ރަޝިއާ އާއި ދެކޮޅު މައުލޫމާތު ފަތުރާކަމަށް ބުނެ ޔޫޓިއުބަށް އެގައުމުގެ ސަރުކާރުން އިންޒާރު ދީފި އެވެ.
ރަޝިއާ ސަރުކާރުން ގޫގުލްއަށް ލިޔުމުން ފޮނުވި އިންޒާރުގައި ބުނެފައިވަނީ އެ ކުންފުނީގެ ސޯޝަލް މީޑިއާ ނެޓްވޯކް ޔޫޓިބުން ރަޝިއާ ރައްޔިތުންނާއި ދެކޮޅަށް އިންޒާރު ދޭ ވީޑިއޯތައް އާންމު ކުރަމުންދާ ކަމަށެވެ. އެކަން ވަގުތުން ހުއްޓާލުމަށް އަންގާފައިވެ އެވެ.
ރަޝިއާއިން ބުނީ އެ ވީޑިއޯއަކީ ރަޝިއާގެ ހަބަރު ފަތުރާ ވަސީލަތްތަކާއި ބެލަރުސްގެ ރެއިލްވޭ ސްޓޭޝަންތައް ވަގުތީގޮތުން ބަންދު ކުރަން ޖެހޭ ކަމަށް ބުނާ ވީޑިއޯއެއް ކަމަށެވެ. ރަޝިއާއިން ބުނީ އެއީ އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނިތަކުން ކުރަމުންދާ ރަޝިއާ އާއި ދެކޮޅު ކެމްޕެއިންގެ ދަށުން އާންުމު ކުރި ވީޑިއޯއެއް ކަމަށެވެ.
ރަޝިއާއިން ބުނީ ޔޫޓިއުބުން އެ ވީޑިއޯ އާންމުކޮށް ފެންނާނޭގޮތަށް ބެއިންދުމާއި އެ ވީޑިއޯ އަޕްލޯޑު ކުރި ޔޫސާއަށް ފިޔަވަޅު ނޭޅުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށެވެ. އަދި އެ އަމަލަކީ ދިރިއުޅުޅުމާއި ސިއްހަތަށް ދެވޭ އިންޒާރެއް ކަމަށް ބުނެފައިވެ އެވެ.
ރަޝިއާ ސަރުކާރުން ވަނީ ވިހާވެސް އަވަހަކަށް ޔޫޓިއުބްގައި ހުރި ރަޝިއާ އާއި ދެކޮޅު މައުލޫމާތުތައް ހިމެނޭ ކޮންޓެންޓުތައް ނެގުމަށް އަންގާފަ އެވެ. މި މައްސަލައިގަ ރަޝިއާގައި ހުންނަ ގޫގުލްގެ އޮފިޝަލް އަދި އެއްޗެއް ނުބުނެ އެވެ.
ޔޫކްރެއިންއަށް އަރައި ރަޝިއާއިން ކުރަމުންދާ ހަނގުރާމަ އާއި ދެކޮޅުކަން ދުނިޔޭގެ މަޝްހޫރު ސޯޝަލް މީޑިއާ ނެޓްވޯކުތައް ކަމަށްވާ ފޭސްބުކާއި ޓުވިޓާ އާއި އިންސްޓަގްރާމުން ވަނީ ހާމަކޮށްފަ އެވެ. އެކަމާއި ރުޅިއައިސްގެން ރަޝިއާ ސަރުކާރުން ވަނީ އެ ނެޓްވޯކުތައް ރަޝިއާގައި ބޭނުން ނުކުރެވޭ ގޮތް ހަދާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް