މާލެސިޓީގައި ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަހަން ފަށައިފިއެވެ.
މިކަން ހާމަކޮށް އިސްލާމިކް މިނިސްޓްރީން ބުނީ 1444 ވަނަ އަހަރު ގޮވާމުގެ ބާވަތްތަކުން މާލެ ސިޓީގައި ފިޠުރުޒަކާތް ބެހުން ކުރިއަށްދާނީ 19 އަދި 20 އެޕްރިލް 2023، މި ދެ ދުވަހު، މަޖީދިއްޔާ ސްކޫލުގެ ‘ޞަލާހުއްދީން ހޯލް’ގައި ކަމަށެވެ.
މިގޮތުން އިސްލާމިކް މިނިސްޓްރީން ބުނީ ގޮވާމުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މަޖީދިއްޔާ ސްކޫލުގެ ‘ޞަލާހުއްދީން ހޯލް’ގައި ހުކުރު ދުވަސްފިޔަވައި، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00، މެންދުރުފަހު 13:00 އިން 15:15އަށް އަދި ރޭގަނޑު 21:00 އިން 22:30 އަށެވެ.
އަދި މިތަކެތި ބެހުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ.
18 އެޕްރިލް 2023ގެ ނިޔަލަށް ގޮވާމުން ޒަކާތް ދައްކާފައިވަނީ ޖުމްލަ 2723މީހުން ކަމަށާއި ޒަކާތާއި ޞަދަގާތުގެ ގޮތުގައި ގޮވާމުގެ ބާވަތްތަކުގެ ޖުމްލަ 7378.7 ކިލޯ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ.
އެއީ ގޮވާމުން ޒަކާތްދެއްކި 6535.2 ކިލޯއާއި ޞަދަގާތުގެ ގޮތުގައި ދެއްކި 843.5 ކިލޯއެވެ. ގޮވާމުގެ ގޮތުގައި ޒަކާތް ބަލައިގަންނަނީ ހަނޑުލުގެ ބާވަތްތަކުގެ ތެރެއިން، އާދައިގެ ހަނޑޫ، ރަތް ހަނޑޫ، ބާސްމަތީ ހަނޑޫ (އާދައިގެ) ، ބާސްމަތީ ހަނޑޫ (މޮޅު)، ބާސްމަތީ ހަނޑޫ (އެންމެ މޮޅު) ،އަދި ފުށުގެ ބާވަތްތަކުގެ ތެރެއިން އާދައިގެ ފުށް އަދި އާޓާ ފުށުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް