ބެންޒަމާ އެނބުރި ފްރާންސްގެ ގައުމީ ޓީމަށް

ކުރިޔަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތަށް އެކުލަވާލީ ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުގައި ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ތަޖުރިބާކާރު ފޯވާޑް ކަރީމް ބެންޒެމާ ހިމަނައިފިއެވެ. ޔޫރޯ ފުޓުބޯޅަ މުބާރ...

18 May 2021 | 20:47

ކުރިޔަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތަށް އެކުލަވާލީ ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުގައި ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ތަޖުރިބާކާރު ފޯވާޑް ކަރީމް ބެންޒެމާ ހިމަނައިފިއެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހު 11 ގައި އެވެ.

ބެންޒެމާ ފްރާންސްގެ ގައުމީ ޓީމުގެ ސްކޮޑްގައި ހިމަނާފައި މިވަނީ ހަ އަހަރުގެ މެދު ކެނޑުމަކަށް ފަހު އެވެ. އެންމެ ފަހުން ފްރާންސްގެ ގައުމީ ޓީމުގައި ބެންޒެމާ ހިމަނާފައިވަނީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވުނު ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައެވެ.

ބެނެޒެމާއަށް ފްރާންސްގެ ގައުމީ ޓީމުން ފުރުސަތު ގެއްލުނީ 2015 ވަނަ އަހަރުގައެވެ. އެއީ އޮރިޔާންކާޑު ބޭނުންކޮށްގެން ފްރާންސްގެ މިޑްފީލްޑަރު މެތިއު ވަލްބުއޭނާއަށް ބިރުދައްކައި، ފައިސާ ހޯދަން މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތުކޮށް އޭނާ ހައްޔަރުކުރުމާ ގުޅިގެންނެވެ.

އެކަންތައް ހިނގިކަމަށް ރިޕޯޓު ކުރެވިފައިވަނީ ބްރެޒިލުގައި 2014 ވަނަ އަހަރު ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕުގެ ތެރޭގައެވެ. އެ މައްސަލައާއި ގުޅިގެން 2015 ވަނަ އަހަރުގެ ފަހުން އެ ދެ ކުޅުންތެރިންނަށް ވެސް ފްރާންސް ސްކޮޑުން ފުރުސަތު ދީފައެއް ނުވެއެވެ.

ބައިނަލްއަގުވާމީ ކުޅިވަރު ހަބަރުތައް ބުނާގޮތުގައި ބެންޒެމާގެ މައްސަލައިގެ އަޑުއެހުންތައް މިއަހަރުގެ އޮކްޓޯބަރު މަހުގައި ފަށާނެއެވެ. ބެންޒެމާގެ އިތުރުން ހަތަރު މީހަކަށް އެ މައްސަލައިގެ ތުހުމަތުކުރެވޭއިރު، މައްސަލަ ސާބިތުވެއްޖެނަމަ، އޭނާއަށް ފަސް އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބެންޒެމާ ވަނީ މީގެ ކުރިން ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމަށް 81 މެޗު ކުޅެދީ، އެ މެޗުތަކުގައި 27 ގޯލް ކާމިޔާބުކޮށްފަ އެވެ.

އަންނަ މަހުގެ 11 ގައި ޔޫރަޕުގެ 12 ގައުމެއްގައި ފަށާ ޔޫރޯގައި ފްރާންސް ވާދަކުރާނީ ގްރޫޕް އެފް ގައެވެ. އެ ގްރޫޕުގައި ފްރާންސްގެ އިތުރުން ދެން ހިމެނޭ ގައުމުތަކަކީ ހަންގޭރީ، ޕޯޗުގަލް އަދި ޖަރުމަނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް