ސުނާމީ ބިނާ އެހެން ރަށަކަށް ބަދަލެއް ނުކުރެވޭނެ: މިނިސްޓްރީ

ރާއްޖެ އަށް ކުރިމަތިވި ސުނާމީ ކާރިސާގެ ހަނދާނެއްގެ ގޮތުން މާލޭގައި ހަދާފައިވާ ސުނާމީ ބިނާ ތ. ވިލުފުއްޓަށް ބަދަލުކޮށްދެވެން ނެތް ކަމަށް ހައުސިން މިނިސްޓްރީން ވިލުފުށީ ކައުންސިލަށް އަންގައިފި އެވެ. މާލެ...

19 May 2015 | 08:45

ރާއްޖެ އަށް ކުރިމަތިވި ސުނާމީ ކާރިސާގެ ހަނދާނެއްގެ ގޮތުން މާލޭގައި ހަދާފައިވާ ސުނާމީ ބިނާ ތ. ވިލުފުއްޓަށް ބަދަލުކޮށްދެވެން ނެތް ކަމަށް ހައުސިން މިނިސްޓްރީން ވިލުފުށީ ކައުންސިލަށް އަންގައިފި އެވެ.

މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖްގެ އެއްކޮޅު މިހާރު ސުނާމީ ބިނާ ހުރި ސަރަހައްދުން ފަށަން ހަމަޖައްސާފައިވާތީ އެ ބިނާ އެހެން ތަނަކަށް ބަދަލުކުރަން ނިންމުމުން ވިލުފުށީ ކައުންސިލުން ވަނީ ބިނާ އެރަށަށް ބަދަލު ކޮށްދިނުމަށް އެދި ހައުސިންގ މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފަ އެވެ.

އެ ސިޓީގެ ޖަވާބުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިނަތު އާތިފާ ސޮއިކުރައްވައި ވިލުފުށީ ކައުންސިލަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ސުނާމީ ބިނާ އަކީ މާލޭގައި ބަހައްޓަން ހެދި އެއްޗެއް ކަމަށެވެ. އެހެންކަމުން އެ ބިނާ ބަދަލުކުރާނީ މާލޭގެ އެހެން ސަރަހައްދަކަށް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

މާލޭގެ އިރުދެކުނު ކޮޅުގައި މިހާރު ހުރި ސުނާމީ ބިނާ ބަދަލުކުރާނެ ސަރަަހައްދެއް މިނިސްޓްރީން އަދި އިއުލާނެއް ނުކުރެ އެވެ.

ވިލުފުށީ ކައުންސިލުން ހައުސިންގ މިނިސްޓްރީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ސުނާމީ ކާރިސާގައި އެންމެ ބޮޑު ގެއްލުމެއްވެ އެންމެ ގިނަ މީހުން މަރުވީ އެރަށުންކަމަށްވާތީ ސުނާމީ ބިނާ އެރަށަށް ބަދަލުކޮށްދިނުމަށް ވިލުފުށީ ރައްޔިތުން އެދޭކަމަށެވެ.

ސުނާމީ ބިނާ ރަމްޒުކޮށްދެނީ ރާއްޖޭގެ 20 އަތޮޅާއި ރަށްތަކުން ސުނާމީ ކާރިސާގައި ދުނިޔެ ދޫކުރި މީހުންގެ އަދަދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް