މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންނަށް ރޯދަ އިނާޔަތާއި އެކު ހަދިޔާއެއް ދޭން ނިންމައިފި އެވެ.
އެ ކުންފުނިން މިއަދު މުވައްޒަފުންނަށް ފޮނުވި ސާކިއުލާގައި ބުނީ ރޯދަ އިނާޔަތުގެ ގޮތުގައި ދިނުމަށް ގާނޫނުން ލާޒިމް ކުރާ 3،000 ރުފިޔާ މިއަދު މުވައްޒަފުންނަށް ޖަމާކޮށްދޭނެ ކަމަށެވެ. އެއާއެކު ހަދިޔާގެ ގޮތުގައި އިތުރު 2،000 ރުފިޔާ ޖަމާކޮށްދޭނެ ކަމަށްވެސް ބުނެފައިވެ އެވެ.
އެ2،000 ރުފިޔާ އަކީ އެ ކުންފުނީގެ މަސައްކަތުގެ ބާވަތުން މުވައްޒަފުންގެ ފަރާތުން ރޯދަ މަހުގައި ކުންފުނީގެ މަސައްކަތަށް ބޭނުންވާ އަހަންމިއްޔަތުކަން ފާހަގަކޮށް ރޯދަމާއި ގުޅުވައިގެން ދޭ ހަދިޔާ އެއް ކަމަށް ބުންޏެވެ. މިއާއި އެކު އެމްއޭސީއެލް މުވައްޒަފުންނަށް ރޯދައަށް5،000 ރުފިޔާ ލިބޭނެ އެވެ.
އެމްއޭސީއެލްގެ އިތުރުން ސަރުކާރު މުވައްޒަފުންނަށްވެސް މިއަދު ރޯދަ އެލަވަންސް ޖަމާކޮށްދޭނެ އެވެ.
ގާނޫނު ބުނާގޮތުން ރާއްޖޭގައި މަސައްކަތްކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރޯދަ މަސް ފެށުމުގެ ކުރިން އިނާޔަތުގެ ގޮތުގައި އެންމެ ކުޑަވެގެން 3،000 ރުފިޔާ ދިނުން ލާޒިމެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރު ރޯދަ މަސް ފެށެނީ އަންނަ ބުރާސްފަތި ދުވަހު އެވެ. ރޯދައަށް ހަނދު ބެލުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުގެ ރޭ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް