މަގްބޫލް ސަބަބެއްނެތި ކަޓަރެއް ހިފައިގެން އުޅުނު މީހަކު ހަ މަހަށް ޖަލަށް

މަޤުބޫލު ސަބަބެއްނެތި ޢާންމު ތަނެއްގައި ކަޓަރެއް ހިފައިގެން އުޅުނު މީހަކު 6 މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ. މި ހިނގާ މެއި މަހުގެ 17 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފ...

19 May 2015 | 03:37

މަޤުބޫލު ސަބަބެއްނެތި ޢާންމު ތަނެއްގައި ކަޓަރެއް ހިފައިގެން އުޅުނު މީހަކު 6 މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.

މި ހިނގާ މެއި މަހުގެ 17 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފައިވަނީ ސ. ހިތަދޫ، މަބްރޫކުގެ، ޒަމީން މުޙައްމަދު (27އ) ގެ މައްޗަށެވެ.

ދަޢުލަތުން ޒަމީން މުޙައްމަދުގެ މައްޗަށް މަޤުބޫލު ސަބަބެއްނެތި ޢާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުގެ ދަޢުވާ އުފުލާފައިވަނީ، ޒަމީން މުޙައްމަދު 2013 އޮކްޓޯބަރ 01 ވަނަ ދުވަހު ޒަމީން މުޙައްމަދު ކަޓަރެއް ހިފައިގެން އުޅޭކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން ޒަމީން މުޙައްމަދު ހޯދައި އޭނާ ބަލައި ފާސްކުރިއިރު، ޒަމީން މުޙައްމަދު ލައިގެންހުރި ޖިންސްގެ ކަނާތްފަރާތު ޖީބުން ދިގުމިނުގައި 8 އިންޗި ހުރި ކަޓަރެއް ފެނިފައިވާ މައްސަލައާ ގުޅިގެންނެވެ.

މި ދަޢުވާ ކްރިމިނަލް ކޯޓުން ބެލުމަށްފަހު ކޮށްފައިވާ ޙުކުމުގައި ބުނަނީ، ޒަމީހުން މުޙައްމަދު މި ދަޢުވާ އަށް ޖަވާބުދާރީ ވަމުން ދަޢުވާގައި ވާފަދައިން ކަޓަރެއް ގެންގުޅެފައިވާނެ ކަމަށް އިޢުތިރާފް ވެފައިވާކަމަށާއި، އެއީ ސައިކަލު ބެޓްރީގެ މަސައްކަތްކުރުމަށް ގެންގުޅުނު ކަޓަރެއްކަމަށް ބުނިނަމަވެސް އެކަން ޝަރީޢަތަށް ސާބިތުކޮށްދެވިފައިނުވާތީ، އަމިއްލަ އިޢުތިރާފުންނާއި ހެކިންގެ ހެކިބަހުން، މިދަޢުވާ ޝަރީޢަތަށް ސާބިތުވާކަމަށެވެ.

އެހެންކަމުން، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން މަޤުބޫލު ސަބަބެއްނެތި ޢާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުން ޒަމީން މުޙައްމަދު ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި އިސް ދެންނެވި ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ)ގެ ދަށުން ޒަމީން މުޙައްމަދު 6 މަސްދުވަހަށް ޖަލަށް ލުމަށް ޙުކުމް ކުރާކަމަށްވެސް ކްރިމިނަލް ކޯޓުގެ ދަޢުވާގައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް