ނުރައްކާތެރި ހަތިޔާރު ގެންގުޅުނު ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކޮށްފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ހަށިގަނޑަށް ގެއްލުންވާފަދަ ބައްޔެއް ހުރުމުން ރާއްޖެއިން ބޭރަށް ދިއުމުގެ އަމުރަށް ކޯޓުގައި އެދިއްޖެ އެވެ.
މިއަދު ބޭއްވި ނާޒިމްގެ ޝަރީއަތުގެ މަޖިލީހުގައި ނާޒިމްގެ ވަކީލުން ވިދާޅުވެފައިވަނީ ނާޒިމް ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރަން ޑޮކްޓަރު ލަފާދެއްވާތީ އެކަމަށް ހުއްދަދިނުމަށް ފަނޑިޔާރުންގެ އަރިހުން އެދޭ ކަމަށެވެ. ވަކީލުން ވިދާޅުވެފައިވަނީ ޑޮކްޓަރުންގެ ރިޕޯޓްތައް ބުނާގޮތުން ނާޒިމްގެ ހަށިގަނޑަށް ގެއްލުންވާފަދަ ނުރައްކާތެރި ބައްޔެއް ހުރުމުން އިތުރު ޓެސްޓް ތަކެއް ހެދުމަށް ބޭރަށް ފުރުމަށް އެދޭ ކަމަށެވެ.
ނާޒިމްގެ ވަކީލުން އެގޮތަށް އެދުމުން ފަނޑިޔާރުން ވިދާޅުވީ، މެޑިކަލް ފޯމް ހުށަހެޅުމުން އެކަމަށް ގޮތެއް ނިންމާނެ ކަމަށެވެ.
ނާޒިމް ބޭރަށް ފުރުމުގެ ހުއްދައަށް އެދިވަޑައިގެންނެވި އިރު ނާޒިމް މިހާރު ހުންނެވީ ގޭބަންދަށް ބަދަލުކޮށްފަ އެވެ. އެގޮތަށް ފަނޑިޔާރު ނިންމެވީވެސް އޭނާގެ ސިއްހީ ހާލުކޮޅު ތަން ނުދޭތީ އެކަމަށް އެދުމުންނެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ނާޒިމް އާއި ދެކޮޅަށް ދައުލަތުން ހުށަހަޅަން ހަމަޖެހިފައިވާ ތިން ހެކިވެރީންގެ ތެރެއިން އެއް ހެކިވެރިއަކު ހެކި ބަސް ދީފަވާއިރު އަނެއް ދެ ހެކިވެރިންނަށް ހެކި ބަސް ނުދެވުނީ ސުވާލުތައް ދިގުލައިގެން ދިއުމުންނެވެ.
މިއަދުގެ މަޖިލީހުގައި ދައުލަތުން ނާޒިމާއި ދެކޮޅަށް ހުށަހެޅި ފޮޓޯތަކަކުން ނާޒިމްއަށް އެރޭ ނުފެންނަ ގޮނޑިއެއް ނާޒިމްގެ ކޮޓަރީގައި ހުރިކަން ނާޒިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ ފާހަގަ ކުރައްވާފަ އެވެ.
އެކަން ފާހަގަ ވެފައިވަނީ އިއްޔެގެ ޝަރީއަތުގައި ކޮޓަރި ބަލާ ފާސްކުރި އިރު ގޮނޑިއެއް ބޭނުންކޮށްފައި ނުވާކަމަށް ނާޒިމް ވިދާޅުވެފައި ވަނިކޮށް އިއްޔެ ސިއްރުން ހެކި ބަސް ދިން މީހަކު އެރޭ އެ ކޮޓަރީ ސީލިންގުކައިރީ ހަރުކޮށްފައި ހުރި ކަބަޑެއް ބަލާ ފާސްކުރަން ސިޓިންރޫމުން ގޮނޑިއެއް ގެނައި ކަމަށް ބުނުމުންނެވެ. ނަމަވެސް މިއަދު ހެކިބަސް ދެމުން ނާޒިމްގެ ގެ ބަލައި ފާސްކުރުމުގައި ހަރަކާތްތެރިވި ސީން އޮފް ކްރައިމް އޮފިސަރު މުހައްމަދު އަރީފް ގޮނޑިއަކަށް އަރައިގެން ތަނެއް ބަލާ ފާސްކުރަނިކޮށް ފޮޓޯ ނަގާފައި ނުވާނެ ކަމަށް ވިދާޅުވުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް