ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގައި މި އަހަރުގެ ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދޭން އެދިއްޖެ އެވެ.
ހިޔާ ޔޫނިއަންގެ ރައީސް އަބްދުﷲ އަމްޒަލް ސޮއިކުރައްވައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރަށް ފޮނުއްވި ސިޓީއެއްގައި ވަނީ "ހިޔާ ސަހަރު" ގައި މިހާރު 15،000 އެއްހާ މީހުން ދިރިއުޅެމުން އަންނައިރު އެ ސަރަހައްދުގައި ގާއިމުކުރެވިފައިވާ ތިން މިސްކިތުގެ ޖާގައިގެ ދަތިކަން ފާހަގަކުރެވޭކަމަށެވެ.
އެގޮތުން މި ތިން މިސްކިތުގައި ބޮޑު ޖަމާއަތުގައި ފިތުރު އީދު ނަމާދުކުރާއިރު ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް އިހްސާސްކުރަން ޖެހޭނެކަން އަމްޒަލް ވަނީ ފާހަގަ ކުރައްވާފައެވެ.
އަމްޒަލްގެ ސިޓީގައިވާ، ފިތުރު ނަމާދަކީ ގިނަ އަދަދެއްގެ ފިރިހެނުންގެ އިތުރުން އަންހެނުންނާއި ކުޑަކުދިން ވެސް ބައިވެރިވާ ނަމާދެއް ކަމަށާއި މިއީ ހިޔާ ފްލެޓަށް އެ މީހުން ބަދަލުވި ފަހުން ބައްދަލުކުރާ ފުރަތަމަ އީދު ނަމާދަށް ވާތީ ހާމަ ސަރަހައްދެއްގައި ބޮޑު ޖަމާއަތެއްގައި އީދު ނަމާދުކުރެވޭނެ ގޮތް އިންތިޒާމުކޮށް، އެކަމުގެ ހުއްދަ ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށްވަނީ އެދިފައެވެ.
ދީނީ ގޮތުން ވެސް އީދު ނަމާދުކުރަން އެންމެ އައުލާކަން ބޮޑީ ހާމަ ސަރަހައްދެއްގައި ބޮޑު ޖަމާއަތެއްގައި ކަމަށް ވާތީ ހިޔާ ސަހަރުގެ ރައްޔިތުންނަށް ވެސް އެ ފުރުސަތު ތަނަވަސްކޮށްދެއްވުމަށް އެދޭކަމަށާއި، ޖަމިއްޔާގެ ހިންގާ ކޮމިޓީގައި ވަނީ އެ ކަމަށް މަޝްވަރާކޮށް، ބޮޑު ޖަމާއަތް ބޭއްވިދާނެ ސަރަހައްދެއް ވެސް ފާހަގަކޮށްފައިކަމަށް އެ ސިޓީގައި ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް