އައިއެސްގެ ޓެރަރިސްޓެއް ކަމަށް ތުހުމަތު ކުރާ ހޫދާއި ދެކޮޅަށް ފަސް ދައުވާއެއް އުފުލައިފި

އިސްލާޟިކް ސްޓޭޓް (އައިއެސް) ގެ މެމްބަރެއް ކަމަށް ތުހުމަތު ކުރާ ކ. މާލޭ ވ. ދެލްވައްތަ ހޫދު މުހައްމަދު ޒާޙިރުގެ މައްޗަށް ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ފަސް ދައުވާއެއް އުފުލައިފި އެވެ. އޭނާ ހ...

19 Apr 2022 | 07:30

އިސްލާޟިކް ސްޓޭޓް (އައިއެސް) ގެ މެމްބަރެއް ކަމަށް ތުހުމަތު ކުރާ ކ. މާލޭ ވ. ދެލްވައްތަ ހޫދު މުހައްމަދު ޒާޙިރުގެ މައްޗަށް ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ފަސް ދައުވާއެއް އުފުލައިފި އެވެ.

އޭނާ ހައްޔަރު ކުރީ މިދިޔަ ޖެނުއަރީ މަހު އެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރަނީ 2015 ވަނަ އަހަރުންފެށިގެން ސޯޝަލް މީޑިޔާގެ އެކި ޕްލެޓްފޯމްތަކުގައި އެކި ނަންނަމުގައި އެކައުންޓްތައް ހަދައިގެން، އައިއެސް ޖަމާއަތަށް ތާއީދުކޮށް، އެ ޖަމާއަތުގެ ޕްރޮޕެގެންޑާ ފަތުރާ ކަމަށެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ އޭނާގެ މައްޗަށް ދައުވާތައް އުފުލާފައިވަނީ އެ ގާނޫނުގެ ދަށުން ވަކިވަކިން ކަމަށެވެ.

އެއީ އިންޓާނެޓް މެދުވެރިކޮށް ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ކުށުގެ ދަޢުވާ އެވެ. ސޯޝަލް މީޑިއާ އެކައުންޓުތައް ބޭނުންކޮށްގެން ޓެރަރިޒަމަށް ހިއްވަރުތީ އައިސްގެ ޕްރޮޕެގެންޑާ ފަތުރާކަމުގެ ކުށުގައި އުފުލި މި ދައުވާ ސާބިތުވެއްޖެ ނަމަ10 އަހަރާއި15 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ދެން އުފުލާފައިވަނީ އިންޓަނެޓް މެދުވެރިކޮށް ޓެރަރިސްޓް ޖަމާޢަތެއްގެ ލިޔެކިއުންތައް ފެތުރުމުގެ ކުށުގެ ދައުވާއެވެ. އިސްލާމިކް ސްޓޭޓް ޖަމާޢަތަށް ނިސްބަތްވާ އެކި މަޖައްލާތަކާއި ލިޔުންތަކާއި، ޓެރަރިޒަމްގެ ޢަމަލުތައް ކުރުމަށް ހިތްވަރުދީ އެ ޖަމާޢަތުން ނެރެފައިވާ ފަތުވާތަކާއި ލިޔުންތައް އިންޓަރނެޓްގެ އެކި ޕްލެޓްފޯމްތަކުގައި ފަތުރާފައިވާތީ އުފުލި މި ދައުވާ ސާބިތު ވެއްޖެ ނަމަ10 އަހަރާއި15 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ޓެރަރިސްޓު ޖަމާއަތެއްގެ މެމްބަރަކަށް ވުމުންވެސް ދައުވާ އުފުލާފައިވެ އެވެ. ޕީޖީ އޮފީހުން ބުނީ އައިސްގެ މައުލޫމާތު މީޑިއާ މެދުވެރިކޮށް ފެތުރުމުގައި ހަރަކާތްތެރިވެފައިވާތީ އުފުލި މި ދައުވާ ސާބިތުވެއްޖެ ނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކޮށްފައިވާތީވެސް ވަކި ދައުވާއެއް އުފުލާފައިވެ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އެންމެ ފަހު ދައުވާއެއްގެ ގޮތުގައި އުފުލާފައިވަނީ ޓެރަރިސްޓް ޖަމާޢަތަކަށް ތާޢީދުކުރާ މީހެއްކަން ދޭހަވާފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގައި އެވެ. އެ ދައުވާ ސާބިތު ވެއްޖެ ނަމަ އެއް އަހަރާއި ތިން އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ހޫދާއި ގުޅޭ މަޢުލޫމާތު ދިވެހިރާއްޖެއާ ހިއްސާކޮށްފައިވަނީ ބޭރުގެ އިންޓެލިޖެންސް އޭޖެންސީތަކުންނެވެ. މި މައްސަލައިގެ ތަހުގީގަށް ބޭރުގެ އެކި ގައުމުތަކުގެ އިންޓެލިޖެންސް އޭޖެންސީތަކާއި، ތަހުގީގީ އިދާރާތަކުގެ އެހީތެރިކަން ލިބިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް