އަރަބިއްޔާ ސްކޫލްގެ ދަރިވަރުން މޫނު ބުރުގާ ނާޅަން އެޑިއުކޭޝަން މިނިސްޓްރީން އަންގައިފި އެވެ.
އެ ސްކޫލްގެ ޔުނިފޯމްގައި އެއް އިރެއްގައިވެސް މޫނު ބުރުގާއެއް ނުހިމެނެ އެވެ. އެކަމަކު އެ ސްކޫލްގެ އަންހެން ދަރިވަރުންގެ ޔުނިފޯމް ކޯޓުގައި ބުރުގާ އެޅުމަކީ މަޖުބޫރު ކަމެކެވެ.
އެ ސްކޫލްގެ ބެލެނިވެރިން މީޑިއާގައި ބުނީ މޫނު ބުރުގާ އަޅާ10 ވަރަކަށް ދަރިވަރުން އުޅޭ ކަމަށެވެ. އެ ކުދިން ޔުނިފޯމް ކޯޓާއި އެއްގޮތަށް ބުރުގާ އެޅުމަށް އެޑިއުކޭޝަން މިނިސްޓްރީން ހަނދާން ކޮށްދިނީ މިދިޔަ ޑިސެމްބަރު28 ވަނަ ދުވަހު ފޮނުވި އެންގުމަކުންނެވެ.
ބެލެނިވެރިން ބުނީ އެ އެންގުން ތަންފީޒު ކުރުމުގެ ގޮތުން ސްކޫލް މެނޭޖްމެންޓުން އެ ދަރިވަރުން ދެނެގަނެ، ދަރިވަރުންގެ ބެލެނިވެރިންނާއި ވާހަކަ ދައްކާފައިވާ ކަމަށެވެ.
އެ ބެލެނިވެރިން މީޑިއާގައި ބުނީ އެއީ ބިރު ދެއްކުމުގެ އެންގުމެއް ކަމަށެވެ. އަދި މިނިސްޓްރީގެ އެންގުން ބަލައި ނުގަންނަ ކަމަށް ބުނެފައިވެ އެވެ.
އަރަބިއްޔާ އުފެއްދީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އެވެ. އެކަމަކު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުން ފެށިގެން އަރަބިއްޔާ ސްކޫލާއި މެދު އަމަލު ކުރަން ފެށި ބައެއް އުސޫލުތަކުގެ ސަބަބުން މިހާތަނަށްވެސް ބެލެނިވެރިންގެ ޝަކުވާތައް ނުހުއްޓެ އެވެ.
އެގޮތުން އިމާރާތް ބަދަލު ކުރުމާއި މުދައްރިސުން ގެންނަ ގައުމުތަކަށް ބަދަލު ގެނައުމާއި ކުރިން އަމަލު ކުރަމުން އައި ބައެއް ގަވައިދުތަކަށް ބަދަލު ގެނައުމުން އަބަދުވެސް އަރަބިއްޔާ ބެލެނިވެރިން ދަނީ ކޮންމެސް ކަމަކާއި ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް