ރޯދައާ ދިމާކޮށް މާލޭ މަގުމަތީގައި ކުނި ގިނަވާތީ އީޕީއޭގެ ކަންބޮޑުވުން

ރޯދަ މަހާއި ދިމާކޮށް މާލޭގެ މަގުމަތީގައި ކުނި ގިނަވަމުންދާތީ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ. އީޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ އެހެން އަހަރުތަކެކ...

19 Mar 2023 | 09:09

ރޯދަ މަހާއި ދިމާކޮށް މާލޭގެ މަގުމަތީގައި ކުނި ގިނަވަމުންދާތީ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އީޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރެއާއި އާންމުކޮށް މީހުން ބޭނުންކުރާ ތަންތަން ސާފުކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ކުނި އުފެދިގެންދާކަމަށެވެ. އެފަދަތައް ކުނި މަގުމައްޗަށާއި ދުވާރުމައްޗަށް ނެރެ ބަހައްޓަމުންދާކަން ފާހަގަ ކުރެވޭ ކަމަށް ބުންޏެވެ.

އީޕީއޭއިން ބުނީ މިކަމަކީ މާލޭގެ މަގުތައް ނުސާފުވެ މަގުތައް ބޭނުންކުރާ ފަރާތްތަކަށް ދަތިތައްދިމާވެ އަދި ސިއްޙީގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ. އަދި މަގުމައްޗަށާއި ހުސްކޮށްހުންނަ އިމާރާތްތަކަށާއި އާންމު ސަރަހައްދުތަކަށް ކުނިބުނި ނޭޅުމަށް އިލްތިމާސް ކުރާ ކަމަށް ބުންޏެވެ.

މީގެ އިތުރުން ގެއާއި ގޯތިތެރެ ސާފުކުރުމުގެ ކަންކަން ކުރިއަށް ގެންދިޔުމުގައި ކުރީބައިގައި ކުނި އުކާލެވޭނެ އިންތިޒާމު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާއި ގުޅައިގެން ހަމަޖެއްސުމަށް އެދޭ ކަމަށް ބުންޏެވެ.

އެ އިދާރާއިން ބުނީ އެތަނުގެ ހުއްދަ ލިބިގެން ނޫނީ އެއްވެސް ތަނަކަށް ކުނި އެޅުމާއި އުކުމަކީ ކުނި މެނޭޖުކުރުމާބެހޭ ގަވާއިދުގެ 11 ވަނަ މާއްދާގެ ދަށުން މަނާކަމެއް ކަމަށެވެ. އެހެންކަމުން، އެންމެހާ ފަރާތްތަކުންވެސް ކުނި މެނޭޖުކުރުމާބެހޭ ގަވާއިދާ އެއްގޮތަށް ކުނި މެނޭޖުކުރުމަށާއި އަދި މަގުތަކާއި، އާންމު ސަރަހައްދުތަކަށް ކުނިބުނި އުކާލުމުގެ ބަދަލުގައި އެތަންތަން ސާފުކޮށް ބޭއްވުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސް ކުރާ ކަމަށް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް