ސްޓެލްކޯއިން ގޮގޯރޯ އިލެކްޓްރިކް ސައިކަލު ނިޒާމެއް ރާއްޖެއަށް ތައާރަފްކުރަނީ

ސަރުކާރުގެ ކަރަންޓު މައި ކުންފުނި، ސްޓެލްކޯއިން ގޮގޯރޯ އިލެކްޓްރިކް ސައިކަލު ރާއްޖެއަށް ތައާރަފްކުރަން ތައްޔާރުވަމުން އަންނަކަން ހާމަކޮށްފިއެވެ. ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ މިއަދު ވ...

18 Mar 2025 | 21:18

ސަރުކާރުގެ ކަރަންޓު މައި ކުންފުނި، ސްޓެލްކޯއިން ގޮގޯރޯ އިލެކްޓްރިކް ސައިކަލު ރާއްޖެއަށް ތައާރަފްކުރަން ތައްޔާރުވަމުން އަންނަކަން ހާމަކޮށްފިއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ މިއަދު ވިދާޅުވީ މިކަން ކުރަނީ ދިވެހިންނަށް ތިމާވެއްޓާއި ރައްޓެހި އިލެކްޓްރިކް އުޅަނދު ގެންގުޅުމުގެ ފުރުޞަތު ފަހިކޮށްދިނުމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަކަތައިގެ ސިނާއަތަށް ކަނޑައަޅުއްވާފައިވާ ތިމާވެއްޓާއި ރައްޓެހި ހަރުދަނާ ސިޔާސަތުތައް އޭގެ އެންމެ ފުރިހަމަގޮތުގައި ތަންފީޒުކުރުމަށް އެހީތެރިވެދިނުމަށް ކަމަށެވެ.

އެގޮތުން އެނާރޖީ މެނޭޖްމަންޓް ސިސްޓަމް ރާއްޖެއަށް ތަޢާރަފްކޮށް، އިލެކްޓްރިކް އުޅަނދު ޗާޖު ކުރެވޭނެ ނިޒާމެއް މިހާރު ވަނީ ޤާއިމްކޮށްދެވިފައި ކަމަށާއި އެގޮތުން ޓައިވާނުގެ މަޝްހޫރު ގޮގޯރޯ

@WeAreGogoro ބްރޭންޑްގެ އެޑްވާންސްޑް ބެޓްރީ މެނޭޖްމަންޓް ސިސްޓަމް ރާއްޖެއަށް ތަޢާރަފްކޮށް، އެ ނިޒާމު ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މިހާރު ދަނީ މަސައްކަތް ކުރެވެމުން. އެގޮތުން މީގެ ބެޓެރި ސިސްޓަމްތައް މާލޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމްކުރެވުމާއެކު، އޭގެ ބެޓްރިތަކާއި ކޮމްޕެޓިބަލް ސައިކަލު ރާއްޖެ އެތެރެ ކުރުމުގެ ފުރުޞަތު އެ ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވިގެންދާނެ ކަމުގައި އެމްޑީ ވިދާޅުވެފައިވެއެވެ.

"މި ބެޓްރީ ސިސްޓަމްތަކާއި، ކާރު ޗާޖްކުރުމަށް ޤާއިމް ކުރެވިފައިވާ އީވީ ޗާޖިންގ ސްޓޭޝަނާއެކު، އިލެކްޓްރިކް އުޅަނދުތަކަށް ލޯބި ކުރާ ފަރާތްތަކުން އެ ފަދަ އުޅަނދު ގެންގުޅުމަށް ދެކެމުންއައި ޒަމާނީ ހުވަފެންތަކުގައި ކުލަޖެހި، ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި ނިޒާމެއް އެކަށައެޅުމަށް ސަރުކާރުން ކުރަމުންގެންދާ ހަރުދަނާ މަސައްކަތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ." އެމްޑީ ވިދާޅުވެފައިވެއެވެ.

އޭނާ އިތުރަށް ވިދާޅުވެފައިވަނީ މީގެ އިތުރުން މިފަދަ ސައިކަލުތަކުގެ ޓެސްޓް ރައިޑްކޮށް، އަޖުމަ ބަލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލުމުގެ ގޮތުންނާއި، އެފަދަ ތިމާވެއްޓާއި ރައްޓެހި ސައިކަލުތަކަށް ޝައުގުވެރިކަން އުފައްދައި، އެއަށް ބަދަލުވުމަށް ހިތްވަރުދިނުމުގެ ގޮތުން އޭގެ ސައިކަލުތަކެއް ރާއްޖެގެނެސް އެ ޓެސްޓް ކުރުމުގެ ފުރުޞަތު ފަހި ކުރުމަށް އިންތިޒާމްތަކެއް ހަމަޖެއްސުމަށް ދަނީ މަސައްކަތް ކުރެވެމުން ކަމަށާއި މީގެ އިތުރުން، އެނާރޖީ މެނޭޖްމަންޓް ސިސްޓަމާއި، އީވީ ޗާޖިންގ ސްޓޭޝަނަށް ބޭނުންވާ ހަކަތަ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީވެސް ތިމާވެއްޓާއި ރައްޓެހި ނިޒާމުތަކުގެ ތެރެއިން ކަމަށްވާތީ، މިއީ ސަރުކާރުން އަމާޒުހިފާފައިވާ %33 ށް ވާޞިލްވުމަށާއި، ތަރައްޤީއާއި ތަހުޒީބުގެ މަގުގައި ރާއްޖެއިން ކުރިއަށް އަޅާނެ އިތުރު ފިޔަވަޅެއް ކަމުގައި ދެކޭ ކަމަށެވެ.

މިފަދަ ތިމާވެއްޓާއި ރައްޓެހި، ރައްޔިތުންނަށް ފައިދާ ކުރަނިވި ބަދަލުތަކަށް ދިވެހިންނަކީ އަބަދުވެސް މަރުހަބާ ކިޔާނެ ބައެއްކަން ފާހަގަކުރަމުން އެމްޑީ ވިދާޅުވެފައިވަޏީ މީގެ ސަބަބުން މާލެތެރޭގެ ވައި ތަޣައްޔަރުވުން ކުޑަކުރެވި، މި މުޖުތަމަޢުގައި ދިރިއުޅޭ ފަރުދުންގެ ސިއްޙަތަށް ވެސް އޭގެ ފައިދާތަކެއް ކުރާނެކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް