ލައިސެންސް ނެތި ބިދޭސީން އެތެރެކޮށްފިނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރާ ގަވައިދެއް އާންމުކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރުނު މި ގަވައިދުގައިވާ ގޮތުން ލައިސެންސެއް ނެތި މޭންޕަވާ ސަޕްލައިގެ ހިދުމަތްދީފި ނަމަ އެ ފަރާތެއް 50،000ރ. އިން ޖޫރިމަނާކުރާނެ އެވެ. އަދި މިގޮތަށް ގެންނަ ކޮންމެ ބިދޭސީއެއްގެ ބޮލަށް އިތުރު 5،000ރ. ޖޫރިމަނާގެ ގޮތުގައި ނަގާނެ ކަމަށް އެ ގަވައިދުގައިވެއެވެ.
މީގެ އިތުރުން ލައިސެންސް ނެތި ބިދޭސީން ރެކްރޫޓްކޮށްފި ނަމަ އެ ވިޔަފާރިއެއް 40،000ރ. އިން ޖޫރިމަނާކޮށް، ގަވާއިދާ ހިލާފަށް ރެކްރޫޓްކުރި ކޮންމެ މީހަކަށް 5،000ރ. މަގުން ޖޫރިމަނާ ފައިސާ ދައްކަން ޖެހޭނެ އެވެ. އަދި ލައިސެންސް ނެތް ފަރާތަކުން ޕާމިޓް މެނޭޖްކޮށްދިނުމުގެ ހިދުމަތް ދީފި ނަމަ ވަޒީފާ ދޭ ކޮންމެ ފަރާތަކަށް 10،000ރ. ގެ މަގުން ޖޫރިމަނާކެވޭނެކަމަށް ގަވައިދުގައިވެ އެވެ.
މި ގަވައިދުގައި ރާއްޖޭގައި ވަޒީފާ ހަމަޖައްސައިދޭ އެޖެންސީތައް ރަޖިސްޓަރީކުރުމާއި ލައިސަންސް ދިނުމާއި ލައިސަންސް އާކުރުމާއި ލައިސަންސް ހިފެހެއްޓުމާއި ލައިސަންސް ބާތިލުކުރުމާއި އެޖެންސީ ހިންގުމާއި އެފަދަ އެޖެންސީއަކުން ދެވޭ ހިދުމަތްތަކާއި ހިދުމަތްތަކުގެ މިންގަނޑުތައް ބަޔާންކޮށްފައިވެ އެވެ.
ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތުގައި އެމްޕްލޯއިމަންޓް ސާވިސް ލައިސަންސްގެ ދަށުން ވަޒީފާ ހަމަޖައްސައިދޭ އެޖެންސީތަކަށް ދޭނެ ހިދުމަތްތަކާއި ހިދުމަތުގެ މިންގަނޑުތައް ކަނޑައެޅޭނީ، އެ ފަރާތެއް ރަޖިސްޓަރީ ކުރެވޭ ކެޓަގަރީއަކަށް ބަލައިގެންނެވެ. މިގޮތަށް އޭޖެންސީތަކަށް ތިން ކެޓަގަރީއެއްގައި ރަޖިސްޓްރީވެވޭނެ އެވެ. އެއީ ކެޓަގަރީ އޭ، ބީ އަދި ސީ އެވެ.
ކެޓަގަރީ އޭ ގައި ހިމެނޭނީ ރެކްރޫޓްމަންޓުގެ ހިދުމަތާއި، ވޯކް ޕާމިޓް މެނޭޖްމަންޓުގެ ހިދުމަތް ދޭ އެޖެންސީތަކެވެ. ކެޓަގަރީ ބީ ގައި ހިމެނޭނީ ވޯކް ޕާމިޓް މެނޭޖްމަންޓުގެ ހިދުމަތް ދޭ އެޖެންސީތަކެވެ. އަދި ކެޓަގަރީ ސީ އަކީ މޭންޕަވާ ސަޕްލައި ކުރުމުގެ ހިދުމަތް ދޭ އެޖެންސީތަކެވެ.
މި ގަވައިދުގައިވާ ގޮތުން އެމްޕްލޯއިމަންޓް ސާވިސް ލައިސަންސް ދޫކޮށްފައިވާ އެޖެންސީއަކުން ދޫކޮށްފައިވާ ލައިސަންސް ކެޓަގަރީގައި ނުހިމެނޭ ހިދުމަތްތައް ދީފި ނަމަ ވެސް އިތުރު ޖޫރިމަނާތަކެއް ކުރާނެ އެވެ.
މި ގަވައިދުގައި ވަނީ އޭޖެންސީތަކުން ބަހައްޓަންޖެހޭ ޑިޕޮސިޓްގެ އަދަދުތައް ވެސް ބަޔާންކޮށްފަ އެވެ. އެގޮތުން ކެޓަގަރީ އޭ ގެ އޭޖެންސީ ރަޖިސްޓްރީ ކުރާ ނަމަ ޑިޕޮސިޓްގެ ގޮތުގައި ތިން ލައްކަ ރުފިޔާ ބަހައްޓަން ޖެހޭނެ އެވެ. ކެޓަގަރީ ބީގެ އޭޖެންސީއެއް ނަމަ 50،000ރ. އަދި ކެޓަގަރީ ސީ ނަމަ ތިން މިލިއަން ރުފިޔާ ޑިޕޮސިޓްގެ ގޮތުގައި ބަހައްޓަން ޖެހޭނެ ކަމަށް ގަވާއިދުގައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް