ރ. މީދޫ މުހައްމަދު އަނަސް މަރާލި މައްސަލައިގަ ދައުވާ ލިބޭ މީހުންގެ ބަންދަށް ލުއި ނުދޭން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
އަނަސް މަރާލީ ގްރޫޕަކުން ޖުލައި، 2017 ގައި ލިޓަސް ސާވިސް ސެންޓަރު ތެރޭގައި އެވެ. އެ މައްސަލައިގަ ދައުލަތުން ހަތް މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެ އެވެ.
މިއަދު އޮތް އަޑުއެހުމުގައި ދައުވާ ލިބޭ މީހުން އެދުނީ ކުރިޔަށް އޮތީ ރޯދަ މަހަށްވާތީ ބަންދަށް ލުއ ދިނުމަށެވެ. އެމީހުން ބުނީ ޝަރީއަތް ނިމެންދެން ބަންދު ކުރީ ހެއްކަން ނުފޫޒު ފޯރުވާފާނެތީ ކަމަށް ބުނެފައި ވީނަމަވެސް މިހާރު އެ ފުރުސަތު ނެތް ކަމަށް ގަބޫލު ކުރާ ކަމަށެވެ.
އެކަމަކު މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ އެ މީހުން ބަންދުކުރީ ހެއްކަށް ނުފޫޒު ފޯރުވުމުގެ އިތުރުން މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށެވެ. ގާޒީ ވިދާޅުވީ އަދިވެސް ބަންދުން ދޫކޮށްފިނަމަ މުޖްތަމައުގެ ސަލާމަތަށް ނުރައްކާވުމުގެ ފުރުސަތު އޮތުމުން ބަންދަށް ލުއި ނުދެވޭނެ ކަމަށެވެ.
މި މައްސަލައިގަ ދެން އޮންނާނީ ހުލާސާ ބަޔާން އިއްވުމެވެ. އެ އަޑުއެހުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހު އެވެ.
އަނަސްގެ މަރާ ގުޅިގެން ދައުލަތުން ދައުވާކުރި ކުޑަކުއްޖާގެ މައްޗަށް ހައި ކޯޓުން މިދިޔަ އަހަރު ވަނީ 18 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް