ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި އިނާމު ދިނުމަށް ހަމަޖެހިފައިވަނީ ދިވެހި ދައުލަތަށް35 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ފަރާތްތަކަށެވެ.
ރައީސް އޮފީހުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ މި އެވޯޑަކީ އެފަދަ މުވައްޒަފުން އެމީހުންގެ މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި ގާބިލުކަމާއި އިހްލާސްތެރި ކަމާއެކު ކޮށްފައިވާ ހިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެންމެ ޝަރަފުވެރި އިނާމު ކަމަށެވެ.
މި އިނާމު ދޭނީ ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރުގެ ކުންފުންޏެއްގައި ނުވަތަ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތް ކުންފުންޏެއްގައި ހިދުމަތްކުރި ފަރާތްތަކަށެވެ. ހިދުމަތްކުރާ މުވައްޒަފެއްގެ ނަން އެ މުއައްސަސާއަކުން ނުވަތަ އެ ކުންފުންޏަކުން ނުވަތަ އެހެން ފަރާތަކުން ނުވަތަ އެ މުވައްޒަފު އަމިއްލައަށް އިނާމަށް ހުށަހެޅޭނެ އެވެ.
ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ އައްޑަނައަކާއި ޝަރަފުގެ ބެޖަކާއި ހަނދާނީ ލިޔުމެކެވެ.
މި އިނާމު ލިބޭ މީހުން ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވާފައިވާ "ގައުމީ އިނާމާބެހޭ ކޮމިޓީ" އިންނެވެ.
އިނާމަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 30 ވަނަ ދުވަހުގެ މެންދުރުފަހު 3:00 ގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް