ދިވެހި ރާއްޖެއަކީ ކުޑަ ގައުމެއް ކަމަށާއި އަދި ކުޑަ ބަޖެޓެއް އޮންނަ ގައުމެއް ކަމުގައިވާއިރު އެއް ބޭފުޅެއްގެ އިސްތަށިފުޅަށް އަހަރަކު 55 މިލިޔަން ރުފިޔާ ހަރަދުކުރެވިގެންދިއުމަކީ ގައުމަށް އެކަށީގެންވާ ކަމެއް ނޫންކަމުގައި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދަށް އިޝާރާތްކުރައްވައި އަނދުން ހުސެއިން މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"މީ ކުޑަކުޑަ ގައުމެއް، އޮތީ ކުޑަ ބަޖެޓެއް، 55 މިލިއަން ރުފިޔާ ދެ އަހަރާ ބައި ވެރިކަން ކުރައްވާފައި ފައިބާހުންނެވި ބޭފުޅެއްގެ އިސްތަށިފުޅަށް ހަރަދު ކުރެވިގެންދިއުމަކީ ކުޑަ ބަޖެޓެއް އޮންނަ ގައުމަކަށް އެކަށީގެންވާ ކަމެއް ނޫން، ރިވައިޒް ކުރަންޖެހޭ" އެމްޕީ ވިދާޅުވިއެވެ.
މި މައުލޫގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ ދިވެހި ކޮންމެ ރައްޔިތަކަށް 80 ރުފިޔާ ވަކި ބޭފުޅަކަށް ދައުލަތުން ކުރާ ހަރަދުގެ ގޮތުގައި ހިމެނިގެން ދިއުމަކީ ދިއުމަކީ ހިތާމަހުރި ކަމެއް ކަމަށާއި ރާއްޖޭގެ ބަޖެޓަކީ ދުނިޔޭގެ ކޮކާކޯލާ ކުންފުނީގެ އެޑްވަޓައިޒިން ބަޖެޓަށްވުރެވެސް ކުޑަ ބަޖެޓެއް ކަމަށެވެ.
"ސެކިއުރިޓީއަށް 23 މިލިޔަން ފާސްކޮށްފަ، ބޭސް ފަރުވާއަށް ޖަރުމަނަށް ވަޑައިގަތީމަ ޖަރުމަނުގަ ގަނޑުވަރުކޮޅެއް، ކުއްޔަށް ހިފާފަ ބަހައްޓަވާފަ އަނެއްކާ ލަންޑަނަށް، އެއަށްވެސް ސަރުކާރުން ދެވަނަ ގަނޑުވަރުކޮޅަކަށްވެސް ރައްޔިތންގެ ފައިސާ ހަރަދު ކުރުން މީ ދެރަކަމެއް" އަނދުން ހުސެއިން ވިދާޅުވިއެވެ.
އިތުރަށް ވިދާޅުވީ ހިތް ހަމަ ނުޖެހުނު ކަމުގައިވިޔަސް ގަޔާ ނުވާ ކަމުގައިވީނަމަވެސް މިއީ އޮބި އޮންނަ ވަރު ކަމަކަށް ނުވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް