ބްލޫމްބާގް ބިލިއަނަރުންގެ ލިސްޓުން ޓެސްލާގެ ވެރިޔާ އެލަން މަސްކަށް ދުނިޔޭގެ ދެވަނައަށް އެންމެ މުއްސަނދި މީހާގެ ލަޤަބުވެސް ގެއްލިއްޖެއެވެ.
މިއަހަރުގެ މާރިޗު މަހާއި ހަމައަށްވެސް މަސްކު އޮތީ މި ލިސްޓުގެ އެއްވަަނައިގައެވެ.
ހޯމަ ދުވަހުން ފެށިގެން އެލަން މަސްކު ދުނިޔޭގެ 3 ވަނަ އަށް އެންމެ މުއްސަނދި މީހާގެ ގޮތުގައި އޮތްއިރު، މިހާރު މި ލިސްޓުގެ ދެވަނައިގައި އުޅެނީ ލަގްޒަރީ ބްރޭންޑެއް ކަމަށްވާ އެލްވީއެމްއެޗު ގެ ޗެއަރމަން، ބާރނަރޑު އާރނޯލްޓެވެ. މި އަހަރުގެ މާރިޗު މަހާއި އަޅާ ބަލާއިރު މަސްކުގެ މިލްކިއްޔާތު ވަނީ 24 އިންސައްތަ ދަށަށް ޖެހި، 160.9 ބިލިއަން ޑޮލަރަށް ވެއްޓިފައެވެ.
މަސްކަށް މި ލިސްޓުގެ 2 ވަނަ ގެއްލުނީ މަސްކުގެ އިލެކްޓްރިކް ވެހިކަލް އުފައްދާ ކުންފުނި ކަމަށްވާ ޓެސްލާގެ ހިއްސާ 2.2 އިންސައްތައަށް ދަށަށް ދިއުމާއި ގުޅިގެންނެވެ. މީގެ އިތުރުން، މިފަހަކަށް އައިސް ޓެކްނޮލޮޖީގެ ސްޓޮކްތަކަށްވެސް ނޭދެވޭ އަސަރު ކުރުމާއި، މަސްކުގެ ކުންފުންޏަށް ޗައިނާގެ ބާޒާރުގައި ކުރިމަތި ވެފައިވާ ހީނަރު ކަމުގެ ސަބަބުންވެސް ހިއްސާގެ އަގު ތިރިވެފައި ވެއެވެ.
ފާއިތުވެ ދިޔަ ހަފްތާގައި، ޓެސްލާއިން ޑިޖިޓަލް ފައިސާ މީގެ ފަހުން ބަލައި ނުގަންނާނެ ކަމަށް ބުނެ މަސްކު ޓްވީޓު ކުރުމާއި ގުޅިގެން، ކްރިޕްޓޯ ކަރަންސީއެއް ކަމަށްވާ ބިޓް ކޮއިންގެ އަގުވެސް ވަނީ ބާޒާރުގައި 15 އިންސައްތަ ދަށަށް ޖެހިފައެވެ. މިކަމުގެ ސަބަބުންވެސް މަސްކުގެ ވިޔަފާރިއަށް ނޭދެވޭ އަސަރުތަކެއް ކޮށްފައި ވެއެވެ.
މި އަހަރުގެ ޖެނުއަރީ މަހު، ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ލަޤަބު މަސްކަށް ލިބުނީ ބާޒާރުގައި ޓެސްލާގެ ހިއްސާގެ އަގު އާދަޔާ ޚިލާފަށް މައްޗަށް އުފުލުމާއި ގުޅިގެންނެވެ. އެފަހަރު ހިއްސާގެ އަގު 750 އިންސައްތައަށް އުފުލިފައި ވެއެވެ.ނަމަވެސް އޭގެ ފަހުން، ދުނިޔޭގެ ބަޒާރުގައި ސެމީ ކޮންޑަކްޓަރު ލިބުން ދަތިވުމާއި ގުޅިގެން، ހިއްސާގެ އަގުތައް ދަށަށް ދާން ފެށިއެވެ.
މި އަހަރުގެ މިހާތަނަށް ބިލިއަނަރުންގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއްވެސް ވީ މަސްކަށެވެ.އެގޮތުން، އޭނާގެ މިލްކިއްޔާތު މިހާރުވަނީ 9.1 ބިލިއަން ޑޮލަރު ދަށަށް ގޮސްފައެވެ.
ބިލިއަނަރުންގެ ލިސްޓުގެ މިހާރު 2 ވަނައިގައި އޮތް އާރނޯލްޓް ގެ މިލްކިއްޔާތު ވަނީ 47 ބިލިއަން ޑޮލަރުން 161.2 ބިލިއަން ޑޮލަރުގެ ކުރި އެރުމެއް ހޯދާފައެވެ. އާރނޯލްޓަށް މިހާ ބޮޑު ކުރި އެރުމެއް ލިބުނީ އޭނާގެ ލަގްޒަރީ ބްރޭންޑުގެ އުފެއްދުންތައް ޗައިނާއާއި އޭޝިއާގެ އެހެން ޤައުމުތަކުގައި މަޤްބޫލު ވަމުން ދިއުމާއި ގުޅިގެންނެވެ.
ބްލޫމްބަރގް ބިލިއަނަރުންގެ ލިސްޓުގެ އެއްވަނައިގައި އަދިވެސް އޮތީ އެމޭޒަންގެ ބާނީ އަދި ސީއީއޯ، ޖެފް ބޭޒޯސްއެވެ. އޭނާގެ މިލްކިއްޔާތުގައި 190 ބިލިއަން ޑޮލަރު ހުރި ކަމަށް ބްލޫމްބަރގްއިން ރިޕޯޓު ކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް