މިރެއަކީ ފުޓްސަލް ގެ ބޮޑު ރެއެކެވެ. ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމުގައިވާ ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގެ ފައިނަލް މެޗު ކުޅޭ ރެއެވެ.
102 ޓީމު ބައިވެރިވި މި މުބާރާތުގެ ފައިނަލް މެޗާއި ހަމައަށް އައި އިރު، ފައިނަލުގައި މިރޭ ބައްދަލުކުރާނީ ލާމު ގަން ފުޓްސަލް ޓީމާއި ގދ ވާދޫ ފުޓްސަލް ޓީމެވެ. ދެ ޓީމުވެސް ފަައިނަލާއި ހަމައަށް އައީ މޮޅު ކުޅުމެއް ދައްކާ މި މުބާރާތުގައި ވާދަކުރި ވަރުގަދަ ޓީމުތަކެއް ބަލިކުރުމަށް ފަހުގައެވެ.
ލާމު ގަން ފުޓްސަލް ޓީމު ފައިނަލަށް އައީ މި މުބާރާތުގެ ސެމީ ފައިނަލުގައި ފުޓްސަލް އަށް މަޝްޙޫރު އަލީ ހާފިޒް (ހާއްޕެ) ގެ ކެޕްޓަން ކަމުގެ ދަށުން ކުޅެމުން އައި އިނގުރައިދޫ ބަލިކުރުމަށް ފަހުގައެވެ. އަދި ވާދޫ ޓީމުން މުބާރާތުގެ ފައިނަލަށް އައީ ޕެނަލްޓީގައި ކުޑަހުވަދޫ ބަލިކުރުމަށް ފަހުގައެވެ.
މި މުބާރާތުގައި މުޅިން އަލަށް ފައިނަލު ކުޅޭ ވާދޫ އާއި ދެކޮޅަށް ނުކުންނަ ގަން ޓީމުން ވަނީ މީގެ ކުރިން 2018 ވަނަ އަހަރުގައި ބޭއްވި މުބާރާތުގައި ވެސް ފައިނަލް ކުޅެފައެވެ. މިއީ ގަން ފުޓްސަލް ޓީމުން މި މުބާރާތުގެ ފައިނަލުގައި ވާދަކުރާ ދެވަނަ ފަހަރެވެ. 2018 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ގަން ފުޓްސަލް ޓީމުން ވާދަކުރީ މާފަންނާއެވެ. މެޗު އެއްވަރުވެ ޕެނަލްޓީގައި މާފަންނު އަތުން ގަން ވަނީ ބަލިވެފައެވެ.
މިރޭގެ ފައިނަލް މެޗަށް ގަން ފުޓްސަލް ޓީމުން ނުކުންނާނީ 2018 ވަނަ އަހަރުގެ މުބާރާތުގެ ހިތި ހަނދާންތައް އެއްފަރާތްކޮށް މިރޭގެ ފައިނަލް ކާމިޔާބު ކޮށް މުބާރާތުގެ ތަށި ނެގުމަށް ކަން ޔަގީނެވެ. އެހެން ކަމުން މިރޭގެ މެޗު ކާމިޔާބު ކުރުމަށް ގަން ފުޓްސަލް ޓީމުން ނުކުންނާނީ ވަރަށް ރޭވުންތެރިކަމާއި އެކުގައިކަން ޔަގީނެވެ.
މިރޭގެ މެޗާއި ގުޅޭގޮތުން ދުވަސް އޮންލައިން އާއި ވާހަކަ ދައްކަމުން ލ ފުޓްސަލް ޓީމުގެ ކެޕްޓަން ހުސެއިން ޝަރީފް ( އޮންލީ ) ބުނީ މިރޭގެ މެޗާއި މެދު އިތުރަށް ދައްކާނޭ މާ ގިނަ ވާހަކައެއް ނެތް ކަމަށާއި މިރޭގެ މެޗަށް ނުކުންނާނީ ސީދާ މޮޅުވެގެން ތަށި ނެގުމަށް ކަމަށެވެ.
އޮންލީ ބުނީ މިވަގުތު ހުރިހާ ވިސްނުމެއްވެސް ހުރީ މިރޭގެ މެޗަށް ކަމަށާއި ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ތިބީ މިރޭގެ މެޗަށް ވަރަށް ރަނގަޅަށަ ތައްޔާރުވެގެން ކަމަށެވެ. އަދި އެންމެ ކުޅުންތެރިއެއް ފިޔަވައި އަނިޔާގެ މައްސަލައެއް ވެސް ޓީމުގައި ނޫޅޭ ކަމަށް އޮންލީ ބުންޏެވެ. އަދި ސީނިއަރ ހުރިހާ ކުޅުންތެރިން ވެސް ތިބީ މިރޭގެ މެޗަށް ފިޓްކޮށް ކަމަށް އޭނާ ބުންޏެވެ.
" މިރޭގެ މެޗާއި ބެހޭގޮތުން އިތުރަށް ދައްކާނެ ވާހަކައެއް ނެތް. މިރޭގެ މެޗަށް ނުކުންނާނީ ސީދާ މޮޅެއް ހޯދާ ތަށިނަގަން. ހުރިހާ ކުޅުންތެރިންގެ ވެސް އުންމީދަކީ މިއީ.' ދުވަސް އާއި ވާހަކަ ދައްކަމުން ކެޕަޓަން ހުސެއިން ޝަރީފް (އޮންލީ) ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް