އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އަށް އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު އަޑު އެހުމެއް އަންނަ އަންގާރަ ދުވަހަށް ތާވަލްކޮށްފި އެވެ.
މޭޑޭގެ މުޒާހަރާ އާއި ގުޅިގެން އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް ޖަލަށް ހުކުމް ކުރި މައްސަލައިގެ އިސްތިއުނާފު އަޑު އެހުމެއް ތާވަލް ކުރި މިއީ ދެވަނަ ފަހަރެވެ. އެ މައްސަލަ އިސްތިއުނާފު ކުރިތާ އަހަރެއްވާން ހަފްތާއެއްހާ ދުވަސް އިންދަ ތާވަލް ކުރި އަޑުއެހުންވެސް ވަނީ ކެންސަލް ކޮށްފައި އެވެ.
އަންގާރަ ދުވަހު އޮންނަ އަޑު އެހުން ތާވަލްކޮށްފައިވަނީ ހެނދުނު 10:15 އަށެވެ.
އެންމެ ފަހުން ބޭއްވި އިސްތިއުނާފު ޝަރީއަތުގައި އަޑުއެހުންތައް ނިންމާލާފައި ވީނަމަވެސް މާދަމާ އޮންނަ އަޑު އެހުމުގައި ހުކުމް ކުރާނެ ކަމަކަށް ނުބެލެވެ އެވެ. އެއީ އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނަވާ ފަނޑިޔާރު ޝުޖާއު އުސްމާނު ހައިކޯޓު ދެކުނު ގޮތްޕަށް ބަދަލު ކުރުމުންނެވެ. އަޑުއެހުންތައް ނިންމާލާފައި ވަނިކޮށް، ފަނޑިޔާރުންގެ ބެންޗަށް ބަދަލެއް އަތުވެއްޖެ ނަމަ އިތުރު އަޑުއެހުމެއް ބާއްވާނެ އެވެ.
އިމްރާން ޖަލަށްލާން ހުކުމް ކުރިޔަސް ޖަލުގެ މަރާމާތުތަކެއް ކުރަމުންދާތީ، މިދިޔަ އަހަރުގެ މެދު ތެރެއިން ފެށިގެން އޭނާ ހުންނަވަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް