ސިފައިންގެ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، ހުކުރު ދުވަހުގެ ރޭ ހަވާ އަރުވާނެކަމުގައި އެމްއެންޑީއެފުން ބުނެފިއެވެ.
އެގޮތުން އެމްއެންޑީއެފުން މިރޭ ބުނީ ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ފާހަގަކުރާ ސިފައިންގެ ދުވަސް މިއަހަރުވެސް ކުލަގަދަކޮށް ފާހަގަކުރުމަށް ތަފާތު ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވާކަމަށެވެ.
"މިގޮތުން މިއަހަރު ފާހަގަކުރާ 131 ވަނަ ސިފައިންގެ ދުވަހުގެ ހަރަކާތްތައް ފެށިގެންދާނީ 2023 އޭޕްރީލް 21 ވަނަ ދުވަހުގެ ހެނދުނު 0600 ޖަހާއިރު އޮންނަ ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތުން، އަދި މިދުވަހުގެ ހަވީރު 1600 އިން ފެށިގެން މާލޭގެ ބޮޑެތި މަގުތަކުގައި ޝަރަފްގެ ހިނގާލުން އޮންނާނެ" އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ މިހިނގާލުމުގައި ބައެއް ތަންތަނުގައި މަޑުކޮށް މިލިޓަރީ ބޭންޑުގެ ހުށަހެޅުންތައް އޮންނާނެ ކަމަށާއި މީގެ އިތުރުން ދުވަހުގެ މުނާސަބަތުގައި ބާއްވާ ޚާއްޞަ ޑިސްޕްލޭއެއް އޭޕްރީލް 21 ވަނަ ދުވަހުގެ ރޭ 2000 އިން ފެށިގެން ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި ޢާންމުންނަށް ހުޅުވާލައިގެންވާ ބާއްވާ މި ޑިސްޕްލޭގައި އެމްއެންޑީއެފްގެ މިލިޓަރީ ބޭންޑްގެ ހުށަހެޅުންތަކާއެކު ހަވާއެރުވުމަށްވެސްވަނީ ހަމަޖެހިފައިވާކަމަށާއި ހަވާ އެރުވުމުގެ ހަރަކާތްފެށިގެންދާނީ އެރޭގެ 2020 ހާއިރުކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މިޙަރަކާތްތަކުގެ އިތުރުން ސިފައިންނާއި ސިފައިންގެ ޢާއިލާތައް އަދި ޢާންމުންނަށް ބައިވެރިވޭގޮތަށް ތަފާތު ހަރަކާތްތައް ކުރިއަށް އޮތްދުވަސްތަކުގައި ބޭއްވުމަށްވެސް ރޭވިފައިވާކަމުގައިވެސް އެމްއެންޑީއެފުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް