ރާއްޖޭގައި ހިނގަމުންދާ ކަންކަމާއި ގުޅިގެން ކަމެއް ރަނގަޅު ކުރުމަށް ނުވަތަ ފާޑު ކިޔުމުގެ ބާރު އޮންނާނީ ބައިނަލް އަގުވާމީ ފަރާތްތަކުގެ ތެރެއިން އދ. އަށް އެކަނި ކަމަށް ރައިސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ބޭރުގައުމުތަކުގައި ތިއްބަވާ ސަފީރުންނަށް އަމާޒުކޮށްގެން ކުރިޔަށްދާ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އދ. ދަށުން ހެދިފައި ހުންނަ ގްރޫޕުތަކާއި ޖަމާއަތްތަކަކީ ގައުމުތަކުގައި ހިނގާ ކަންކަމަށް ފާޑު ކިޔަން ޖެހޭ ބައެއް ނޫންކަމަށެވެ. އަދި އދ. ފިޔަވާ އެހެން ޖަމާއަތްތަކާއި ބައެއް ގައުމުތައް އެކުވެގެން އުފައްދާފައިވާ ޔޫނިއަން ތަކުން ގައިމުތަކުގައި ހިނގާ ދާހިލީ ކަންކަމަށް ފާޑު ކިޔުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އދ.ގައި ހިމެނޭ ދައުލަތްތަކަކީ އެ ދައުލަތަކަށް ސިޔާދަތީ ބާރު ލިބިގެންވާ ދައުލަތްތަކަށް ވާން ޖެހޭ ކަމަށާއި އދ. އަކީ އެކި ފަންތީގެ އެކި ގިންތީގެ އަދި އާރާ ބާރުގެ ގޮތުން ވެސް ތަފާތު ގައުމުތައް އެކުލެވޭ ބޮޑު އާއިލާއެއް ކަމަށެވެ. އެހެން ކަމުން ގައުމުތަކުގައި ކަންކަން ނިންމާނީ އެ ގައުމެއް އަމިއްލައަށް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެދެނީ ކަންކަން ނިންމުމުގައި އެއްވެސް ބަޔަކު އަނެއް ބައެއްގެ ދާހިލީ ކަންކަމާ ނުބެހުން. ކޮންމެ ބަޔަކީ ވެސް އެބަޔަކު އަމިއްލަޔަށް އެބަޔަކު ނިންމާ ކަންކަން ނިންމުމުގައި ސިޔާދަތީ ބާރު އޮންނަ ދައުލަތަކަށް ވެގެންދާ ދައުލަތްތަކެއް ހިމެނޭ އދ. އަކަށް ވެގެން ދިޔުން،" ރައީސް ޔާމީން ވިދާޅުވި އެވެ.
ކުދި ގައުމުތަކުގައި ހިނގާ ކުދިކުދި ކަންކަމަށް ގައުމުތަކުން ފާޑު ކިޔަމުންދާއިރު ބޮޑެތި ގައުމުތަކުގައި ހިންގާ ކަންކަމުގެ ވާހަކައަށް ބަސް ބުނެވޭ ތަނެއް ނާންނަ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
އެހެންވެ ރައީސް ވަނީ ބޭރު ގައުމުތަކުގައި ތިއްބަވާ ސަފީރުންގެ ކިބައިން ރާއްޖެއާއި ބެހޭގޮތުން ދެކެވެމުންދާ ދޮގު ވާހަކަތަކުގެ މައުލޫމާތުގެ ހަގީގަތް އެ ގައުމުތަކުގައި ހާމަކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ. ރައީސް ވިދާޅުވީ ރާއްޖެއާ ގުޅުވައިގެން ދެކެވޭ ދީނީ ހައްދު ފަހަނައަޅާފައިވާ މީހުންގެ "ހާއްޔެއް" ކަމަށް ރާއްޖެ ސިފަކޮށްފައިވާ ވާހަކަތަކަށް ޖަވާބުދާރީ ވާން ޖެހޭ ކަމަށާއި ރާއްޖެއަކީ ދިވެހި ދައުލަތަކީ މޮޑަރޭޓް އިސްލާމީ ދައުލަތެއްކަން ބޭރުގެ ފަރާތްތަކަށް ހާމަކޮށްދޭން އެބަޖެހޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް