މި އަހަރުގެ އެންމެ ފަހު އިޙްޔާ ފޯރަމް މިރޭ

1444 ވަނަ އަހަރުގެ އެންމެ ފަހު އިޙްޔާ ފޯރަމް މިރޭ، (19 އެޕްރިލް 2023) ބޭއްވުމަށް ހަމަޖައްސައިފި އެވެ. އިސްލާމީ މަރުކަޒުގެ ހޯލްގައި ބާއްވާ މި ފޯރަމްގައި “ފާފަ ފުއްސަވައިދެއްވުމުގައި ﷲ (سُبْحَانَهُ وَتَ...

19 Apr 2023 | 07:18

1444 ވަނަ އަހަރުގެ އެންމެ ފަހު އިޙްޔާ ފޯރަމް މިރޭ، (19 އެޕްރިލް 2023) ބޭއްވުމަށް ހަމަޖައްސައިފި އެވެ.

އިސްލާމީ މަރުކަޒުގެ ހޯލްގައި ބާއްވާ މި ފޯރަމްގައި “ފާފަ ފުއްސަވައިދެއްވުމުގައި ﷲ (سُبْحَانَهُ وَتَعَالَى)ގެ އޯގާވަންތަވެރިކަން” މި މައުޟޫޢަށް ތަޤްރީރުކުރައްވާނީ ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާނެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ރޭގަނޑު 21:30ގައި ފަށާ މި ފޯރަމްގައި ވެސް ކޮންމެ އިހްޔާ ފޯރަމެއްގައި ގުރުއަތުން ހޮވޭ ފަރާތްތަކަށް އެރެއަކު ދިނުމަށް ހަމަޖެހިފައިވާ އިނާމު ދޭނެ ކަމަށެވެ.

އަދި ދަރިވަރުންގެ އިޙްޔާ ފޯރަމްތަކުގެ އިނާމު ދިނުމާއި، މާލޭގައި ބޭއްވި އިޙްޔާ ފޯރަމްތަކުގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ބާއްވާ ގުރުއަތުލުން އޮންނާނެ ކަމަށާއި މި ގުރުއަތުގައި ދަރިވަރުންގެ އިޙްޔާފޯރަމްގައި ބައިވެރިވި ފަރާތްތައްވެސް ހިމެނޭނެ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި ފޯރަމްގައި ގުރުއަތުން ހޮވޭ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާ އިނާމުތަކަކީ 1ވަނައަށް ޢުމްރާ ދަތުރެއް، 2 ވަނައަށް ސްމާޓް ފޯނެއް، އަދި 3ވަނައަށް ސޯފާސެޓެއް ކަމަށެވެ.

މި އަހަރު ޖުމްލަ 16 އިޙްޔާ ފޯރަމް ބާއްވާފައި ވާއިރު އޭގެ ތެރޭގައި މާލެސިޓީ އާއި އަތޮޅުތެރޭގައި ބޭއްވި އިޙްޔާ ފޯރަމްތައް ހިމެނޭ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.

މިގޮތުން ދަރިވަރުންނަށް ޚާއްސަކޮށްގެން ޖުމްލަ 4 ސްކޫލެއްގެ 4 ފޯރަމެއް ވަނީ ބާއްވާފައި ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

ދަރިވަރުންގެ އިޙްޔާ ފޯރަމްތަކުގައި ބައިވެރިވެފައިވަނީ އަލް މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއާއި، ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލާއި، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލާއި ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީ.އެޗް.އެސް.އީ)އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް