ރައީސް ޔާމީން އަނިޔާވެރިކަން އިސްކޮށްފި ކަމަށާއި މަޝްވަރާ ކުރުމުގެ ފުރުސަތު ރައީސް ޔާމީނަށް ދޭނޭ ކަމަށް އަދި އިތުރު ގޮތެއް ރައީސް ޔާމީނަށް ނޯންނާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް ސެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިމްރާން މިހެން ވިދާޅުވީ އެމްޑީޕީ އަދި އަދާލަތު ޕާޓީ ގުޅިގެން "އަނިޔާވެރިކަމާ ދެކޮޅަށް ދިވެހިން" މި ނަމުގައި ކާނިވާ ސަރަހައްދުގައި މިހާރު ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިމްރާން ވިދާޅުވީ އެއްވެސް ސަރުކާރަކީ ފުރިހަމަ ސަރުކާރެއްނޫން ކަމަށެވެ. މުޅިން ކުށްތަކުން އެއްކިބާ ސަރުކާރެއްވެސް ނޫން ކަމަށެވެ. ހެޔޮކަނ އިތުރުވެ ނުބައި ކަން މަދުނަމަ އެއީ ރަނގަޅު ސަރުކާރެއް ކަމަށެވެ. އަދި ނުބައި ގޯސް އިތުރުވެ އެ ސަރުކާރު ވެގެންދާނީ ނުބައި ސަރުކާރެއް، މި މިންގަނޑު އަބަދުވެސް އަދާލަތު ޕާޓީން ހިފަހައްޓާ ގަބޫލު ކުރާ ކަމަށެވެ.
ރައީސް ނަޝީދުގެ ސަރުކާރަށް ދެކޮޅަށް އެއްޗެއް ބުނަން ޖެހުނީ އެހިސާބަށް ކަންތައް ދިޔައިމަ ކަން ފާހަގަކޮށް އިމްރާން ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރުގެ ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު އިދިކޮޅަށް ނިކުތް ނަމަވެސް، އެމްޑީޕީގެ ލޮބުވެތި މެމްބަރުންނަށް އެއްވެސް ހިތްބުރަކަމެއް ނެތް ކަމަށެވެ. އަދި އޭރު ނިކުތީ ސަރުކާރު ޕޮލިސީތަކާ އަމަލުތަކާ ދެކޮޅަށޭ ކަމަށް އިމްރާން ވިދާޅުވި އެވެ.
"ރައީސް ޔާމީނަކާވެސް އެއްވެސް ޒާތީކަމެއް ނެތް، ކުރަން މިއުޅެނީ ސަރުކާރު ބަދަލުކުރުމުގެ މަސައްކަތެއް ނޫން، ކުރަން މިއުޅެނީ ގާނޫނު ހިލާފު މަސައްކަތެއް ވެސް ނޫން، ރިޔާސީ އިންތިހާބުގެ ކޯލީޝަނެއްވެސް ނޫން، ކުރަން މިއުޅެނީ ކުރަމުންދާ އަނިޔާތައް ހުއްޓުވާ ހައްގު ހޯދުމުގެ ބޮޑު މަސައްކަތް" އިމްރާން ވިދާޅުވި އެވެ.
އިމްރާންގެ ވާހަކައިގާ އިތުރަށް ވިދާޅުވީ ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމަކީ މުޅި ހަޔާތް މިލިޓަރީގަ އުޅެ، ހަތިޔާރު ބޭނުން ކުރުމުގެ އެންމެހާ އުކުޅުތައް އެނގޭ ފަރާތަކަށް ވާއިރު ބާލީސްދަށުގައި ބަޑި ބާއްވައިގެން އުޅޭ ވާހަކައާއި ޕެންޑްރައިވްގައި އުމަރު ސުންބުލިހެން މައުލޫމާތު ނެގުން އެއީ ބޮޑުވެގެންވާ ޖޯކެއް ކަމަށެވެ.
އަދި ގާސިމާމެދު ކަންކުރަމުންދާ ގޮތަކީ 80ގެ އަހަރުތަކުގެ ތެރޭގައި ވެރިންނާ ހިޔާލުތަފާތުވި ވިޔަފާރި ބަނގުރޫޓު ކޮށްލަން އަމަލުކުރި އުސޫލު ކަމަށް އިމްރާން ވިދާޅުވި އެވެ.
އިމްރާން އިތުރަށް ވިދާޅުވީ މިކަން ކުރާނީ ގާނޫނީ ތަރަހައިގެ ތެރޭން ކަމަށާއި ނިކުތީކީ ރައީސް ޔާމީންގެ ސަރުކާރު ނިމުމަކަށް ގެނައުމަށް ފޫގަޅައިގެން ނޫން ކަމަށެވެ. އަދި ހައްގު ހޯދަން ކުރާ މަސައްކަތުގައި ސާބިތު ކަމާއެކު ނިކުމު ގާނޫނު އަސާސީގެ ތަރަހައިގެ ތެރޭގަ ކުރެވެންހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް