ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް(ސްޓެލްކޯ) އަށް ގިނަދުވަހު ހިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކުގެ ތެރެއިން ދެ ފަރާތަކަށް ހައްޖު ދަތުރަކާއި އިތުރު ދެ ފަރާތަކަށް އުމްރާ ދަތުރެއްދީފިއެވެ.
އެ ކުންފުނިން ބުނީ އެކުންފުނިން ދެމުންގެންދާ ހައްޖުގެ އަޅުކަމުގެ ފުރުސަތަށް ޝަރުތު ހަމަވަނީ ކުންފުނީގެ 15 އަހަރު ހިދުމަތް ކުރައްވާފައިވާ މުވައްޒަފުންނަށްކަމަށެވެ. އަދި އުމްރާގެ އަޅުކަމުގެ ފުރުސަތައް ކުރިމަތިލެވެނީ 5 އަހަރު ހިދުމަތް ކުރައްވާފައިވާ މުވައްޒަފުންނަށް ކަމަށް އެކުންފުނިން ބުނެއެވެ.
އުމްރާގެ އަޅުކަމުގެ ފުރުސަތު ލިބުނު މުވައްޒަފުންނަކީ ވިލިނގިލީ އިންޖީނުގޭގެ އަބުދުﷲ ޝަފީގާއި، ކޯޕަރޭޓް އެންޑް ލީގަލް އެފެއާޒް ޑިޕާޓްމަންޓްގެ ސަމީރާ ހުސައިނެވެ.
ހައްޖުގެ އަޅުކަމުގެ ފުރުސަތު ލިބުނު މުވައްޒަފުންނަކީ، ޓްރާންސްޕޯޓް، ލޮޖިސްޓިކްސް އެންޑް މެއިންޓަނެންސް ޑިޕާޓްމަންޓްގެ މުހައްމަދު އަބޫބަކުރު އަދި ކަސްޓަމަރސަވިސަސް އެންޑް ބިލިންގ ޑިޕާޓްމަންޓްގެ ނަޒްނާ އަހުމަދެވެ.
އެ ކުންފުނިން ރޭ ބޭއްވި ތަރާވީހުގައި ހައްޖާއި އުމްރާގެ ފުރުސަތު ލިބުނު މުވައްޒަފުންނަށް އެކަމުގެ ލިއުން ހަވާލުކޮށްދެއްވީ، މިނިސްޓަރ އަހުމަދު ޒާހިރާއި، މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފެވެ.
މި ތަރާވީހުގައި މެނޭޖިންގ ޑިރެކްޓަރު ދެއްކެވި ވާހަކަފުޅުގައި ވަނީ ރަމަޟާން މަސް އިހްޔާ ކުރުމަށް ސްޓެލްކޯގައި އުފެދިފައި އޮތް ސަގާފަތް އަލުން ފެށީ ކަމަށާއި، ކުންފުނިން ދެމުންގެންދިޔަ ހައްޖު އަދި އުމްރާގެ ފުރުސަތުތައް ދުވަސްކޮޅެއްގެ މެދުކެނޑުމަކަށްފަހު އަލުން ދޭން ފެށުނުކަން ވަނީ ފާހަގަ ކުރައްވާފައެވެ.
އަދި އެމްޑީގެ ވާހަކައިގައި ރަމަޟާން މަހަކީ ބަރަކާތުން ފުރިގެންވާ މައްސަރަކަށްވުމުން، އެ މަހުގެ ބަރަކާތްތެރިކަން ހާސިލް ކުރެވޭތޯ ހުރިހާ މުވައްޒަފުންވެސް ގަދައަޅާ މަސައްކަތް ކުރުމަށާއި، ވީހާވެސް ގިނައިން ގުރުއާން ކިޔެވުމަށާއި، ޒިކުރުކުރުމަށާއި، އަޅުކަން ކުރުމުގައި ދެމި ތިބުމަށް އިލްތިމާސްކޮށް، ނަސޭހަތްތެރިވިއެވެ.
މީގެ އިތުރުން މުވައްޒަފުންނަށް ކުންފުނިން ފޯރުކޮށްދެމުންގެންދާ އިނާޔަތްތަކާއި، ކޮށްދެއްވަމުންގެންދަވާ ކަންކަމުގެ ބަދަލުގައި ހަމައެކަނި ބޭނުންފުޅުވަނީ ހެޔޮހިތުން، ހިނިތުންވުމާއެކު، ރައްޔިތުން އެދޭފަދަ ރަނގަޅު ހިދުމަތްތަކެއް އިހްލާސްތެރިކަމާއެކު، އެ ރައްޔިތުންނަށް ދެމުން ގެންދިއުން ކަމަށާއި، އަދި ރައްޔިތުން އަޅުގަނޑުމެންގެ ހިދުމަތް ބަލައިގަންނަ ކަމުގެ އިހްސާސް ކުރެވުން އެއީ އަޅުގަނޑުމެންގެ މަގްސަދު ހާސިލްވުން ކަމަށް އެމްޑީ ޝަރީފް ވަނީ ވިދާޅުވެފައެވެ.
"ވަރަށް ހަމްދު ކުރަން އިންގޭތޯ. މި ލިބިގެން ދިޔައީ ވަރަށް ބޮޑު ނިއުމަތެއް. އަޅުގަނޑު އެދެނީ އަބަދުވެސް މުވައްޒަފުންނަށް ފައިދާހުރި މިފަދަ ގިނަ ފުރުސަތުތައް ހުޅުވާލައި، މިފަދަ ކަންކަން މެނޭޖްމަންޓުގެ ފަރާތުން ކުރަމުން ގެންދިއުން. ހާއްސަކޮށް، މި ފުރުސަތު ލިބުން މެދުކެނޑިފައިވަނިކޮށް، މެނޭޖިންގ ޑިރެކްޓަރު ޝަރީފް އަލުން މިފުރުސަތު ހުޅުވައިދެއްވީތީ ވަރަށް ބޮޑު ޝުކުރެއް ދަންނަވަން ބޭނުން" ހައްޖުގެ ދަތުރު ލިބުނު މުހައްމަދު އަބޫބަކުރު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް