އޭވިއޭޝަން ކޮމާންޑުން ކުރާ މަސައްކަތަކީ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް ކުރާ މަސައްކަތެއް: މާރިޔާ

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑު (އެވްސެކޮމް)ގެ މުވައްޒަފުން 24 ގަޑިއިރު، އެއްވެސް ވަރުބަލިކަމެއްނެތި ކުރާ މަސައްކަތަކީ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރާ މަސައްކަތެއް ކަމަށް، މި...

19 Mar 2022 | 10:21

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑު (އެވްސެކޮމް)ގެ މުވައްޒަފުން 24 ގަޑިއިރު، އެއްވެސް ވަރުބަލިކަމެއްނެތި ކުރާ މަސައްކަތަކީ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރާ މަސައްކަތެއް ކަމަށް، މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ، އެވްސެކޮމްގެ މުވައްޒަފުންނަށް މަޤާމުގެ ކުރިއެރުން ލިބުނުކަމުގެ ލިޔުން ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު

ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން މިނިސްޓަރ މާރިޔާ ވިދާޅުވީ، ފަތުރުވެރިކަމަށް އިންތިހާއަށް ބަރޯސާވާ އަދި އެތެރޭގެ އުދުހުންތައް އިތުރުވެފައިވާ މިރާއްޖޭގެ 18 އެއަރޕޯޓުން ފުރާ އަދި ޖައްސާ ކޮންމެ ފްލައިޓަކާއި، އެފްލައިޓަކަށް އަރާ ކޮންމެ ފަސިންޖަރަކާއި، އެފްލައިޓަކުން އުފުލާ ކޮންމެ ފޮށްޓަކާއި ކާގޯއަކީ، ސަލާމަތީގޮތުން އެއްވެސް ނުރައްކަލެއް ނެތް އެއްޗެއްކަން ބަލާ، ކަށަވަރުކުރަނީ އެވްސެކޮމުންކަމަށެވެ.

މިގޮތުން، ފަސިންޖަރުންގެ ބޮޑީޗެކްކުރުމާއި ލަގެގްޗެކްކުރުމާއި މިނޫނަސް ސަލާމަތީގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ އިޖުރާޢަތުތަކެއް އެވްެސެކޮމްގެ ސެކިއުރިޓީ އޮފިސަރުން ފުރިހަމަކުރާއިރު، އާންމު ރައްޔިތުންނަށް ބައެއް ފަހަރު އުނދަގޫ ވިޔަސް، މިއީ އާޚިރުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރާ ކަންކަމަށްވާތީ، މިކަމުގައި ރައްޔިތުން ފުރިހަމަ އެއްބާރުލުން ދިނުން މުހިއްމުކަން މާރިޔާ ފާހަގަކުރެއްވިއެވެ.

މިއަދު ދުނިޔޭގެ ސަލާމަތީ ވެށްޓަށް އަންނަމުންދާ ބޮޑެތި ބަދަލުތަކުގެ އަސަރު ރާއްޖެ ހިމެނޭ ސަރަޙައްދަށްވެސް ފޯރަމުންދާކަން ފާހަގަކުރައްވާ، މިނިސްޓަރ މާރިޔާ ވަނީ، އަވަށްޓެރި ލަންކާޔަށް ދިން އީސްޓަރ ސަންޑޭ ޙަމަލާޔާއި، އ.ދ.މަހިބަދޫ ފަޅުގައި އަޅާފައިހުރި ލޯންޗުތަކެއްގައި ރޯކޮށްލުމާއި، މެއި 6ގެ ޓެރަރިސްޓް ޙަމަލާ ފަދަ ޖަރީމާތަކުން، ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ނުރައްކާ ރާއްޖެއަށް އޮތް މިންވަރު ހާމަވާކަމަށާއި، މިގޮންޖެހުންތަކާ ކުރިމަތިލުމުގައި އެވްސެކޮމްގެ ދައުރު ވަރަށް މުހިއްމުކަމަށް ވިދާޅުވެފައެވެ.

އެވްސެކޮމްގެ މުވައްޒަފުން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަންކުރައްވާ، ކޯވިޑް-19ގެ ދަތިއުނދަގޫ ހާލަތުގައިވެސް، 2013ގައި އެވްސެކޮމް އުފެދުނިއްސުރެ، މިހާތަނަށް އައިއިރު، މުވައްޒަފުންނަށް ނުލިބި އޮތް މަޤާމުގެ ކުރިއެރުން ލިބޭނެ މަގުފަހިކޮށްދެއްވިކަމަށްޓަކައި، އެވްސެކޮމްގެ ހުރިހާ މުވައްޒަފުންގެ ފަރާތުން، މިނިސްޓަރ މާރިޔާ ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ޝުކުރު އަދާކުރައްވާފައެވެ.

މިނިސްޓަރ މާރިޔާގެ ވާހަކަފުޅުގައި އެކަމަނާވަނީ، އެވްސެކޮމްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސުޕަރިންޓެންޑެންޓް އޮފް އޭވިއޭޝަން ސެކިއުރިޓީގެ މަޤާމަށް އަންހެން ބޭފުޅުން އައްޔަންކުރެވިގެންދާކަން ފަޚުރާއެކީ ފާހަގަކުރައްވާފައެވެ. އަދި އެ ދެ ބޭފުޅުންނަށް މަރުޙަބާ ވިދާޅުވެފައެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ މާރިޔާގެ އިތުރުން، އޭވިއޭޝަން ސެކިއުރިޓީގެ އިސްވެރިންނާއި މުވައްޒަފުންވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް