ރައީސް ނަޝީދުގެ މައްޗަށް ކުރި 13 އަހަރަށް ޖަލުހުކުމުގެ ރިޕޯޓް ނުލިބުމަކީ ރައީސް ނަޝީދުގެ އިސްތިއުނާފް ހައްގަށް ހުރަސްއެޅުން ކަމަށާއި އެކަމާ ނުހަނު ކަންބޮޑުވާކަމަށް ރައީސް ނަޝީދުގެ ވަކީލުން ވިދާޅުވެއްޖެ އެވެ.
މިކަމާ ގުޅިގެން ރައީސް ނަޝީދުގެ ވަކީލުންގެ ޓީމުން ދެންމެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/4 ޢާންމު ސިޓީ (21 މާރޗް 2010) ގެ 1 (ހ) ގެ ދަށުން، ކޮންމެ ކޯޓަކުންވެސް އެ ކޯޓަކުން ނިންމާ މައްސަލައިގެ ފާހަގަކުރެވިފައިވާ ނުކުތާތަކާއި، އެ މައްސަލައިގައި ކޮށްފައިވާ ޙުކުމް ހިމެނޭ ޚުލާސާ ރިޕޯޓެއް މައްސަލައިގައި ހިމެނޭ ފަރާތްތަކަށް މައްސަލައިގެ ޙުކުމްކުރާ ދުވަހު ދޫކުރަންޖެހެއެވެ. އެހެންނަމަވެސް، މިމައްސަލައިގައި، މައްސަލަ ނިންމާ ދުވަހު ދޭންޖެހޭ ޚުލާސާ ރިޕޯޓު ލިބިފައިވަނީ މިއަދު، 19 މާރޗް 2015 ތާރީޚުގައި ކަމަށެވެ.
އަދި މައްސަލަ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓަކީ ޝަރީޢަތަށް ފާހަގަކުރެވޭ ނުކުތާތަކާއި، ޙުކުމްގެ މައްޗަށް އެކަނި ބިނާވާ ރިޕޯޓެއްކަމަށްވާއިރު، ހެކިންގެ ބަޔާންތަކާއި، ދެ ޚަސްމުންގެ ބަޔާންތައް އެރިޕޯޓުގައި ނުހިމެނޭނޭތީ، ޝަރީޢަތަށް ފާހަގަކުރެވުނު ނުކުތާތަކާއި، ޙުކުމް ބިނާކޮށްފައިވަނީ، އެ ބަޔާންތަކުގެ މައްޗަށް ރަނގަޅަށް ރިޢާޔަތްކުރެވިގެންތޯ ބެލުމަކީ ފުރިހަމަ ރިޕޯޓު ނުލިބި ކުރެވޭނޭ ކަމެއް ނޫން ކަމަށް ރައީސް ނަޝީދުގެ ވަކީލުންގެ ޓީމުން ވިދާޅުވެފައި ވެ އެވެ.
ގާނޫނީ ވަކީލުންގެ ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ ދަށު ކޯޓުން ނިންމާ މައްސަލަތައް، އެމައްސަލައިގައި ޙުކުމް ކުރެވޭ ތާރީޚުން ފެށިގެން، 10 ދުވަހުގެ ތެރޭގައި އިސްތިއުނާފްކުރުމަށް ހުށަހަޅަންޖެހޭއިރު، މިހާތަނަށްވެސް މިމައްސަލައިގެ ރިޕޯޓު ނުލިބި އޮތުމަކީ، ރައީސް މުހައްމަދު ނަޝީދުގެ އިސްތިއުނާފްގެ ހައްޤަށް ހުރަސްއެޅިގެންދާ ކަމެއް ކަމަށާއި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު ދޫކުރުން ކްރިމިނަލް ކޯޓުން ލަސްކުރަމުން ގެންދާތީ، އެކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ސަމާލުކަމަށްވެސް ވާނީ ގެނެވިފައިވާކަމަށެވެ. އެހެންނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯޓުން އެކަމުގައި އަދި ވަކި ޖަވާބެއް ދެއްވާފައެއް ނުވާ ކަމަށްވެސް އެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް