މިދިޔަ އަހަރަކީ އެންމެ ގޮންޖެހުންތަކާއި ކުރިމަތިވި އަހަރު: އެޗްއާރުސީއެމް

މިދިޔަ އަހަރަކީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސްގެ 11 އަހަރުގެ ހަޔާތުގައި އެންމެ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވި އަހަރު ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ. އެޗްއާރްސީއެމުން މިއަދު ނެރުނު...

19 Mar 2015 | 10:41

މިދިޔަ އަހަރަކީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސްގެ 11 އަހަރުގެ ހަޔާތުގައި އެންމެ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވި އަހަރު ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އެޗްއާރްސީއެމުން މިއަދު ނެރުނު އެ ކޮމިޝަނުގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައިވަނީ ކޮމިޝަނުގެ ހަޔާތުގައި އެންމެ ބޮޑު ގޮންޖެހުމަކަށް ކުރިމަތިލާން ޖެހުނު ކަމަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އދ. ގެ ހިއުމަން ރައިޓްސް ކައުންސިލަށް ރާއްޖޭގެ ފާއިތުވެދިޔަ ހަތަރު އަހަރުގެ އިންސަނީ ހައްގުތަކުގެ ހާލަތު ދިރާސާ ކުރުމަށްފަހު، އެ ކޮމިޝަނުން ހުށަހެޅި ޔުނިވާސަލް ޕީރިއޮޑީކް ރިވިއުގެ ރިޕޯޓާ ގުޅިގެން ސްޕްރީމް ކޯޓުން އެ ކޮމިޝަނާ ދެކޮޅަށް އުފުލި މައްސަލަ ކަމަށެވެ.

އެ ރިޕޯޓުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުން އެޗްއާރްސީއެމް އާއި ދެކޮޅަށް މައްސަލައެއް އުފުލާ ޝަރީއަތް ކުރިއަށް ގެންދިއުމުގެ ސަބަބުން ކޮމިޝަންގެ މުސްތަގިއްލު ކަމަށް ބުރޫއަރައި، އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ.

އެ މައްސަލާގައި ދެ ފަހަރުމަތިން ސްޕްރީމް ކޯޓުން އެޗްއާރްސީއެމްގެ މެމްބަރުން ކޯޓަށް ހާޒިރުކޮށް ޝަރީއަތް ހިންގާފައިވާ ކަމަށާއި ޝަރިއަތުގެ މަޖިލީހުގައި ފުރިހަމައަށް ޖަވާބުދާރީވެ، އެ ރިޕޯޓު ތައްޔާރުކުރެވުނު ގޮތާއި އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންކަން ބަޔާންކުރެވުނީ ކޮން ސަބަބުތަކަކާ ހުރެކެން ސާފުކޮށްދީފައިވާނެ ކަމަށް އެޗްއާރްސީއެމްއިން ބުންޏެވެ.

އޭގެ އިތުރުން ދެން މިދިޔަ އަހަރު އެ ކޮމިޝަށް ކުރިމަތިވި ގޮންޖެހުމަކީ  ށ. ފޭދޫ 15 އަހަރުގެ އަންހެން ކުއްޖަަކަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލައަކާއި ގުޅިގެން އެޗްއާރްސީއެމުން 29 އޭޕްރީލް 2013 ގައި ހައިކޯޓުގައި އެ އަންހެން ކުއްޖާއާ ގުޅޭގޮތުން ކުރިއަށްދިޔަ ޝަރާއަތަށް ތަދައްހުލްވެ ހުށަހެޅި ސިއްރު ރިޕޯޓުގެ މައްސަލައެއްގައި ޖުވަނައިލް ކޯޓުން އެ ކޮމިޝަނުގެ މެމްބަރުން ކޯޓަށް ހާޒިރުކޮށް ކުރިމަތި ކުރުވި މައްސަލައެވެ. އެ ކޮމިޝަނުން ބުނީ މިނިވަން މުއައްސަސާއަކުން ދައުލަތުގެ މުއައްސަސާއަކަށް ފޮނުވާފައިވާ ސިއްރު ރިޕޯޓަކާއި ގުޅޭގޮތުން ކޯޓަކުން ސުވާލުކުރުމަކީ ކޮމިޝަނުގެ މުސްތަގިއްލު ކަމަށް ބުރޫއަރައި، އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް ކުރަމުންދާ މަސައްކަތަށް ކުރިމަތި ގޮންޖެހުމެއް ކަމަށް ދެކޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް