މަންދީގެ މައްސަލަ ފަސްޓްލޭޑީ ސާޖިދާގެ ފަރާތްޕުޅުން ސިވިލްކޯޓަށް ހުށަހަޅައިފި

އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ)ގެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ. މިކަން ހާމަކޮށްފައިވަނީ ރެހެންދި ޗެމްބާސްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ. އެ ނޫސްބަޔާނުގައި ބުނެފައި...

19 Mar 2025 | 09:25

އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ)ގެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ރެހެންދި ޗެމްބާސްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އިން މާލޭގައި ބާއްވަމުންގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރޭގައި، އެ ޕާޓީގެ އެކްޓިވިސްޓެއް ކަމުގައިވާ މަރިޔަމް ޒުބައިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން، އުމައިރުގެ ނަފްސަށާއި ފުރާނައަށް ނުރައްކާވާނޭ، ހާލަތެއް މެދުވެރިކުރުވައި، އުމައިރުގެ ކިޔެވުމާއި މުސްތަގްބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނޭ ހާލަތެއް މެދުވެރިކޮށްފައިވާކަމަށެވެ.

"މި ވާހަކަތަކުގެ ސަބަބުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމެގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަގްވާމީ މުއާހަދާ "ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް" މުއާހަދާއިން ކަށަވަރުކޮށްދީފައިވާ ރައްކާތެރިކަމާ ކަރާމާތް ނަގާލާފައިވާތިއްޔާއި، ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގު ނިގުޅައިގެންފައިވާތީ، އުމައިރުގެ މަންމަ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ފަރާތްޕުޅުން މިއަދު 19 މާރިޗް 2025ގައި މަރިޔަމް ޒުބައިރުގެ މައްޗަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާނެ" އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

މި މައްސަލައިގާ އެމްޑީޕީގެ މައްޗަށާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްގެ މައްޗަށާއި އަދި މަންދީގެ މައްޗަށް ދައުވާކުރާނެކަން ރައީސުލްޖުމްހޫރިއްޔާގެ އާއިލާގެ ގާނޫނީ ވަކީލު އާއިޝަތު އާޒިމާ ޝުކޫރު ކުރިން ހާމަކުރައްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް