އާބަންކޯ އިން ފިތުރު ޢީދު ކުޑަގިރީގައި ކުލަގަދަކޮށް - އަރާ ފޭބުން ހިލޭ

މި ރަމަޟާންމަސް ނިމުމަކާ ގާތްވެފައިވާއިރު، ވިދިގެން އަންނަ ފިތުރު އީދުދުވަސް އާބަންކޯގެ ފަރާތުން ކުޑަގިރި ޕިކްނިކް އައިލެންޑުގައި ކުލަގަދަކޮށް ފާހަގަ ކުރުމަށް ނިންމައިފިއެވެ. މިކަން ހާމަކޮށް އަރބަންކޯ...

19 Apr 2023 | 11:52

މި ރަމަޟާންމަސް ނިމުމަކާ ގާތްވެފައިވާއިރު، ވިދިގެން އަންނަ ފިތުރު އީދުދުވަސް އާބަންކޯގެ ފަރާތުން ކުޑަގިރި ޕިކްނިކް އައިލެންޑުގައި ކުލަގަދަކޮށް ފާހަގަ ކުރުމަށް ނިންމައިފިއެވެ.

މިކަން ހާމަކޮށް އަރބަންކޯ އިން މިއަދު ބުނީ އަރބަން ގެޓްއަވޭއެއްގެ ގޮތުގައި ތަރައްޤީކޮށް، ދާދިފަހުން ހުޅުވި ކުޑަގިރި ޕިކްނިކް އައިލެންޑުގައި މިފަހަރު އީދު ފާހަގަކުރުމަށް ހަމަޖައްސާފައި ވަނީ ކުޑަގިރި އީދު ފެސްޓުގެ ނަމުގައި ކަމަށެވެ.

އަރބަންކޯ އިން ބުނީ ހުރިހާ އުމުރެއްގެ މީހުންނަށްވެސް ބައިވެރިވެވޭ ގޮތަށް އެ ދުވަހުގެ ހެނދުނުން ފެށިގެން ރޭގަނޑާ ހަމައަށް ތަފާތު އެކި ހަރަކާތްތައް ރާވާފައިވާނެ ކަމަށެވެ.

އޭގެ ތެރޭގައި ކުލަޖެހުން، ކްރޮސްނެޓް ވޮލީ ބޯޅަ، ކުޑަކުދިންގެ ކައިޓް ސެޝަން، ރޮބޯމޭންގެ ހަރަކާތްތައް، ބޮޑުމަސް ކޯޑި ކެނޑުން އަދި މާލި ހަރަކާތްތައް ހިމެނޭހެން ބޮޑުބެރު، ދަފިނެގުން އަދި ދަނޑިޖެހުމާއި މާފަތި،  ބަނޑިޔާ ހަރަކާތްތައް ހިމެނޭނެ ކަމަށް އާރބަންކޯ އިން ހާމަކުރެއެވެ.

އާރބަންކޯ އިން ބުނީ ބިދަބިން ބޮޑުބެރުގްރޫޕުގެ ހުނަރުވެރިކަން ފެނިގެންދާ މި ހަރަކާތްތަކުގައި ބައިވެރިވުމަށް އެ ދުވަހުގެ ހެދުނު 8:30ން ފެށިގެން އިރު އޮއްސި 7:30 އާ ހަމައަށް ކުޑަގިރިއަށް ހިލޭ އަރާ ފޭބޭނެ ކަމަށެވެ.

އަދި މި ގަޑިތަކުގައި ކުޑަގިރީގައި އުޅޭ މީހުންނަށް ޚާއްސަކޮށް ސްނެކްސް ލިބޭނެ ގޮތަށް ސްޓޯލްތައް ވެސް ބެހެއްޓުމަށް ވަނީ ހަމަޖެހިފައި ކަމަށް އާރބަންކޯ އިން ބުނެފައި ވެއެވެ.

https://twitter.com/KudagiriMv/status/1648601840131657728

އާރބަންކޯ އިން ބުނީ ހެނދުނާއި ހަވީރުގެ ކުޅިވަރު ހަރަކާތްތަކަށް ފަހު ކުޑަގިރި އީދު ފެސްޓު ނިންމާލަން ހަމަޖެހިފައި ވަނީ ގާލާ ނައިޓަކުން ކަމަށާއި މި ގާލާގައި ބައިވެރިވުމަށް ކޮންމެ މީހަކު ވެސް 150ރ ދައްކަން ޖެހޭނެ ކަމަށެވެ.

މީގެ ތެރޭގައި އީދު ސްޕެޝަލް ގާލާ ޑިނާއެއްގެ އިތުރަށް ޑި ޓިއުން ބޭންޑާއި، ބިދަބިން ބޮޑުބެރު ގްރޫޕް ހަރަކާތްތަކުގެ އިތުރަށް ލޯކަލް އަދި އިންޓަނޭޝަނަލް އާޓިސްޓުންގެ އެކި ހަރަކާތްތައް ހިމެނިގެންދާނެ ކަމަށް ވެސް އާރބަންކޯ އިން ބުނެފައި ވެއެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑް ރަސްމީކޮށް ހުޅުވިތާ ދެ މަސްވެފައިވާއިރު، ކުޑަގިރިއަށް ޒިޔާރާތްކުރި 10،000 ވަނަ މީހާ އިއުލާންކުރުން ވެސް މި ގާލާ ނައިޓްގައި އޮންނާނެ ކަމަށް އާރބަންކޯ އިން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް