ހިޔާ ފްލެޓުތަކުގެ ކުލި ކުޑަކުރުމާއި ގުޅޭގޮތުން ރައީސާއި އެކު މަޝްވަރާ ކޮށްފި

ހިޔާފްލެޓުތަކުގެ ކުލި ކުޑަ ކުރުމާއި ބެހޭ ގޮތުން ހިޔާ ރައްޔިތުންގެ ގުޅުމާއި ބައްދަލު ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޝްވަރާ ކުރައްވައިފި އެވެ. އެ ބައްދަލު ކުރެއްވުން އޮތީ މިއަދު ރައީސް...

19 Mar 2023 | 16:12

ހިޔާފްލެޓުތަކުގެ ކުލި ކުޑަ ކުރުމާއި ބެހޭ ގޮތުން ހިޔާ ރައްޔިތުންގެ ގުޅުމާއި ބައްދަލު ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޝްވަރާ ކުރައްވައިފި އެވެ.

އެ ބައްދަލު ކުރެއްވުން އޮތީ މިއަދު ރައީސް އޮފީހުގައި އެވެ. މި ބައްދަލުވުމަކީ ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވާ ދަތިތަކާއި ކުލި ކުޑަކޮށްދިނުމަށް އެދުމުގެ ގޮތުން ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމާއި ގުޅޭގޮތުން ހިޔާ ރައްޔިތުންގެ ގުޅުމުން މީޑިއާގައި ބުނީ ފްލެޓުތަކުގެ ކުލި ކުޑަކޮށްދިނުމަށް ތިން ހުށަހެޅުމެއް ރައީސް ސޯލިހު ހުށަހެޅުއްވި ކަމަށެވެ.

އެއީ ހިޔާ ފްލެޓްގެ ފިނިޝިން މަސައްކަތަށް ފްލެޓްގެ ވެރިން ނަގާފައިވާ ލޯނުތައް ދައްކަން ޖެހޭ މުއްދަތަށް ކުލި ކުޑަކޮށްދިނުން، ސާވޭއަކަށް ފަހު ކޮންމެހެން ކުލި ކުޑަކޮށްދޭން ޖެހޭ މީހުންނަށް އެކަން ސަރުކާރުން ކޮށްދިނުމުގެ އިތުރުން އެންމެންނަށް ސަރުކާރުން ކުލި ކުޑަކޮށްދިނުމެވެ.

އެ ގުޅުމުން ބުނީ މި ހުށަހެޅުންތަކާއި މެދު ގޮތެއް ނިންމާނީ ކޮމިޓީ އާއި މަޝްވަރާ ކުރުމަށް ފަހު ކަމަށް ރައީސް ވިދާޅުވި އެވެ. އެ ބައްދަލުވުމަށް ފަހު ހިޔާ ރައްޔިތުންގެ ގުޅުމާއި އަދި އެއްފަހަރު ބައްދަލު ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށް ބުންޏެވެ.

ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ މީހުން ބޭނުންވަނީ 5،500 އަށް ކުލި ކުޑަކުރާށެވެ. އެކަމަކު މީގެ ކުރިން ސަރުކާރުން ބުނަމުންދަނީ އެ ޓަވަރުތައް އަޅަން ނަގާފައިވާ ލޯނުގެ ބޮޑު ކަމުން ކުލި ކުޑަކުރެވެން ނެތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް