ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގެ ފައިނަލް މެޗު މިރޭ ކުޅެވޭއިރު، މި މުބާރާތުގެ ފައިނަލް މެޗަށް ކުރިމަތިލާ ދެ ޓީމަކީ ލާމު ގަމާއި ގދ ވާދޫއެވެ. މިރޭގެ ބޮޑު ފައިނަލް މެޗަށް ދެޓީމުންވެސް އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައެވެ. މުބާރާތުގެ ތާރީހުގައި ރަން އަކުރުން ރަށުގެ ނަން ލިޔެލުމަށެވެ. ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ޗެމްޕިއަނުންނަށް ވުމަށެވެ. މުޅި ރާއްޖޭގެ ސަމާލުކަން ހުއްޓިފައިވާ މި ފައިނަލް މެޗުވަނީ ގދ އަދި ލާމު އަތޮޅުގެ ރައްޔިތުންގެ އުންމީދުތަކާއި ވެސް ގުޅިފައެވެ.
މިރޭގެ ފައިނަލުގައި ބައްދަލުކުރާ ދެ ޓީމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން މިހާރުވަނީ ކަނޑުމަގުންނާއި ވައިގެ މަގުން މާލެ ދިއުމަށް ދަތުރުފަށާފައެވެ. ފައިނަލުގައި ކުޅޭ ދެ ޓީމަށް ސަޕޯޓުދިނުމަށެވެ. ކޮންމެއަކަށް މިއީ ފޯރިގަދަ ފައިނަލަކަށް ވާނޭކަން ޔަގީނެވެ. މި މެޗުގެ ފޯރި ހުރި ވަރު ސޯޝަލް މީޑިއާއަށް ބަލާލުމުންވެސް އެނގިފާޅުވެއެވެ.
ލާމު ގަމު ފުޓްސަލް ޓީމުން ވާދޫ ބަލިކޮށް މިރޭގެ މެޗުން މޮޅުވެ ތަށި ނެގުމަކީ މުޅި ލާމު އަތޮޅުގެ ރައްޔިތުން ކުރަމުން އަންނަ ފޮނި އުންމީދެކެވެ. ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތުގެ ތަށި ހައްދުންމައްޗަށް ގެނެސް ހައްދޫމަތީގެ ރައްޔިތުން ފަޚުރުވެރި ކުރުވަން މިރޭގެ މެޗުން މޮޅުވުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ޓީމުންނާއި ޓީމުގެ ސަޕޯޓަރުން ކުރާނެ ކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ.
މިރޭގެ މެޗާއި ގުޅޭ ގޮތުން ލާމު ގަމު ފުޓްސަލް ޓީމުގެ ކޯޗު އިސްމާއިލް ޝަރީފު ދުވަސް އޮންލައިނަށް މަޢުލޫމާތު ދެމުން ބުނީ މިރޭގެ މެޗަށް ޓީމު ނުކުންނަނީ ވަރަށް ވަރުގަދަ ރޫހަކާއި އަޒުމެއްގައި ކަމަށާއި ހުރިހާ ކުޅުންތެރިންގެ ވެސް އަދި އަދި ކޯޗުގެ ވެސް އަމާޒު ހިފާފައި ހުރީ ސީދާ ތައްޓަށްކަމަށެވެ.
އިއްސެ ބުނީ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ތަށި ހޯދުމަކީ ހަމަ އެކަނި މިފަހަރު މުބާރާތައް ކުރި އުންމީދެއް ނޫން ކަމަށާއި މީގެ ހަ އަހަރު ކުރިންސުރެވެސް މި މުބާރާތުގެ ތަށި ހައްދުންމަތީ ފަސްގަނޑުގައި ބެހެއްޓުމަކީ ކުރަމުން އައި އުންމީދެއް ކަމަށެވެ. އަދި މިއީ ލާމު ގަން ފުޓްސަލް ޓީމުން މި މުބާރާތުގެ ފައިނަލުގައި ވާދަކުރާ ދެވަނަ ފަހަރު ކަމަށާއި އެންމެ ފުރަތަމަ މި މުބާރާތުގެ ފައިނަލުގައި ވާދަކުރީ 2018 ވަނަ އަހަރުގައި ކަމަށެވެ. އަދި އެފަހަރު މާފަންނާއި ވާދަކޮށް ޕެނަލްޓީގައި ބަލިވެ ތަށި ގެއްލުނީ ކަމަށް ވެސް އިއްސެ ބުންޏެވެ.
އިއްސެ އިތުރަށް ބުނީ ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ތިބީ ވަރަށް ފިޓްކޮށް ކަމަށާއި މާ ބޮޑު އަނިޔާގެ މައްސަލައެއް ވެސް ޓީމުގައި ނެތްކަމަށެވެ. އަދި މިރޭގެ މެޗަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައްވެސް މިހާރުވެ ނިމިފައިވާ ކަމަށް ވެސް އިއްސެބުންޏެވެ. އަދި ސަޕޯތަރުންގެ އެހީއާއި އެކު މިރޭގެ މެޗު ކާމިޔާބު ކުރެވޭނޭ ކަމުގެ އުންމީދު ވަރަށް ބޮޑުކަމަށް ވެސް އޭނާ ބުންޏެވެ.
" އަހަރެމެންގެ ހުރިހާވެސް ވިސްނުމެއް ހުރީ މިރޭގެ ފައިނަލް މެޗަށް. އުންމީދަކީ މިރޭ ވާދޫ ބަލިކޮށް މުބާރާތުގެ ތަށި ނެގުން. ނަމަވެސް މިރޭގެ މެޗު އުނދަގޫވާނެކަން އެނގޭ. މޮޅުވާން ފަސޭހައެއް ވެސް ނުވާނެ. އެއީ ވާދޫ ޓީމަކިީ ވެސް ޓީމެއްގެ ގޮތުގައި ކުޅެ މޮޅުވެގެން ފައިނަލާއި ހަމައަށް އައިސްފައި އޮތް މޮޅު ޓީމެއް. ވަރުގަދަ ޓީމެއް. ނަމަވެސް އަހަރެމެން މަސައްކަތް ކުރާނީ ރަނގަޅު ކުޅުމެއް ދައްކާ ވާދޫ ބަލިކޮށް މުބާރާތުން ތަށި ނަގޭތޯ އިންޝާﷲ." ދުވަސްއާއި ވާހަކަ ދައްކަމުން އިއްސެ ބުންޏެވެ.
ކޯޗު އިސްމާއީލް ޝަރީފް އާއި ޓީމުގެ ކުޅުންތެރިން ފަދައިން މުޅި ލާމު ގަމާއި ފޮނަދޫއާއި އެ އަތޮޅުގެ ހުރިހާ ރަށެއްގެ ރައްޔިތުންގެ އުންމީދަކީ މިރޭގެ މެޗުން މ،ޮޅުވެ ލ ގަން ފުޓްސަލް ޓީމުން މުބާރާތުގެ ތަށި އުފުލާލާތަން ފެނުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް