ދިމާވާ ކަންކަމާއި ވަކީލުކޮށް އިޖާބީ ވިސްނުމެއްގައި ވިސްނަންޖެހޭ: ޝައިޚް ޝިފާން

މި ދުނިޔޭގެ ޙަޔާތް ވޭތުކުރަމުންދާއިރު ތަފާތު ކަންތައްތަކާއި ދިމާވާނެކަމަށާއި އެފަދަކަންތަކާއި ވަކީލުކޮށް އިޖާބީ ވިސްނުމެއްގައި ވިސްނަންޖެހޭކަމަށް އައްޝައިޚް މުޙައްމަދު ޝިފާން ވިދާޅުވެއްޖެއެވެ. ޝައިޚް ...

19 Apr 2022 | 10:39

މި ދުނިޔޭގެ ޙަޔާތް ވޭތުކުރަމުންދާއިރު ތަފާތު ކަންތައްތަކާއި ދިމާވާނެކަމަށާއި އެފަދަކަންތަކާއި ވަކީލުކޮށް އިޖާބީ ވިސްނުމެއްގައި ވިސްނަންޖެހޭކަމަށް އައްޝައިޚް މުޙައްމަދު ޝިފާން ވިދާޅުވެއްޖެއެވެ.

ޝައިޚް މުހައްމަދު ޝިފާން މިހެން ވިދާޅުވީ "އީޖާބީ ވިސްނުން" މި މައުޟޫއަށް ވާހަކަފުޅު ދައްކަވަމުންނެވެ.

ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް ކުރިއަށްގެންދާ އިޙްޔާ ފޯރަމްގެ 8 ވަނަ ޕްރޮގްރާމް ރޭ ރ. ދުވާފަރުގައި ބާއްވާފައިވާއިރު  މި މައުޟޫއަށް ޝައިޚް މުހައްމަދު ޝިފާންގެ އިތުރުން އައްޝައިޚް ޢަބްދުﷲ ރަޝީދުވެސް ވަނީ ވާހަކަފުޅުދައްކަވާފައެވެ.

ދެބޭފުޅުންގެ ވާހަކައިގައިވެސް ދިރިއުޅުމުގައި ތިމާ ހިތްހަމަނުޖެހޭ އެތައްކަމެއް ކުރިމަތިވާނެކަމަށާއި ވަރަށް ގިނަ ދަތިތަކާއި ގޮންޖެހުންތަކާއި ދިމާވާނެކަމަށް ވިދާޅުވިއެވެ.

އެފަދަ ކަންތައްތަކާއި ކުރިމަތިލާންޖެހޭނެކަމަށާއި އެ ގޮތްތައް އިސްލާމްދީނުގައި ބަޔާންކޮށްދެއްވާފައިވާކަމަށްވެސް ވިދާޅުވިއެވެ.

މިފަދަ ކަންތައް ތަޙައްމަލް ކުރާނެ އަދި މުޢާމަލާތުކުރާނެގޮތް ބަޔާންކޮށްދީފައިވަނީ އިސްލާމްދީނުގައި، އިސްލާމީ ޝަރީޢަތުގައިކަމަށާއި މާތް ނަބިއްޔާ މުޙައްމަދު ﷺ ގެ އެންމެހާ ކަންތައްތަކާއި ޙަޔާތްޕުޅަކީވެސް އަޅުގަނޑުމެންނަށް ނަމޫނާއެއްކަމަށް ވިދާޅުވިއެވެ.

އެހެންކަމުން އިސްލާމީ ޝަރީޢަތަކީ އެންމެހާ ކަންތައްތައް އެންމެ ފުރިހަމަގޮތުގައި ބާވައިލެއްވިގެންވާ ޝަރީޢަތެއްކަމާއި

ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ޢަމަލުތައް ބަހައްޓާނެގޮތާއި މުޢާމަލާތުކުރާނެގޮތް އިސްލާމީ ޝަރީޢަތުގައި ބަޔާންކޮށްފައިވާކަމަށް ވިދާޅުވިއެވެ.

އިސްލާމީ ޝަރީޢަތަކީ ހުރިހާ ޒަމާނަކަށް ފެތޭ ފުރިހަމަވެގެންވާ ޝަރީޢަތެއްކަން ފާހަގަކުރައްވާ އިންސާނާގެ ވިސްނުމާއި ފިކުރުގެ ނަމޫނާ ތަރުބިއްޔަތަށް މަގުދެއްކެވީ އިސްލާމްދީންކަމަށް ޝައިޚް ވިދާޅުވިއެވެ.

މީގެ އިތުރުން މުސީބާތްތަކާއި މިފަދަ އިމްތިޙާންތައް ކުރިމަތިވުމުން އެކަންކަމަށް ޢަމަލުތައް ބަހައްޓާނެ ގޮތްތަކަށްވެސް ވަނީ ބައްލަވާލައްވާފައެވެ.

ހެޔޮމިންވަރާއި ނުބައި މިންވަރަށް އީމާންވެ، އަބަދުވެސް މާތްﷲއަށް ފުރިހަމައަށް ޔަޤީންކަން ބޭއްވުމަށާއި މާތްﷲއާ މެދު އެއްވެސް ޙާލެއްގައި ނުބައިކޮށް ހީނުކުރުމަށް ވިދާޅުވިއެވެ. ﷲ ތަޢާލާ އަޅުގަނޑުމެންނަށް މިންވަރުކުރައްވާ ކޮންމެ ކަމަކަށް ރަނގަޅުގޮތުގައި ވިސްނަންޖެހޭނެކަން ފާހަގަކުރައްވާ ދިރިއުޅުމުގައި ކަމެއް ކުރިމަތިވުމުން އެކަމަކީ ހިތްހަމަ ނުޖެހޭކަމެއްކަމަށްވިޔަސް އެކަން ހެޔޮގޮތުގައި ބަލައިގަނެ ހެޔޮކޮށް ވިސްނަން ޖެހޭނެކަމަށް ވިދާޅުވިއެވެ.

ކޮންމެ ހާލެއްގައިވެސް މާތްﷲ އަށް ވަކީލުކުރުމަކީ އުންމަތުގެ ނަބިއްޔާ މުޙައްމަދު ﷺ ގެ އަރިހުން ފެނުނު އެންމެ ބޮޑު ނަމޫނާކަމަށްވެސް ވިދާޅުވިއެވެ. އެއްވެސް ޙާލެއްގައި މާތްﷲ ގެ ރަޙްމަތުން އުންމީދުކަނޑާނުލުމަށް ޝައިޙުންވަނީ ނަސޭޙަތްތެރިވެވަޑައިގެންފައެވެ.

އެއްވެސް އިމްތިޙާނެއް ކުރިމަތިވެއްޖެނަމަ އެކަމެއްގައި ހުރި އީޖާބީ ކަންކަމަށް ބެލުމުގެ މުހިންމުކަން ފާހަގަކުރައްވާ ނޭދެވޭ ކަންކަމާއިމެދު ނުވިސްނުމަށްވެސް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.

ރަސޫލާ ﷺ ކޮންމެ ކަމެއްގައިވެސް ގެންގުޅުއްވީ އީޖާބީ ވިސްނުންކަމަށް ވިދާޅުވެ ކީރިތި ޤުރުއާނުގައި ކޮންމެ އުނދަގޫ ކަމަކާއެކު ފަސޭހަކަމެއްވާކަން ބަޔާންކުރައްވާފައިވާކަމަށް ވިދާޅުވިއެވެ.

އީޖާބީ ވިސްނުމުން ވިސްނާއިރު ވިސްނުން ބަހައްޓަންވީ ގޮތުގެ މައްޗަށް ބައްލަވާލައްވާ އެކަމުގެ ތަފްސީލުތައް ދެއްވަމުން، މާތްﷲ އެއްވެސް ނަފްސަކަށް އެ ނަފްސަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ ތަކުލީފް ނުޖައްސަވާކަމަށް ޤުރުއާނުގައި ބަޔާންކުރައްވާފައިވާކަމަށްވެސް ޝައިޚުން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް