ގއ. ގެމަނަފުށި އަދި ތ. ދިޔަމިގިލީގެ ސިއްހީ މަރުކަޒު ތަރައްޤީ ކުރުމުގެ މަސައްކަތްތަކެއް ކޮންޓްރެކްޓަރުންނާއި މިއަދު ހަވާލުކޮށްފިއެވެ.
މިކަން ހާމަކޮށް ހެލްތު މިނިސްޓްރީން މިއަދު ބުނީ ގެމަނަފުށި ސިއްހީ މަރުކަޒުގެ ވަށާފާރު ރޭނުމާއި، އެ މަރުކަޒުގައި ކުރަންހުރި މަސައްކަތްތައް ކުރުމަށް ހަވާލުކުރީ ކޮންޓްރެކްޓަރ ވީރު ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި ކަމަށެވެ.
އަދި މި މަސައްކަތުގެ ޖުމްލަ އަގަކީ 1,393,930.51ރ (އެއްމިލިއަން ތިންލައްކަ ނުވަދިހަތިންހާސް ނުވަސަތޭކަ ތިރީސް ރުފިޔާ ފަންސާސް އެއްލާރި) ކަމަށް ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.
ހެލްތު މިނިސްޓްރީން ބުނީ މި މަސައްކަތް ވީރު ގުރޫޕާއި ހަވާލުކޮށްފައި ވަނީ 120 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށެވެ.
މީގެ އިތުރުން ދިޔަމިގިލީ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތާއި ޕޯޓިކޯގެ މަސައްކަތްތައް ކުރުމަށް ހަވާލުކޮށްފައި ވަނީ ކޯސްޓަލް އިންޖިނިއަރިންގ ސޮލިއުޝަން ޕްރައިވެޓް ލިމިޓެޑާއި ކަމަށެވެ. އަދި މި މަސައްކަތް ހަވާލުކުރީ 154 ދުވަސްތެރޭ ނިންމުމަށް ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.
މިގޮތުން މި މަސައްކަތުގެ ޖުމްލަ އަގަކީ 4,405,835.16 ރ (ހަތަރު މިލިއަން ހަތަރު ލައްކަ ފަސްހާސް އަށްސަތޭކަ ތިރީސްފަސްރުފިޔާ ސޯޅަލާރި) އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް