ލ. އަތޮޅުގައި ކޯވިޑަށް ފަރުވާ ހޯދަމުން ދިޔަ ދެ މީހަކު ނިޔާވެއްޖެ

ލ. އަތޮޅުގައި ކޯވިޑަށް ފަރުވާ ހޯދަމުން ދިޔަ މީހަކު ނިޔާވެއްޖެ އެވެ. ކޯވިޑަށް ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވެފައިވަނީ ލ. ގަމު، މަތިމަރަދޫ އަވަށު މީހަކާއި. އެ އަތޮޅު މާވަށު މީހެކެވެ. އެ ދެމީހުންނަށްވެސް...

19 May 2021 | 04:06

ލ. އަތޮޅުގައި ކޯވިޑަށް ފަރުވާ ހޯދަމުން ދިޔަ މީހަކު ނިޔާވެއްޖެ އެވެ.

ކޯވިޑަށް ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވެފައިވަނީ ލ. ގަމު، މަތިމަރަދޫ އަވަށު މީހަކާއި. އެ އަތޮޅު މާވަށު މީހެކެވެ. އެ ދެމީހުންނަށްވެސް ފަރުވާ ދެމުން ދިޔައީ ގަން ރީޖަނަލް ހޮސްޕިޓަލްގައި ހުންނަ ކޯވިޑް މެނޭޖްމެންޓް ފެސިލިޓީގައި އެވެ.

ގަން ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރ އަލީ ނަޝީދު "ދުވަސް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކޯވިޑްގައި މިއަދު އެ ހޮސްޕިޓަލުގަިއ ނިޔާވި ގަމު މީހާ އަކީ އުމުރުން 87 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެމީހާ ނިޔާވެފައިވަނީ ރޭ ދަންވަރު 1:54 ގައި އެވެ.

އަދި މާވަށު މީހާ އަކީ އުމުރުން 69 އަހަރުގެ އަންހެނެއް ކަމަށް ވިދާޅުވި އެވެ. އެމީހާ ނިޔާވެފައިވަނީ ރޭ މެންދަމު 3:01 ގައި އެވެ.

ކޯވިޑް ޖެހިގެން ލާމު ކޯވިޑް މެނޭޖްމެންޓު ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ ދެ މީހަކު ނިޔާވިކަން އެޗްޕީއޭއިން ވަނީ ރަސްމީކޮށް ހާމަކޮށްފަ އެވެ.

މިއީ ރާއްޖެއިން ކޯވިޑްގައި ނިޔާވި 106 ވަނަ އަދި 107 ވަނަ މީހާ އެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 47،421 މީހުން ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން ކޯވިޑްގައި 107 މީހުން މަރުވެފައިވާއިރު ގިނަ މީހުންނަކީ އުމުރުން ދުވަސްވީ މީހުންނެވެ.

މިމަހަކީ ކޯވިޑްގައި އެންމެ ގިނަ މީހުން މަރުވި މަހެވެ. އެޗްޕީއޭގެ ހިސާބުތައް ދައްކާގޮތުން މި މަހު އެކަނި ކޯވިޑްގައި 29 މީހުން ވަނީ މަރުވެފައި އެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައިވަނީ 29،086 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް