބުނީ، މިހާތަނަށް 200 މިލިއަން ޑޯޒަށްވުރެ ގިނައިން އެހެން ޤައުމުތަކަށް ކޮވިޑުގެ ވެކްސިން ފޯރުކޮށް ދެވިފައިވާ ކަމަށާއި، ފާއިތުވެ ދިޔަ ދުވަސްތަކުގައި ވެކްސިން އެކްސްޕޯޓު ކުރުމާއި ގުޅޭ ގޮތުން އެ ޤައުމުގެ ސަރުކާރާއި ވެކްސިން އުފައްދާ ކުންފުނިތަކާއި ދެމެދު ހޫނު ބަހުސް ތަކެއް ކުރިއަށް ގޮސްފައިވާ ކަމަށެވެ. މި ބަޔާނުގައި އިތުރަށް ވަނީ، އެސްއެސްއައި އިން ކޮވިޑު ވެކްސިން އުފައްދާ މިންވަރު އިތުރު ކޮށް،ވެކްސިން ފޯރު ކޮށް ދިނުމައި އިންޑިއާ އިސްކުރަން އުންމީދު ކުރާ ކަމަށެވެ. އަދި މި އަހަރުގެ ފަހުކޮޅު އެހެން ޤައުމުތަކަށްވެސް ވެކްސިން ފޯރުކޮށް ދެވޭނެ ކަމަށް ލަފާ ކުރާ ކަމަށްވެސް މި ބަޔާނުގައި ވެއެވެ.
މީގެ މަހެއްހާ ދުވަސް ކުރިން އިންޑިއާއިން ވެކްސިން އެކްސްޕޯޓު ކުރުން މެދު ކަނޑާލާފައި ވަނީ އެ ޤައުމަށް އެރި ނުރައްކާތެރި ކޮވިޑު ރާޅާއި އެކުގައެވެ. ނަމަވެސް އޭގެ ކުރިން، އެ ޤައުމުން 66 މިލިއަނަށް ވުރެ ގިނަ ޑޯޒު އެހެން ޤައުމުތަކަށް ފޯރުކޮށް ދީފައިވާ ކަން ފާހަގަ ކޮށްލެވެއެވެ. މީގެ ތެރޭގައި ވިއްކި ޑޯޒުތަކުގެ އިތުރުން، ހިލޭ އެހީގެ ގޮތުގައިވެސް ގިނަ ޑޯޒުތަކެއް ބަހާފައި ވެއެވެ.
އިންޑިއާއިން ވެކްސިން ހޯދުން މިހާރު ދަތި ވުމާއި ގުޅިގެން ގިނަ ޤައުމުތަކުން އަންނަނީ ވެކްސިންގެ ސަޕްލައި ހޯދުމަށް އެހެނިހެން އިންތިޒާމްތައް ހަމަ ޖެއްސުމުގެ މަަސައްކަތް ކުރަމުންނެވެ.މި ޤައުމުތަކުގެ ތެރޭގައި ބަންގްލަދޭޝް، ސްރީލަންކާ، ނޭޕާލް ގެ އިތުރުން އެފްރިކާގެ ބައެއް ޤައުމުތައްވެސް ހިމެނެއެވެ.
އިންޑިއާގެ ވެކްސިން ސަޕްލައި ދަށްވުމާއި ގުޅިގެން އދ އިންވަނީ މިދިޔަ ހޯމަ ދުވަހު އެހެން ޤައުމުތަކަށް ނިސްބަތްވާ ވެކްސިން އުފައްދާ ކުންފުނިތަކަށް އެ މީހުންގެ ސަޕްލައި އދ ގެ ސްކީމަށް ވީ އެންމެ އަވަހަށް ފޯރު ކޮށްދޭން ގޮވާލާފައެވެ.
ނަން ހާމަ ނުކުރުމަށް އެދި ރޮއީޓަރސްއަށް މައުލޫމާތު ދިން އިންޑިއާ ސަރުކާރުގެ 3 މީހަކު ބުނީ، އިންޑިއާގައި ކޮވިޑު ޖެހިފައިވާ މީހުންގެ އަދަދު 25 މިލިއަނަށް ވުރެ މައްޗަށް އަރާފައި ވާތީ، އެ ޤައުމުން އިސްކުރާނީ އިންޑިއާގެ ރައްޔިތުންނަށް ވެކްސިން ފޯރުކޮށް ދިނުމަށް ކަމަށެވެ. އަދި މި ހާލަތުގައި އިންޑިއާއިން ވެކްސިންގެ އުންމީދު ނުކުރުމަށްވެސް ބައެއް ޤައުމުތަކަށް އަންގާފައިވާނެ ކަމަށް މި ފަރާތްތަކުން ބުނެފައި ވެއެވެ. ނަމަވެސް މި ޤައުމުތަކަކީ ކޮބައި ކަމެއް ސާފު ކޮށްދީފައެއް ނުވެއެވެ. މި ފަރާތްތަކުން ނަން ސިއްރު ކޮށް ރޮއީޓަރސްއަށް މައުލޫމާތު ދީފައި ވަނީ، މި ކަމާއި ގުޅިގެން މީޑިއާއަށް މައުލޫމާތު ދިނުމުގެ ހުއްދަ ދޫކޮށްފައި ނުވާތީ ކަމަށް ރޮއީޓަރސްއިންވަނީ ރިޕޯޓު ކޮށްފައެވެ.
މިހާތަނަށް ކޮވިޑު ވެކްސިންގެ އެކްސްޕޯޓާއި ގުޅިގެން އިންޑިއާގެ ސަރުކާރުން ރަސްމީކޮށް އެއްވެސް ކަމެއް ހާމަ ކޮށްފައި ނުވާ ކަމަށްވެސް ބޭރުގެ މީޑިއާތަކުން ރިޕޯޓު ކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް