ރިސޯޓްތަކާއި ބިންތަކާއި ފަޅުތަކުގެ މުއްދަތު 99 އަހަރަށް ބަދަލުކޮށްދޭ ގޮތަށް، ޓޫރިޒަމް ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ހޯރަފުށީ ދާއިރާގެ މެމްބަރު އަދި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ މުހައްމަދު އިސްމާއީލް ހުށަހެޅުއްވި ބިލަށް ތާއިދު ކުރެއްވީ ހަމައެކަނި ސަރުކާރު ކޯލިޝަންގެ މެމްބަރުންނެވެ. އިދިކޮޅު މެމްބަރުންގެ ތެރެއިން ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވަޑައިގެންނެވި، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އަދި ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއީލް ބިލް ފާސްކުރަން ވޯޓެއް ނުދެއްވަ އެވެ.
އެ ބިލަށް ގާސިމާއި ރިޔާޒު ހުށަހެޅުއްވި ދެ އިސްލާހު ވެސް ފާހެއް ނުވި އެވެ.
އެ އިސްލާޙުގައި ވާގޮތުން އެގޮތަށް މުއްދަތު އިތުރުކޮށްދެވޭނީ ސަރުކާރަށް ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) ދެއްކުމުން، މިހާރު 50 އަހަރަށް ބަދަލުކޮށްފައިވާ ތަންތަނެވެ.
ރިސޯޓްތަކުގެ މުއްދަތު 99 އަހަރަށް ބަދަލުކުރަން ދައްކަން ޖެހޭ ފައިސާގެ އިތުރުން އެހެން ޝަރުތުތަކެއް ކަނޑައަޅާފައިވެ އެވެ. ބިލްގައި ބުނެފައިވާ ގޮތުން 99 އަހަރަށް ކުލީގެ މުއްދަތު އިތުރު ކޮށްދޭނީ 50 އަހަރަށް މުއްދަތު އިތުރުކޮށްފައިވާ ތަންތަނެވެ. މިގޮތަށް މުއްދަތު އިތުރުކޮށްދޭނީ ބިލްގައި ބުނެފައިވާ ގޮތުގައި އެ ތަނެއްގެ ވެރިފަރާތުން ނުވަތަ އެ ތަނަކުން ސަރުކާރަށް ދައްކަން ޖެހޭ ކުއްޔެއް، ޓެކުހެއް، ފީއެއް އަދި ޖޫރިމަނާއެއް ދައްކަން އޮތް ނަމަ، އެ ފައިސާއެއް މުޅިން ހަލާސްކުރުމުންނެވެ. އަދި އެ ރިސޯޓަކީ ނުވަތަ ތަނަކީ މިހާރު ހިދުމަތް ދޭ ތަނަކަށް ވެސް ވާންޖެހެ އެވެ.
ޓޫރިޒަމް ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުން ރިސޯޓްތައް ނުވަތަ ޓޫރިޒަމް ބޭނުމަށް ފަޅާއި ބިން ކުއްޔަށް ދެވޭ އެންމެ ދިގު މުއްދަތަކީ 50 އަހަރަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް