ހަންޏާމީދޫގެ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ 80 ޕަސެންޓް މަސައްކަތް ނިމިއްޖެ

އދ. ހަންޏާމީދޫގައި ކުރިއަށް ގެންދާ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މުޅި މަޝްރޫޢުގެ 80 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޑަބްލިޔުއެސްސީން ބުނެފިއެވެ. އެމްޑަބްލިޔުއެސ...

19 Apr 2022 | 07:50

އދ. ހަންޏާމީދޫގައި ކުރިއަށް ގެންދާ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މުޅި މަޝްރޫޢުގެ 80 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޑަބްލިޔުއެސްސީން ބުނެފިއެވެ.

އެމްޑަބްލިޔުއެސްސީން މިއަދު ބުނީ ހަންޏާމީދޫ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ ދަށުން 4.91 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކްގެ ހޮޅިވަޅުލުމުގެ މަސައްކަތްތަކާއި، ބޯހޯލް ތޮރުފުމުގެ މަސައްކަތްތަކާއި، އާރ.އޯ ޕްލާންޓް ފެބްރިކޭޓް ކުރުމުގެ މަސައްކަތްތަކާއި އަދި ފެން ރައްކައުކުރާ ތާނގީގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތްތައް ވަނީ ނިމިފައި ކަމަށެވެ.

މީގެ އިތުރުން، ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތުގެ ދަށުން، ފެން ރައްކައުކުރުމަށްޓަކައި ތިން ތާނގީ ބެހެއްޓުމުގެ މަސައްކަތްތައް މިހާރު ދަނީ ފެށިގެން ކުރިއަށް ކަމަށް އެކުންފުނިން ހާމަކުރެއެވެ.

އަދި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައި ކަަމަށް އެމްޑަބްލިޔުއެސްސީން ބުނެއެވެ.

ހަމަ އެއާއިއެކު، މި މަޝްރޫޢުގެ ދަށުން ފެން އުފެއްދުމަށްޓަކައި 2 އާރ.އޯ ޕްލާންޓް ބެހެއްޓުމާއި، ގޭގެއަށް ފެންމީޓަރ ބަހައްޓައި ފެނުގެ ކަނެކްޝަން ގުޅައިދިނުމާއި, ފެނުގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރ ސެޓާއި އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައި ކަމަށް އެމްޑަބްލިޔުއެސްސީން ހާމަކުރެއެވެ.

މިއީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 21.65 މިލިއަން ދިވެހި ރުފިޔާގެ މަޝްރޫޢޫއެކެވެ.

އެމްޑަބްލިޔުއެސްސީން ބުނީ މިމަޝްރޫޢުގެ މަސައްކަތް ނިމުމުން ހަންޏާމީދޫގެ ރައްޔިތުންނަށް ސާފު ބޯފެނުގެ ނިޒާމެއް ލިބިގެންދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް