ބޮލީވުޑް ލަވަކިޔުންތެރިންގެ ފާހަގަކޮށްލެވޭ ބައެއް "ކޮންޓްރޯވާސީސް"

ބޮލީވުޑްގެ ތަރިންގެ ފަރާތުން ބައެއް ފަހަރު އެކިކަހަލަ ކަންކަމުގައި "ކޮންޓްރޯވާރސީސް" ނުވަތަ ގިނަބަޔަކާއި ދެމެދުގައި ޚިޔާލުތަފާތުވުންތަކާއި ކޯޅުންތައް ދޭތެރެ ދޭތެރެއިން ފެންމަތިވަމުންދެއެވެ. މީގެ ކުރިނ...

19 Apr 2017 | 07:17

ބޮލީވުޑްގެ ތަރިންގެ ފަރާތުން ބައެއް ފަހަރު އެކިކަހަލަ ކަންކަމުގައި "ކޮންޓްރޯވާރސީސް" ނުވަތަ ގިނަބަޔަކާއި ދެމެދުގައި ޚިޔާލުތަފާތުވުންތަކާއި ކޯޅުންތައް ދޭތެރެ ދޭތެރެއިން ފެންމަތިވަމުންދެއެވެ.

މީގެ ކުރިން އާންމުކޮށް މި މަންޒަރު ހަމައެކަނި ބޮލީވުޑްގެ ތަރިންގެ ފަރާތުން ފެނުނު ނަމަވެސް، މިހާރު މި ލިސްޓުގެ ކުރިއަށް މިވަނީ އެ އިންޑަސްޓްރީގެ ލަވަކިޔުންތެރިންވެސް މަޑުމަޑުން ޖެހިލަން ފާށާފައެވެ.

މިގޮތުން މި ހިމަނާލަނީ ބޮލީވުޑްގެ ބައެއް ލަވަކިޔުންތެރިންގެ ފާހަގަކޮށްލެވޭ "ކޮންޓްރޯވާސީސް"ތަކުގެ ލިސްޓެއް؛

ސޯނޫ ނިގަމް

ސޯނޫ ނިގަމްއަކީ ބޮލީވުޑްގައި އެންމެ މަޝްޙޫރު ލަވަކިޔުންތެރިންގެ ތެރެއިން ފާހަގަކޮށްލެވޭ ލަވަކިޔުންތެރިއެކެވެ. ނަމަވެސް މިދިޔަ އާދިއްތަ ދުވަހު ހެނދުނު އޭނާ ކުރި ޓުވީޓްތަކެއްގެ ސަބަބުން އޭނާއަށް ސަޕޯޓްކުރާ އެތައް ބަޔަކުވަނީ ރަތަށް އަރާފައެވެ.

ސޯނޫ ކުރި ޓުވީޓެއްގައި އޭނާ ބުނެފައިވަނީ މުސްލިމަކަށް ނުވިނަމަވެސް ކޮންމެ ދުވަހަކު ހެނދުނު ފަތިސް ނަމާދަށް މިސްކިތު އަޑުގަދަކުރާއިން ބަންގި ގޮވާއަޑު އިވުމުން ނިދިން ހޭލަންޖެހޭތީ ވަރަށް އުނދަގޫވާކަމަށެވެ. އަދި ހަމަ އެ ޓްވީޓްގައި އޭނާ ވަނީ މިގޮތައް ގަދަބާރުން އަޅުކަން ކުރުން އިންޑިއާގައި ހުއްޓޭނީ ކޮންއިރަކުންތޯ ސުވާލު އުފައްދާފައިވެއެވެ.

https://twitter.com/sonunigam/status/853758848133242880

ސޯނޫ ކުރި ދެވަނަ ޓުވީޓްގައި އޭނާ ބުނީ މުޙައްމަދުގެފާނު (ސ.އ.ވ) އިސްލާމްދީން ގެންނެވިއިރު ކަރަންޓް ނުހުންނަކަމަށެވެ. އަދި އެޑިސަން (އެންމެ ކުރީގައި އަޑު ރެކޯޑުކުރަން ގެންގުޅުނު މެޝިނެއް) އަށްފަހު މިހާ އުނދަގޫވާ އަޑެއް އިވެންވީ ކީއްވެތޯ އޭނާ ސުވާލު އުފެއްދިއެވެ.

https://twitter.com/sonunigam/status/853760205368078336

ހަމަ އިއްޔެ ސޯނޫ ކުރި އެހެން ޓްވީޓްއެއްގައި އެނާ ބުނީ މިސްކިތްތަކެކޭ އެއްފަދައިން އެހެން ދީންތަކުގެ ފައްޅިތަކާއި އަޅުކަންކުރާ ތަންތަނުގައިވެސް އަޑުގަދަކުރާ ބޭނުންކުރަންޖެހޭނެ ކަމަށް އޭނާ ޤަބޫލުނުކުރާކަމަށެވެ.

https://twitter.com/sonunigam/status/853761583666806784

އަދި މިގޮތައް ބަންގި ގޮވުމަކީ "ގުންޑާގިރީ"ގެ ގޮތުގައި އޭނާ ސިފަކޮށްފައިވެއެވެ.

https://twitter.com/sonunigam/status/853764889671720960

ސޯނޫގެ މި ޓްވީޓުތަކުގެ ސަބަބުން އޭނާގެ ސަޕޯޓަރުން، ޚާއްޞަކޮށް އޭނާގެ މުސްލިމު ސަޕޯޓަރުން ޝޯޝަލް މީޑިއާގައި އަންނަނީ ވަރަށް ބޮޑަށް އޭނާއަށް ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ. އެތައް ދީނެއްގެ އެތައް ބަޔަކު ދިރިއުޅޭ މުޖުތަމަޢުއެއްގައި ދިރިއުޅޭއިރު އެބައެއްގެ ދީނުގެ ހުންނަ އުޞޫލުތަކާއި ސަޤާފަތަކަށް ދެންތިބި ދީންތަކުގެ މީހުން އިޙްތިރާމްކުރަންޖެހޭނެ ކަމަށް ފާޑުކިޔުންތެރިން ބުނެއެވެ. އަދި މިފަދައިން ބަންގީގެ އަޑު އިވިގެން އުނދަގޫވަންޔާ ކާރުފަދަ ތަކެތީގެ ބަރުގޮނު އަޅާ އަޑާއި، އިންޑަސްޓްރިއަލް މަސައްކަތްތައް ކުރާ ތަންތަނުން އިވޭ އަޑުތަކާއި، މިއުޒިކް ޝޯފަދަ އެއްޗެހި ބާއްވާ ތަންތަނުން އިވޭ އަޑުތައްވެސް ހުއްޓުވަންޖެހޭނެކަމަށް ބައެއް ފަރާތްތަކުން ރައްދުދީފައިވެއެވެ.

މިއީ ސޯނޫ މިފަދަ ކަމެއްގައި ބެދުނު ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ އަހަރު އިންޑިއާގެ ޖޯދްޕޫރުން ބޮންބޭއަށް ދިޔަ ޖެޓް އެއާރވޭސްގެ ފްލައިޓެއްގައި، ފްލައިޓް އެނައުސްމެންޓް ސިސްޓަމް ބޭނުންކޮށްގެން ލަވަކިޔުމުން އެމައްސަލަ ވަރަށް ބޮޑަށް ހޫނުވެގެންދިޔައެވެ. ޖެޓް އެއާރވޭސްއިން ވަނީ މި މައްސަލައިގައި އެ ފްލައިޓްގައި ތިބި ފަސް ކުރޫ މެމްބަރުން ސަސްޕެންޑުވެސްކޮށްފައެވެ.

އަބީޖީތް ބައްޓަޗަރަޔާ

އަބީޖީތް ބައްޓަޗަރަޔާ ވަނީ އޭނާގެ ކުޅަދާނަ ލަވަކިޔުންތެރިކަމުގެ ހުނަރުން ގިނަ ބައެއްގެ މެދުގައި މަޤުބޫލުކަން ހޯދާފައެވެ. މިގޮތުން އޭނާވަނީ ތަފާތު 15 ބަހަކުން ލަވަކިޔާދީފައެވެ. ބެންގާލީ، އޮރިޔާ، ބޯޖްޕޫރީ، މަރާތީ އަދި ގުޖުރާތީ ބަހުން މަޝްޙޫރު އެތައް ލަވަތަކެއް ކިޔާދީފާވެއެވެ.

މަގެއްގެ ދުވާރު މަތީގައި ނިދާފައި ތިބި ބައެއްގެ ގައިމަތިން ބޮލީވުޑްގެ ބަތަލް ސަލްމާން ޚާންގެ ކާރު ދުއްވާލާއި އެކަކު މަރާލައި ހަތަރު މީހަކު ޒަޙަމްކޮށްލި ހާދިސާދާ ގިނަބަޔެއްގެ ހަނދާނުގައި ހުންނާނެއެވެ. ހިޓް އެންޑް ރަން ކޭސްއެކް ކަމަށް ބަލާއި ބޮންބޭގެ ކޯޓަކުން 2015 ވަނަ އަހަރު ސަލްމާންގެ މައްޗަށް ފަސް އަހަރުގެ ޖަލު ޚުކުމެއް އިއްވިއެވެ.

ސަލްމާންގެ މި މައްސަލަގައި އަބީޖީތުވަނީ ޝޯޝަލް މީޑީގައި ވަރަށް ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފައްދާފައެވެ. ސަލްމާނަށް އިއްވި ޚުކުމާއި ދެކޮޅަށް އޭނާ ކުރި ޓްވީޓެއްގައި "ކުއްތާއިން ނިދާނީ މަގުމަތީގައި އަދި މަރުވާނީ ކުއްތާ މަރުވާހެން. މަގުމައްޗަކީ ފަގީރު މީހުންގެ ހައްޤު މުދަލެއް ނޫން. އަހަރެންވެސް އަހަރެއްވަންދެން ބޯހިޔާވަހިކަން ނެތިފަ ހުރިން. އެކަމަކު ދުވަހަކުވެސް މަގުމައްޗަކު ނުނިދަން." އޭނާ ބުނެފައިވެއެވެ.

މި ޓްވީޓްއާއެކު މީހުން ރުޅިގަދަވެ ވަރަށް ގިނަބަޔަކުވަނީ ޝޯޝަލް މީޑިއާގައި އަބީޖީތައް ހޫނު ރައްދުތަކެއް ދީފައެވެ. އަދި މިފަދަ ބޯހަމަނުޖެހޭ ކޮމެންޓްތައް ނުކުރުމަށްވެސް އެކިމީހުން އޭނާ ކައިރި އެދުނެވެ.

އަބީޖީތްވަނީ ފަހުން އޭނާގެ ބަސް އަނބުރާ ގެންގޮސް، އާންމުންގެ ފާރާތުން އެކަމަށް މާފައްވެސް އެދިފައެވެ. އަދި އޭނާގެ އެ ޓްވީޓްގައި އަސްލު މާނަކުރީ އެއްވެސް އިންސާނަކު ކުއްތާއެއް މަރުވާގޮތަށް މަރުވެގެން ނުވާނެކަމަށްވެސް ފަހުން ބުނެފައެވެ.

https://twitter.com/abhijeetsinger/status/595948477751889920

އަންކިތް ތިވާރީ

އާޝިޤީ 2 ގެ "ސުން ރަހަ ހޭ" ލަވައިން ގިނަ ބައެއްގެ މަޤުބޫލުކަން ދަމައިގަތް ޕްލޭ ބެކް ސިންގާ އަންކިތް ތިވާރީ ވަނީ 2014 ވަނަ އަހަރު ބޮޑު ކަންތައްގަނޑެއްގެ ތެރޭގައި ބެދިފައެވެ. 28 އަހަރުގެ އިސްތިހާރު ހަދާ ޕްރޮފެޝަނަލް އަންހެން ކުއްޖަކާއެކު އޭނާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރިއެވެ. އަދި ހަމަ އޭރުގައި ހަމަ އެ އަންހެން ކުއްޖާގެ ފުރާނައަށް ނުރައްކާވަފަދަ އިންޒާރުތަކެއް ދިންކަމުގެ ތުހުމަތުގައި އަންކިތުގެ ބޭބޭގެ މައްސަލައެއް ދިޔާ ބަލަމުންނެވެ.

އެ ތުހުމަތު ކުރި އަންހެން ކުއްޖާ ބުނެފައިވަނީ 2013 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ކައިވެނި ކުރާނެކަމަށް ބުނެ އެކިފަހަރު މަތިން އަންކިތް އޭނާއަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށެވެ.

މީކާ ސިންގު

މީކާ ސިންގުގެ "ކޮންޓްރޮވާރސީސް" ޙަބަރުތަކަކީ އަބަދުހެން އިވިއިވި ހުންނަ ޚަބަރުތަކެކެވެ. ޓިވީގެ ކުރިމަތީގައި ލަވަކިޔުންތެރިޔާ ޝާންއާއި ހަމަނުޖެހުން ހިންގަން މަސައްކަތްކުރި މީކާގެ ފޭނެއްގެ ކޯތާފަތް މަތީގައި ޖެހި ޙަބަރު އެއީ މީގެތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ޙަބަރެވެ. ނަމަވެސް އެންމެ ގިނަ ބައެއްގެ ސަމާލުކަން ދަމައިގަތް ޙަބަރަކީ 2006 ވަނަ އަހަރު ބޮލީވުޑްގެ "އައިޓަމް ގާރލް" ރަކީ ސާވަންގެ އުފަންދުވަހުގެ ޕާޓީގެ ތެރޭގައި މީކާ ރާކީއާއި ގަދަކަމުން ކިސް ކުރި ކަމަށް ބުނާ މައްސަލައެވެ. މި މައްސަލަގައި ރާކީވަނީ މީކާ އޭނާއަށް ފުރައްސާރަ ކުރިކަމަށް ބުނެ ފުލުހުންނަށް މައްސަލަވެސް ހުށަހަޅާފައެވެ. ބައެއް ފަރާތްތަކުން މިއީ ޕަބްލިސިޓީ ސްޓަންޓެއް ކަމަށް ދެކުނުއިރު، އެއްބަޔަކުވަނީ މިއީ މީކާ ކޮންމެސް ކަމެއްގައި ރާކީ ކައިރިން ބަދަލުހިފުމަށް ކުރި ކަމެއް ކަމަށްވެސް ދެކިފައެވެ.

ހިމޭޝް ރޭޝަމިޔާ

ހިމޭޝް ރޭޝަމިޔާއަކީ ލަވަކިޔުމުގައި އޭނާގެ ހުންނަ ތަފާތު ސްޓައިލްއެއްގެ ސަބަބުން ވަރަށް ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ލަވަކިޔުންތެރިއެކެވެ. ބައެއް މީހުން އޭނާ ނޯޝަށް އަރުވައިގެން ލަވަކިޔާތީ އެކަމަށް ވަރަށް ފާޑުވެސްކިޔައެވެ. މި ފާޑުކިޔުންތަކަށް ރައްދުދީ ހިމޭޝް ބުނީ އިންޑިއާގެ ލެޖެންޑްރީ ލަވަކިޔުންތެރިން ކަމުގައިވާ މުކޭޝް ޖީ، ނުޝްރަތު ފާތެޙް ޢަލީ ޚާން އަދި ޑީ.ބީ.ބަރްމަން ފަދަ ލަވަކިޔުންތެރިންވެސް ނޯޝަށް އަރުވަގެން ލަވަތައް ކިޔާކަމަށާއި އެކަމަކު އެ މީހުނަށް ފާޑުކިޔާނެ ބަޔަކު ނުވާކަމަށެވެ.

ހިމޭޝްގެ މި ރައްދާމެދު ހިތްހަމަނުޖެހިގެން ޑީ.ބީ.ބަރްމަންގެ އަންހެނުން، ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭއާއި ހިމޭޝްއާއި ދެމެދު ބޮޑު ދެބަސްވުންތަކެއް އުފެދުނެވެ. އާޝާވަނީ ހިމޭޝްގެ ކޯމަތީގައި ޖަހަން ބޭނުންވާ ވަރަށް އޭނާދެކެ ރުޅިއައިސްފާ ހުރިކަމަށް މީޑިއާގައި ބުނެފައެވެ.

ފަހުން ހިމޭޝްވަނީ އޭނާގެ ބަހަށް މާފަށް އެދިފައެވެ. "އަހަރެއް ބޭނުންވީ އެންމެ ކަމެއް ސާބިތުކޮށްދޭން. އެކަމަކު މިހާރު އަހަންނަށް ހެދިފައިވަނީ ކުށެއްކަމަށް ޤަބޫލުކުރަން. މިފަދަ މާތް ބައެއްގެ ނަން މިފަދަ ބަހުސެއްގެ ތެރޭގައި ހިމެނުމަކީ ކުރެވުނު ކުށެއް." އޭނާ މާފަށް އެދެމުން ބުނެފައިވެއެވެ.

އަނޫ މާލިކް

ކޮޕީކުރުމުގެ ތުހުމަތަކީ އަނޫ މާލިކްއަށް ވަރަށް އާންމުކޮށް ކުރިމަތިވާ ތުހުމަތެކެވެ. ކޮންމެ ފަހަރަކުވެސް މި ހުރިހާ ތުހުމަތުތަކެއް އޭނާ ވަނީ ދޮގުކުރަމުން އައިއްސަފައެވެ. އާނޫ މާލިކްގެ މައްސަލައަކަށް އެންމެ ހޫނުވީ 1995 ވަނަ އަހަރު އޭނާގެ ކޯ-ވޯރކަރަކާއެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައެވެ. މި މައްސަލާގައި އޭނާގެ މައްޗަށް ކުރި ތުހުމަތު ފަހުން އަނބުރާ ގެންދިޔަ ނަމަވެސް، މި މައްސަލަގައި އޭނާގެ ނަން މުޅި އިންޑަސްޓްރީގައި ވަނީ ހާރާބުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް