ހަސަން ކުރުސީގެ އިންޓަވިއު

އެއް ބަޔަކަށް އެއީ ބޮޑު ނުފޮރައްޕާނެކެވެ. އަނެއް ބަޔަކަށް އެވަރެއް ނެތް ފަހުލަވާނެކެވެ. ކޮންމެއަކަސް މި ވަގުތު ހަސަން ކުރުސީއަކީ "ޓޯކް އޮފް ދަ ޓައުން" ގެ ގޮތުގައި ބެލެވޭ އެއް އަޑެވެ. މިއީ ހަސަން ކުރުސ...

19 Apr 2023 | 16:01

އެއް ބަޔަކަށް އެއީ ބޮޑު ނުފޮރައްޕާނެކެވެ. އަނެއް ބަޔަކަށް އެވަރެއް ނެތް ފަހުލަވާނެކެވެ.

ކޮންމެއަކަސް މި ވަގުތު ހަސަން ކުރުސީއަކީ "ޓޯކް އޮފް ދަ ޓައުން" ގެ ގޮތުގައި ބެލެވޭ އެއް އަޑެވެ.

މިއީ ހަސަން ކުރުސީއާއި ދުވަހުން ކުރި ސުވާލުތަކަކާއި އެ ސުވާލުތަކަށް ހަސަން ކުރުސީ ދިން ޖަވާބެއް، އެއްވެސް އުނި އިތުރުކުރުމެއް ނުގެނެސް ކިޔުންތެރިންނަށް ދޫކޮށްލާނަމެވެ.

ހަސަން ކުރުސީ ވުޖޫދުކުރި މަގްސަދަކީ ކޮބާ !؟

މައިގަނޑު ދެކަމެއް ހާސިލުކުރުމަށް. ފުރަތަމަ ކަމަކީ ވައްކަން ކުރަމުންދާ ކޮރަޕްޓް މީހުންނާއި މީހުންނަށް އަނިޔާދޭމީހުން (ޖިންސީގޯނާއާއި އެހެނިހެން) ފަލީހަތްކުރުން. އެމީހުން ލަދުގަންނުވާލުން. އެމީހުން ބޭޒާރުކުރުން. ވައްކަންކުރާ މީހުން ބޭޒާރުކުރުމުގެ ސަގާފަތެއް ރާއްޖޭގައި އުފެއްދުން. އެކަން އެއީ އާންމުކަމަކަށް ހެދުމަށް. މީހުން ފަލީހަތްކޮށް، ލަދުގަންނުވާ، ބޭޒާރުކުރުމަކީ ކަންކަން ހައްލުކުރުމަށް ވަރަށް އިފެކްޓިވްގޮތެއް. ދެވަނަ ކަމަކީ އެމްޑީޕީގެ ފިލޯސަފީ ދިރުވާ އާލާކުރުން. އަމިއްލަ އަސްލުނަމާއި ފޮޓޯޖަހައިގެން މިކަން ކުރަން އުޅެފިއްޔާ މީހުންގެ ފޯކަސް ހުންނާނީ އަޅުގަނޑަށް، އަޅުގަނޑު ހުންނަ ގޮތަށް، އަޅުގަނޑުގެ އާއިލާއަށް، އަޅުގަނޑުގެ ނަސަބަށް، އަޅުގަނޑުގެ ތައުލީމަށް އަދިވެސް އަދިވެސް. މީގަ ހަމަޖެހޭ ގޮތަކީ ވާހަކަ ދައްކާ މީހާ، ވާހަކަތައް ފަޅާއަރުވާ މީހާއަށް ފޯކަސް ބެހެއްޓުމުގެ ބަދަލުގައި، އަސްލު މައްސަލައަށް ފޯކަސް ބެހެއްޓޭނެ ގޮތަކަށް މިކަން ކުރުން. އެނޯނިމަސްކޮށް މިކަން ކުރީމައި މިކަން ހާސިލު ކުރެވޭ. މީހުންގެ ހުންނަ ޕްރީ އެގްޒިސްޓިން ބަޔާސް ވަރަށް ބޮޑަށް ދުއްވާލެވޭ. ހަމަ އެއާއިއެކު އަސްލުނަމާއި ފޮޓޯޖަހައިގެން މިކަން ކުރުމަށްވުރެ ބިރުވެރި މުޖުތަމައެއް މިހާރު ރާއްޖޭގައި މިއޮތީ. ސަތޭކައިން ގުނާލެވޭހާ މީހުން މަރާލައިފި. އަޅުގަނޑު ބޭނުމެއްނޫން އެގޮތަށް މަރުވާކަށް. ޓުއިޓާގެ ޕްރައިވެސީ ޕޮލިސީއިން މިކަމަށް ވަރަށްބޮޑަށް ޖާގަދޭ.

ހަސަން ކުރުސީއަކީ އެކަކުތަ، ގިނަ ބަޔަކުތަ، އަންހެނެއްތަ ނޫނީ ފިރިހެނެއްތަ ؟ އަދި ނަން އެއީ ކިހިނެއް ހިޔާރުކުރި ނަމެއް ؟

އެންމެ މީހެއް. ފިރިހެނެއް.

އެއްވެސް ދިވެހި ރައްޔިތަކަށް ނަން ފާސްކޮށްފައި ނުވާ، އެކަމަކު ދިވެހިން އެއީ ދިވެއްސެއްކަމަށް ގަބޫލުކުރާ ނަމެއް ކިޔުމަށް. ކިޔަން ފަސޭހަވެފަ، އަޑު އަހަން ފަސޭހަވުންވެސް އެއީވެސް ޝަރުތެއް. ހަސަން ކުރުސީ، މި ހުރިހާ ޝަރުތެއް ފުރިހަމަވޭ. ހަސަން ކުރުސީއޭ ބުނުމުން ވަގުތުންވެސް ސިކުނޑިއަށް އަންނާނީ ދިވެހި ފިރިހެނެއް. ހަސަން ކުރުސީ އަކީ ދިވެހިންގެ ޑާޓާބޭސްއިން ނުފެންނަ އެކަމަކު ދިވެއްސެއް.

އެކައުންޓްގެ ކޮންޓެންޓަށް ބަލާއިރު ގާތްގަނޑަކަށް 80 އިންސައްތައަށްވުރެ ގިނަ ކޮންޓެންޓް ފެންނަނީ ރައީސް ނަޝީދަށް ފޭވާކޮށް ރައީސް ނަޝީދާ ދެކޮޅު ފަރާތްތަކާ ދެކޮޅަށް މަސައްކަތް ކުރާ މަންޒަރު ؟ މިފަދަ ގޮތަކަށް ކަން ކުރެވޭއިރު ކުރެވެނީ ހެޔޮ ނިޔަތެއްގައި ކަމަށް ގަބޫލު ކުރެވޭތަ ؟

އާދެ. ހެޔޮނިޔަތެއްގައި. ވައްކަންކުރާ، ކޮރަޕްޓް މީހުން ބޭޒާރުކޮށް ފަލީހަތްކުރަނީ ވަރަށް މަތިވެރި މާތް މަގުސަދެއްގައި. ހެޔޮ ނިޔަތް ނޫން އެހެން އެއްވެސް ނިޔަތެއް މީގައި ނެތް. އަޅުގަނޑަކީ ހަންޑިއެއް ނޫން. އަޅުގަނޑަކީ ހަމަ ދިވެހި މަންމައަކާއި ބައްޕައަކަށް ނިސްބަތްވާ ދަރިއެއް. ގައުމަށް ހެޔޮއެދޭ ދިވެހި ދަރިއެއް. ދެން ތިދެންނެވީ ރައީސް ނަޝީދަށް ފޭވާކޮށް ރައީސް ނަޝީދާ ދެކޮޅު ފަރާތްތަކާ ދެކޮޅަށް މަސައްކަތް ކުރެއޭ. ނޫން. ރައީސް ނަޝީދާ ދެކޮޅަށް އާންމުކޮށް މި ނުކުންނަނީ ކޮރަޕްޓް ބޭފުޅުން. އެއީ ވާގޮތަކީ.

ރައީސް ނަޝީދާއި ހަސަން ކުރުސީއާ ގުޅުމެއް ނުވާކަމަށް ރައީސް ނަޝީދުވެސް އަދި ހަސަން ކުރުސީވެސް ބުނެފަވޭ، ފިކުރެއްގެ ދިރުމާ ހަސަން ކުރުސީއާ ގުޅުމެއް ވޭތަ !؟

އަޅުގަނޑަކީ ރައީސް ނަޝީދެއް ނޫން. ރައީސް ނަޝީދަކާއި އަޅުގަނޑަކާއި ގުޅުމެއް ނެތް. އެކަމަކު އަޅުގަނޑަކީ ފިކުރެއްގެ ދިރުމުގެ މީހެއް. އަޅުގަނޑު ނޫނަސް ރައީސް ނަޝީދާއި ގުޅުމެއްނެތް، އަދި ދުވަހަކު ދިމާވެސް ނުވާ ވަރަށް ގިނަ ބަޔަކު ދަނީ ފިކުރެއްގެ ދިރުމަށްޓަކާ ވަރަށް ގިނަ ކަންތައްތަކެއް ކޮށްދެމުން. މިސާލަކަށް ބަރުލާމާނީ ޕެޓިޝަނަށް ބެލިއަސް، އޭގައިވެސް ރައީސް ނަޝީދު ނުދަންނަ ވަރަށް ގިނަ މީހުން ވަރަށް ބުރަކޮށް އުޅޭނެ. އެކަމަކު މިހުރިހާ މީހުންވެސް އެމްޑީޕީގެ އަސްލު ފިލޯސަފީ ހިތުގެ އަޑިން ގަބޫލުކުރޭ. ރައީސް ނަޝީދަކީ އެ ފިލޯސަފީ އަނބުރާ އެމްޑީޕީއަށް ރުޖޫއަކުރާނެ ބޭފުޅާ. އެހެންވީމާ ޓުއިޓާގައި ރައީސް ނަޝީދު އެންމެ ބޮޑަށް ޑިފެންޑްކޮށް ސަޕޯޓު ކުރާ އެކަކަށް އަޅުގަނޑުވާނެ.

ކުރާ ޓްވީޓްތަކާ ދައްކާ ވާހަކަތަކުން ޑިމޮކްރެޓިވް ވެލިއުސްތަކަށް ގަދަރުކުރާ މަންޒަރު ދައްކަން މަސައްކަތް ކުރެވޭއިރު، އެހެން ނަމަވެސް ބައެއް ފަހަރު ވަރަށް ބޮޑަށް ޒާތީވާތަން ވަރަށް ބޮޑަށް ފެނޭ، އެއީ ކީއްވެތޯ؟ ރަނގަޅު ހަމައެއްކަމަށް ގަބޫލު ކުރަނީތޯ ؟

ކުޑަކުދިންނާއި ބެހޭ މީހުންނާއި، ޖިންސީގޯނާ ކުރާ މީހުންނާއި، ދައުލަތުގެ މުދާ ނަހަމަގޮތުގައި ބޭނުންކޮށް، ވައްކަން ކުރާމީހުންނާއި މެދު ސަރުކާރުން ބަހެއް ނުބުނެ، އެމީހުންނަށް ހިމާޔަތް ދިނީމައި، ދެން އޮންނާނީ އެމީހުންގެ ޒާތާއި ބެހިގެންވެސް އެކަން ސަމާލުކަމަށް ގެނައުން. އަދި އެމީހުންނަށް ފާޅުކަންބޮޑުގޮތެއްގައި ވާގިވެރިވާކަމަށް ޔަގީންކުރެވޭ މީހުންގެ ޒާތާއިވެސް ބެހުން. ރަޝިޔާގެ ހަނގުރާމަ ފެށީމަ ސޭންކްޝަންއެޅީ ހަމަ އެކަނި ޕޫޓިންއަކަށް ނޫން، ޕޫޓިންއާއި ޕޫޓިންގެ ސިއްރު ގާލްފްރެންޑަށްވެސް ފިޔަވަޅު އެޅި. އަދި ދެންވެސް ވަށައިގެން އޭނައަށް މަދަދުވެރިވާ އެންމެނަށް ފިޔަވަޅުއެޅި. ނިޒާމުގެ ތެރެއިން ކަންކަން ހައްލުނުވީމައި، ރައްޔިތުންނަށް ގެއްލުންދީ، ރައްޔިތުންނަށް ގޯނާ ކުރާ މީހުންގެ ޒާތާއި ބެހިގެންވެސް ކަންކަން ހައްލުކުރުމަށް މަސައްކަތް ކުރާނަން. އެއީ އޭގައި އިންތިހާއަށް ހެޔޮނިޔަތް އެކުލެވޭ ކަމެއް. ވީ އެންމެ ގަދައަކަށް އެމީހުން ފަލީހަތްކޮށް، ބޭޒާރުކުރާނަން. މަގުމަތިން ހިނގަން ނުކެރޭވަރަށް ލަދުގަންނުވާނަން. ބުއްދިވެރި ގޮތަކީ ރައްޔިތުންގެ ހައްގުތަކަށް ނޭރުން

ތި މަސައްކަތުން ހެޔޮ ބަދަލެއް ގެނެވިދާނެކަމަށް ގަބޫލު ކުރަންތަ ؟

ގަބޫލުކުރަން. ބޭނުމަކީ އަޅުގަނޑު ކަހަލަ ގިނަ މީހުން އުފެއްދުން. އަޅުގަނޑު ކަހަލަ ގިނަ މީހުން ބިނާކުރުން. ކޮރަޕްޓް، ޖިންސީގޯނާ، ގެވެށިއަނިޔާ، މިކަހަލަ ކަންކަން ކުރާ މީހުންގެ ސިއްރުތައް ބޭޒާރުކޮށް ފަޅާއަރުވާ، ލަދުގަންނުވާލާ، ފަލީހަތްކުރާނެ މީހުން އުފެއްދުން، އަދި އެކަހަލަ ސަގާފަތެއް ރާއްޖޭގައި އުފެއްދުން. އޭރުން އެދެވެނީ ރަނގަޅު ދިމާލަކަށް. މިހުރިހާ ކަމެއްވެސް ގޮސް ނިމެނީ އެންމެނަށް އުޅެވޭނެ، ކޮރަޕްޝަންމަދު، ހަމަހަމަ މުޖުތަމައެއް ބިނާކުރުމާ. އެއްވެސް މީހަކަށް އަނެކާގެ ހައްގަށް އަރާފަ، ފިލައިގެން ނޫޅެވޭނެ. ހުރިހާ އެންމެން ހަމަހަމަ.

ރައީސް ނަޝީދުގެ ވެރިކަމުގަ ކޮރަޕްޝަން ހިނގާފައިވާނެ ކަމަށް ގަބޫލު ނުކުރަނީތަ ؟ އަދި ދެންވެސް ރައީސް ނަޝީދުގެ ވެރިކަމެއްގައި ކޮރަޕްޝަން ނުހިނގާނެ ކަމަށް ގަބޫލުކުރަނީތަ؟ އަދި ފިކުރެއްގެ ދިރުމުގައި ތިބީ ފަސްބައި ސާފު ބައެއް ކަމަށްވެސް ގަބޫލު ކުރަނީތަ ؟

އޮޑިޓަކީ ސާމްޕަލް ބޭސްކޮށް ކުރާ އެއްޗެއް. 100 ފަސެންޓް ޓްރާންސެކްޓަން އޮޑިޓްކޮށްފިއްޔާ އުސޫލުން ބޭރުން ބައެއް ކަންކަން ކުރެވިފައި ހުރުމަކީ އެކަށީގެންވާކަމެއް. އެއީ އެމެރިކާ، އިނގިރޭސިވިލާތް، ނިއުޒިލެންޑް ގައުމުތަކުގައިވެސް ހިނގާކަންކަން. އެކަމަކު ނިޒާމީގޮތެއްގައި އެކަހަލަ އެއްވެސް ކަމެއް ހިނގާފައިނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް. އުސޫލުން ބޭރުން ކުރެވިފައި ހުންނަ ކަންކަން އެއީ އުސޫލުތައް އިތުރަށް ހަރުދަނާކޮށްގެން، އިންޓާނަލް ވޯކްފްލޯ ހަރުދަނާކޮށްގެން ރަނގަޅުކުރެވޭނެ ކަންކަން. ރައީސް ނަޝީދު ވެރިކަމަށް އައިއިރު އޮތީ މުސްކުޅި ނިޒާމެއް. ދައުލަތުގެ ޕްއޮކިއުމަންޓުންފެށިގެން މާލިއްޔާ ބެލެހެއްޓުމާއި ހަމައަށްވެސް އޮތީ ވަރަށް ކުރީގެ މުސްކުޅި ސަގާފަތެއް. އެނގިވަޑައިގަންނަވާނެ ރައީސް މައުމޫންގެ ވެރިކަމުގައި ދައުލަތުން (ނުހައްގުން) ވަކިވަކި ފަރާތްތަކަށް ބިމާއި މުދަލާއި ފައިސާދިނުންވެސް އޭރު ބެލެވިފައިއޮތީ ބޮޑު ފަހުރެއް ނޫނީ ޕްރިވިލެޖެއްގޮތަށް. އެކަމަކު އެކަންކަމަކީ އަސްލު ކޮރަޕްޝަން. ރައީސް ނަޝީދު ވެރިކަމަށް އައިއިރު ދައުލަތުގެ މުއައްސަސާތަކުގެ ފައިނޭންސާއި ޕްރޮކިއުމަންޓްގައިވެސް މަސައްކަތްކުރަމުން ދިޔައީ މިދެންނެވި ބޭފުޅުން. އެކަމަކު 3 އަހަރު ތެރޭގައި އައިއެމްއެފްއާއި ވޯލްޑްބޭންކާއި މިފަދަ ޖަމާއަތްތަކާއި ގުޅިގެން ދައުލަތުގެ އެތެރޭގެ ހިންގުން ވަރަށްބޮޑަށް ހަރުދަނާކުރެވުނު. ފުރިހަމަ 5 އަހަރުގެ ދައުރެއް އަދާކުރެވުނުނަމަ ސިންގަޕޫރު ޔޫކޭ ފެންވަރަށް ހިންގުމުގެ ނިޒާމު ހަރުދަނާކުރީސް. ދެންއޮތީ ފިކުރެއްގެ ދިރުމުގެ ވާހަކަ. ނޫން. އެންމެންނަކީ ފަސްބައި ސާފުބައެއް ނޫން. އެކަން އެނގިހުރެ އަޅުގަނޑުމެން މިމަސައްކަތް ކުރަނީ. އެންމެންނަކަށް އިތުބާރެއް ނުކުރަން. އޭގެތެރެއިން ވަރަށްގިނަ މީހުން މާދަމާ އަޅުގަނޑުމެންނާއިއެކީ ނުތިބެދާނެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް