ހަނގުރާމަވެރި ހަތިޔާރު އެތެރެކޮށް ގެންގުޅުމުގެ ކުށް ސާބިތުވެފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.
އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ސުޕްރީމް ކޯޓުން ދާދިފަހުން ނެރުނު ރޫލިންއެއްގައިވާ ގޮތުން ދަށު ކޯޓުން ނިންމާ މައްސަލައެއް އިސްތިއުނާފް ކުރަން ބޭނުންވާނަމަ އިސްތިއުނާފަށް ހުށަހަޅަންޖެހޭނީ އެ މައްސަލައެއް ނިންމި ކޯޓަކަށެވެ. އަދި އެ މައްސަލައެއް ހައިކޯޓުގައި އިސްތިއުނާފް ކުރާނީ އެ ކޯޓަކުންނެވެ.
ނާޒިމްގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައި މިވަނީ އެ މައްސަލަ ނިންމި ގޮތުގެ ތަފްސީލް ރިޕޯޓް ލިބުން ލަސްވެ، އަދި ރިޕޯޓް ލިބުނުއިރު ޝަރީއަތުގައި ދެއްކި ބައެއް ވާހަކަތައް އުނިކޮށްފައިވާތީ އެކަމުގައި ނާޒިމްގެ ގާނޫނީ ވަކީލުން ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށެވެ. އަދި ކޯޓުގައި ޝަރީއަތް ކުރިޔަށް ގެންދިޔަ ގަޑިތަށް ސާފުކޮށްދިނުމަށް ނާޒިމްގެ ވަކީލުން އެދުމުން އެގަޑިތަށް ނާޒިމްގެ ވަކީލުންނަށްވެސް އެނގިވަޑައިގެންނަވާނެ ކަމަށް ކްރިމިނަލް ކޯޓުން އަންގާފައި ވަނިކޮށެވެ.
ނާޒިމް 11 އަހަރަށް ޖަަލަށް ލުމަށް ހުކުމްކުރީ މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް