އިންޑިއާގެ ޗީފް އޮފް ދަ ނޭވަލް ސްޓާފް، ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

އިންޑިއާގެ ޗީފް އޮފް ދަ ނޭވަލް ސްޓާފް އެޑްމިރަލް ރާދަކްރިޝްނަން ހަރީ ކުމާރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްދަމު ޞާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުނ...

19 Apr 2022 | 11:46

އިންޑިއާގެ ޗީފް އޮފް ދަ ނޭވަލް ސްޓާފް އެޑްމިރަލް ރާދަކްރިޝްނަން ހަރީ ކުމާރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްދަމު ޞާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު މެންދުރު ކުރީގައި ރައީސް އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެޑްމިރަލް އާރު ހަރީ ކުމާރު ރާއްޖެއަށް ވަޑައިގަތުމާއި ގުޅިގެން މަރުޙަބާ ވިދާޅުވެފައެވެ. އަދި، ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ރާއްޖެއާއި އިންޑިއާ އާއި ދެމެދުގައި ދިފާޢީ ގޮތުން އިތުރަށް ގުޅުން ބަދަހިކުރެވިފައިވާކަން ހާމަކުރައްވަމުން ރައީސް ވަނީ ދިފާޢީގޮތުން ދޭ އެއްބާރުލުމަކީ ދެ ޤައުމުގެ ދެމެދުގައިވާ އެކުވެރިކަމުގެ މައިގަނޑު އެއް އަސާސު ކަމުގައި ވިދާޅުވެފައެވެ.

އެޑްމިރަލް އާރު ހަރީ ކުމާރު ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު ވަނީ މެރިޓައިން ސޭފްޓީ ޙަރަކާތްތަކާއި، ދެ ޤައުމުގެ ސިފައިން ގުޅިގެން ހިންގާ އެކްސަރސައިޒްތަކާއި، އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ޕެޓްރޯލްކުރުން ހިމެނޭހެން ރާއްޖެއާއި އިންޑިއާ އާ ދެމެދުގައި ދިފާޢީ ގުޅުން ބަދަހިކުރުމުގެ ޙަރަކާތްތައް ކުރިޔަށްދާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސް ވަނީ އެޑްމިރަލް އާރު ހަރީ ކުމާރު ރާއްޖެއަށް މި ކުރެއްވި ޒިޔާރަތަކީ ކާމިޔާބު ޒިޔާރަތަކަށް ވުމަށް އެދިވަޑައިގެންފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް