ޓީބީ ނައްތާލުން، ސިއްހީ ދާއިރާ އަނެއްކާވެސް އިތުރު ހަރުފަތަކަށް

ރާއްޖެއިން ޓީބީ ނައްތާލުމަށް ކުރަންޖެހޭ މަސައްކަތާއި ގުޅޭގޮތުން ގްލޯބަލް ފަންޑާއި ސްޓޮޕް ޓީބީ ޕާޓްނާޝިޕާއި އެކު މަޝްވަރާ ކުރަން ފަށައިފި އެވެ. ހެލްތް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ...

18 Mar 2017 | 20:16

ރާއްޖެއިން ޓީބީ ނައްތާލުމަށް ކުރަންޖެހޭ މަސައްކަތާއި ގުޅޭގޮތުން ގްލޯބަލް ފަންޑާއި ސްޓޮޕް ޓީބީ ޕާޓްނާޝިޕާއި އެކު މަޝްވަރާ ކުރަން ފަށައިފި އެވެ.

ހެލްތް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ މަސައްކަތަށް އެހީވުމަށް ގްލޯބަލް ފަންޑުގެ ފައިޓް އެއިޑްސް، ޓީބީ އަދި މެލޭރިއާގެ އެގްޒެކެޓިވް ޑައިރެކްޓަރު ޑރ މާކް ޑައިބުލް އާއި ސްޓޮޕް ޓީބީ ޕާޓްނާޝިޕްގެ އެގްޒެކެޓިވް ޑައިރެކްޓަރު ޑރ. ލުޗިކާ ޑިޓުއީ ރާއްޖެ ވަޑައިގެންފައިވާ ކަމަށެވެ. އެބޭފުޅުންނާ އެކު އިއްޔެ އާއި މިއަދު މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށް ގެންދަން ހަމަޖައްސާފައިވާ ކަމަށެވެ.

އެ ބައްދަލުވުންތަކުގައި ހެލްތް މިނިސްޓްރީން ތައްޔާރުކޮށްފައިވާ، ރާއްޖެއިން ޓީބީ ނައްތާލުމާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ޓީބީ ޕްރޮގްރާމް ރިވިއު ކުރުމާއި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރޭގައި ޓީބީ ފެތުރޭ މިންވަރު ދަނެގަތުމާ މެދުވެސް މަޝްވަރާ ކުރެވޭނެ އެވެ. އޭގެ އިތުރުން، ރާއްޖޭގައި މަސައްކަތް ކުރާ މަދަނީ ޖަމިއްޔާތަކާއި ކަމާ ގުޅޭ އެހެން އިދާރާތަކާ އެކުވެސް އެ ބޭފުޅުން ބައްދަލު ކުރައްވައި މަޝްވަރާ ކުރަން ހަމަޖެހިފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

ޑަބްލިއުއެޗްއޯއިން ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ރާއްޖެ އަކީ ފައިލޭރިއާ ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅާފައި އެވެ. އެ އަމާޒަށް ވާސިލް ވުމަށް މިހާޜު އަމަލީގޮތުން މަސައްކަތް ފަށާފައިވަނީ ހިމަބިހި އަދި ރުބެއްލާ ނައްތާލުމަށެވެ.

އެ މަސައްކަތުގެ ދަށުން އެމްއާރު ވެކްސިން ދިނުމުގެ ގައުމީ ކެމްޕެއިނެއް ފަށާފައިވާއިރު ވެކްސިން ޖަހަން ޖެހޭ މީހުންގެ  32 ޕަސެންޓު މީހުންގެ ގަޔަށް ވަނީ ވެކްސިން ޖަހާފައި އެވެ. އެމްއާރު ވެކްސިން ޖަހަން ޖެހޭ 75،000 މީހުން އެބަ ތިބިކަމަށާއި އަމާޒަކީ 95 ޕަސެންޓު މީހުންގެ ގަޔަށް ވެކްސިން ޖެހުން ކަމަށް ހެލްތް މިނިސްޓްރީން ބުނެފައިވެ އެވެ.

އެމްއާރު ވެކްސިން ދިނުމުގެ ކެމްޕެއިން މިހާރު އޮތީ ހަލުވިކަމާއި އެކު ފެތުރެމުންދާ އެޗް1އެން1 ރޯގާ އާއި ގުޅިގެން މެދުކަނޑާލާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް