މިދިޔަ ޖެނުއަރީ މަހުން ފެށިގެން ފުލުހުންގެ ބޮޑު ކުރި މުސާރަ ދޭން ނިންމުމަށް ފަހު އެ މުސާރަ ނުދޭތީ އެކަމާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރާއި ސުވާލު ކުރަން ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ހުށަހަޅުއްވައިފި އެވެ.
މީގެ ކުރިން ރިޔާޒު ވަނީ އެ މައްސަލަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅާފައި އެވެ. އެކަމަކު އެ މައްސަލަ ކުރިޔަށް ނުގެންދާތީ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި އެވެ.
ފުލުހުންނަށް ބޮޑު ކުރި މުސާރަ ޖަމާކޮށްދިނުމަށް އެދި މިދިޔަ ޖެނުއަރީ މަހު ދެ ފަހަރު ފުލުހުންގެ އިދާރާއިން ފިނޭންސަށް ބޮޑު ކުރި މުސާރަ ޝީޓު ފޮނުވުމުން ވަނީ ކުރީގެ ޝީޓު ފޮނުވުމަށް އަންގައި އަނބުރާ މުސާރަ ޝީޓު ފޮނުވާލާފައި އެވެ. ފިނޭންސުން ބުނީ ބޮޑު ކުރި މުސާރަ ޖަމާކޮށްދެވޭނީ ކަމާ ބެހޭ ފަރާތްތަކާއި އެކު މަޝްވަރާކޮށްފައި ކަމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ފުލުހުންގެ އާ މުސާރައިގެ އޮނިގަނޑުގައި ހިމަނާފައިވާގޮތުން ލިވިން އެލެވެންސްގެ ގޮތުގައި ކޮންމެ ފުލުހަކަށް ހަތަރު ހާސް ލިބޭނެ އެވެ. މިހާރު އެ އެލެވެންސް ލިބެނީ މާލޭގައި ކުއްޔަށް އުޅޭ މީހުން އެކަން ބަޔާންކކޮށް ފުލުހުންގެ އިދާރާއަށް ހުށަހެޅުމުންނެވެ.
ރިޔާޒު މިނިސްޓަރާއި ސުވާލު ކުރެއްވުމަށް ހުށަހެޅި އިރު މީގެ ކުރިން އިދިކޮޅު މެންބަރުން ވަނީ އެތައް ސުވާލުތަކެއް ގިނަ މިނިސްޓަރުންތަކަކާއި ކުރަން ހުށަހަޅާފައި އެވެ. އެކަމަކު މަޖިލީހުގެ އެޖެންޑާގައި އެކަން ތާވަލް ނުކުރާ ކަމަށް ބުނެ އެ މެންބަރުން ޝަކުވާ ކުރައްވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް