މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބާ ފާހަގަ ކުރުމަށް ޤައުމީ ފެންވަރުގައި ހިންގާ ޙަރަކާތްތަކުގައި ފުލުހުންގެ ފުރިހަމަ ބައިވެރިވުން ދިނުމުގެ އިތުރުން ފުލުހުންގެ މުއައްސަސާއިން ޚާއްޞަ ޙަރަކާތްތަކެއް ހިންގަން ހަމަޖައްސައިފިއެވެ.
ފުލުހުން ބުނީ ފުލުހުންގެ ތެރޭގައި މިނިވަން 50 އާއި ގުޅިގެން ހިންގަން ހަމަޖެހިފައިވާ ޙަރަކާތްތަކުގެ ތެރޭގައި ފުލުހުންނަށް ޚާއްޞަ ކޮށްގެން ސްޕޯޓްސް މީޓެއް ބޭއްވުމާއި ޤައުމިއްޔަތާއި މިނިވަންކަމުގެ ރޫހް އިތުރު ކުރެވޭނެފަދަ އެހެނިހެން ޙަރަކާތްތައް ގެންދިއުން ހިމެނޭ ކަމަށެވެ.
އިއްޔެ އޮތް މެނޭޖްމަންޓް ބޯޑުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވެފައިވަނީ މިނިވަން ކަމަށް 50 އަހަރު ފުރިގެން މިދާ ތާރީޚީ މުނާސަބާ ފާހަގަ ކުރުމަށް ސަރުކާރުން ހިންގާ ހުރިހާ ޙަރަކާތްތަކެއްގައިވެސް ދިވެހި ފުލުހުންގެ ފުރިހަމަ ބައިވެރިވުން ދެއްވަން ފުލުހުންގެ އެގްޒެކެޓިވް ބޯޑުން ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން ފުލުހުންނަށް ޚާއްޞަ ކޮށްގެން އެކި ދުވަސްތަކަށް ބަހާލައިގެން ތަފާތު ޙަރަކާތްތައް ގެންދަން ހަމަޖެހިފައިވާ ކަމުގައިވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.
މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ފުލުހުންގެ ތެރޭގައި ބާއްވާ ސްޕޯޓްސް ފެސްޓިވަލްގައި ގިނަ ކުޅިވަރުތަކެއް ހިމެނުމަށް ވަނީ ހަމަޖެހިފައިވާކަމަށްވެސް ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް