އައިއެސްގެ ކިބައިން ސަލާމަތްވުމަށް އައްރަމާދީން 25000 މީހުން ހިޖުރަ ކޮށްފި

އިރާގުގެ ބޮޑު ސިޓީއެއް ކަމަށްވާ އައްރަމާދީ، ހައްދު ފަހަނަ އަޅާފައިވާކަމަށް ބުނާ އައިއެސްގެ އަތްދަށަށް ދިއުމާއެކު 25000 އަށް ވުރެ ގިނަ މީހުން އެ ސިޓީ ދޫކޮށް ހިޖުރަކޮށްފައިވާކަމަށް އދ އިން ބުނެފި އެވެ. ...

19 May 2015 | 04:39

އިރާގުގެ ބޮޑު ސިޓީއެއް ކަމަށްވާ އައްރަމާދީ، ހައްދު ފަހަނަ އަޅާފައިވާކަމަށް ބުނާ އައިއެސްގެ އަތްދަށަށް ދިއުމާއެކު 25000 އަށް ވުރެ ގިނަ މީހުން އެ ސިޓީ ދޫކޮށް ހިޖުރަކޮށްފައިވާކަމަށް އދ އިން ބުނެފި އެވެ.

އދ އިން ބުނެފައިވަނީ އައިއެސްގެ ހަމަލާތައް އެ ސަރަހައްދުގައި ވަރުގަދަ ވެފައިވާއިރު އެ ސަރަހައްދުގެ އާންމުން މިވަގުތު ތިބި ބައެއް ކޭމްޕް  ތަކަށް އދ އާއި އަދި ބައިނަލް އަގުވާމީ އެހެން ޖަމިއްޔާތަކުން ގުޅިގެން ފެނާއި ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

އެހެން ނަމަވެސް އެކަން ކުރުމަށް އިތުރު އެހީތެރިކަން ބޭނުންވާ ކަމަށާއި ކޭމްޕްތަކުގައި ތިބި ފަރާތްތަކަށް ބަހަމުން އަންނަ ތަކެތި ހުސްވުމުގެ ބިރު އޮތް ކަމަށްވެސް އދ އިން ބުނެ އެވެ.

އައްރަމާދީ އައިއެސްގެ އަތްދަށަށް ދިޔައީ މިދިޔަ ހަފްތާ ބަންދުގަ އެވެ. މީގެ ކުރިންވެސް މިދިޔަ އޭޕްރިލް މަހުގެ ތެރޭގައިވެސް އައްރަމާދީއަށް އައިއެސްއިން ވަނީ ވަދެގެންފައެވެ. އެ ފަހަރުވެސް 130000 އަށް ވުރެ ގިނަ މީޙުން އައްރަމާދީ ދޫކޮށް ހިޖުރަކޮށްފައި ވެ އެވެ.

"މިދިޔަ އޭޕްރިލް މަހުވެސް އެތައް ބަޔަކު ގެދޮރު ދޫކޮށް ހިޖުރަކުރި، މަސްރަހު ރަނގަޅުވުމުން އެތައް ބަޔަކު އެނބުރި އައި، އަނެއްކާވެސް ގިނަ ބަޔަކު އަންނަނީ ހިޖުރަ ކުރަމުން، އެތައް ހާސް ބަޔަކު މަގުމަތީގައިވެސް ނިދަން އެބަ ޖެހޭ، އެންމެނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭހާ ފައިސާ އާއި ތަކެތީގެ އެހީތެރިކަން ނެތް" އދ އިން ބުނެފައި ވެ އެވެ.

އދ ގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އދ ގެ އޭޖެންސީތަކުން އިރާގުގެ 2.5 މިލިއަން މީހުންނަށް އެކި އެކި އެހީ ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އެހެންނަމަވެސް ފައިސާގެ ދަތިކަން އިންތިހާއަށް ކުރިމަތިވަމުން އަންނައިރު އދ އިން ހިންގަމުން އަންނަ 56 ސިއްހީ ޕްރޮގްރާމެއް ޖޫން މަހުގައި ހުއްޓާލަން ޖެހޭ ކަމަށްވެސް އެ ބަޔާނުގައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް